ދިރާގު

އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި 157 މިލިއަން ރުފިޔާ ބަހަން ނިންމައިފި

އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި 157 މިލިއަން ރުފިޔާ ބަހަން ދިރާގުން ނިންމައިފި އެވެ.

ދިރާގުން ބުނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ގައުމުގެ އިގްތިސާދަށް ކޮށްފައިވާ އަސަރުގެ ސަބަބުން 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއާއި އަޅާބަލާއިރު ކުންފުނީގެ ޖުމްލަ އާމްދަނީ 25 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ.

"..ކުންފުނީގެ ވިޔަފާރީގެ މުހިންމު ހުރިހާ ދާއިރާއަކުންވެސް ލިބުނު ފައިދާ ޖުމްލަ ގޮތެއްގައި ދަށަށް ގޮސްފައިވާއިރު އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މި އަހަރުގެ ދެވަނަ ކުއާޓާގައި ބައިނަލްއަގްވާމީ ބޯޑާތައް ބަންދުކުރުމާއި ފަތުރުވެރިކަން ހުއްޓުމަކަށް އައުމުގެ ސަބަބުންކަން ވަނީ ފާހަގަކުރެވިފައި. ކުންފުނީގެ ސާފު ފައިދާ 49 އިންސައްތައިން ދަށްވެފައިވާއިރު އާމްދަނީ އިން ހިއްސާއަކަށް ޖެހޭ މިންވަރު ވަނީ ފާއިތުވި ކުއާޓާއާ އަޅާބަލާއިރު 50 އިންސައްތަ ދަށްވެފައި،"

ދިރާގުން ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މަސައްކަތް ކުރަނީ ހަމަހަމަ ގޮތެއްގައި ދުރު މުސްތަގުބަލްގެ އިންވެސްމެންޓްތައް ރާވައި ކުންފުނީގެ މާލީ ހާލަތު ވަރުގަދަކޮށް މާކެޓްގައި ދިމާވާ މިފަދަ ގޮންޖެހުންތަކުގައިވެސް ކުންފުނީގެ ހިއްސާދާރުންނަށް ނަފާ ހޯދޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށެވެ.

"...މި ހުރިހާ ކަމަކަށް ރިއާޔަތްކުރުމަށްފަހު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 2020ވަނަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 2.07 ރުފިޔާ ކަނޑައަޅައި ޖުމުލަ 157،320،000 ރުފިޔާ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބަހަން ވަނީ ނިންމަވާފައި،"

އެ ކުންފުނިން ބުނީ އޯގަސްޓް 11 ވަނަ ދުވަހުގެ ނިޔަލަށް އިންޓަރިމް ޑިވިޑެންޑް ބެހުމަށް ނިންމާފައިވާ ކަމަށެވެ.