ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު، ޖަން ލިޖޮންގް، މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުގެ އަރިހަށް ވަދާއީ ޒިޔާރަތް މިއަދު ކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމްބެސެޑާ ޖަން ކުރެއްވި މިންނެތް މަސައްކަތަށާއި އެމަނިކުފާނުގެ ސަފީރުކަމުގައި ދިވެހިރާއްޖެއަށް ވެދެއްވި އެހީތަކަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު ދަންނަވާފައެވެ.
ކުރިއަށް އޮތްތަނުގައިވެސް ހާރިޖީ ގުޅުމުގެ ތެރެއިން ދިވެހި ސަރުކާރާއި ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމްބެސެޑާ ދެއްވިއެވެ. އަދި ދިވެހި ސަރުކާރާއި ދިވެހިން އެމަނިކުފާނާއި ބެހެއްޓެވި ގާތްކަމާއި މެހުމާންދާރީ އަށާއި ދިވެހި ސަރުކާރުން ޗައިނާގެ ސަރުކާރާއި ޗައިނާގެ ރައްޔިތުންނަށް ދެއްވި އެއްބާރުލުމަށް އެމްބެސެޑާ ވަނީ ޝުކުރު ދަންނަވާފައެވެ.
ދިވެހިރާއްޖޭގެ ތަރައްގީ އާއި އިޖްތިމާއީ ކަންކަމުގައި ދެއްވި އެއްބާރުލުމުގެ ސަބަބުން ދިވެހިންގެ މެދުގައި އެމްބެސެޑާގެ މަގުބޫލުކަން މިނިސްޓަރު ޝަހިދުވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކޮވިޑް-19 ގެ ހީނަރުކަމުން އަރައިގަތުމަށް ދިވެހިރާއްޖެއަށް ވެދެއްވި އެހީއަށް އެމްބެސެޑާއަށް މިނިސްޓަރު ޝާހިދު ޝުކުރު ދެންނެވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެމަނިކުފާނު ކުރައްވާ މަސައްކަތްތައް ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ދިވެހިރާއްޖެއިން އަބަދުވެސް އެމަނިކުފާނަށް މަރުހަބާ ދަންނަވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
ސފީރު ޖަންގ ލިޖޮންގްގެ ސަފީރުކަމުގެ ދައުރު ފުރިހަމަކުރެއްވުމާ ގުޅިގެން ބޭއްވި ވަދާއީ ހަފްލާގައިވެސް މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.
އެމްބެސެޑަ ޖަންގް ލިޖޮންގް އަކީ ދިވެހިރާއްޖޭގައި ޗައިނާގެ އެމްބަސީއެއް 2011 ގައި ހުޅުވިފަހުން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ތިން ވަނަ ސަފީރެވެ. އެމަނިކުފާނު ސަފީރުކަމާއި ހަވާލުވީ އޮގަސްޓް 2017 ގައެވެ.