ޗައިނާ

ޗައިނާއަށްދާ މީހުން ޓެސްޓް ކުރާނީ އޭޑީކޭއިން

ދިވެހިރާއްޖެއިން ޗައިނާއަށް ދަތުރުކުރާ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރާނީ އޭޑީކޭ ހޮސްޕިޓަލުން ކަމަށް ކަނޑައަޅައިފި އެވެ.

އެކަން ހާމަކޮށްފައިވަނީ ޗައިނާ ސަފީރު މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައިވާތާ މަސްތަކެއް ފަހުން އަލުން ބޯޑަރުތައް ދަނީ ހުޅުވާލަމުންނެވެ. އެކި ގައުމުތަކުން ވަނީ ރައްކާތެރިކަމުގެ ތަފާތު ފިޔަވަޅުތައް އަޅާފައެވެ.

އެގޮތުން ޗައިނާ ސަރުކާރުން ވަނީ އެ ގައުމަށް އެތެރެވާ ހުރިހާ މީހުން ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވްވި ނަތީޖާ ނެތި ދަތުރުނުކުރެވޭ ގޮތަށް ހަމަޖައްސާފައެވެ.

ޗައިނާ ސަފީރު ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ދަތުރުކުރާ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރަން އޭޑީކޭ ހޮސްޕިޓަލް ހަމަޖައްސާފައިވާ ކަމަށެވެ.

އޭޑީކޭއިން މިހާރުވެސް ދަނީ ކޮވިޑަށް ޓެސްޓް ކުރަމުންނެވެ. އެންމެ ފުރަތަމަ އެ ހޮސްޕިޓަލުން ޓެސްޓް ކުރަމުން ގެންދިޔައީ އެންއީއޯސީގެ ސިއްހީ އޮފިޝަލުން ނަގަމުންދިޔަ ސާމްޕަލްތައް އެކަންޏެވެ. އޭރު އޭޑީކޭއިން ކޮވިޑްގެ ޓެސްޓެއް ހަަދައިދެމުން ދިޔައީ 675 ރުފިޔާއަށެވެ. އެ ހޮސްޕިޓަލްގައި ދުވާލަކު 500 ސާމްޕަލް ޓެސްޓް ކުރެވޭނެ ނިޒާމް ވަނީ ގާއިމްކޮށްފައެވެ.