ކުޅިވަރު

އާ ސީޒަންގެ ޕްރިމިއާ ލީގް ސެޕްޓެމްބަރު 12 އަށް

އިނގިރޭސި ފުޓްބޯޅައިގެ 2020-21 ސީޒަންގެ ޕްރިމިއާ ލީގް ސެޕްޓެމްބަރު މަހު 12 ގައި ފަށާ ގޮތަށް ޕްރިމިއާ ލީގުން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާރު ކުރިއަށްދާ 2019-20 ސީޒަން ތިން މަސް ދުވަހަށް މެދުކަނޑާލުމުން، އާ ސީޒަން ފަށާނީ ވެސް އާންމުކޮށް ފަށާ ތާރީހަށްވުރެ އެއް މަސް ފަހުންނެވެ. އާންމުކޮށް ޔޫރަޕް ފުޓްބޯޅައިގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ސީޒަން ފަށަނީ އޯގަސްޓްގަ އެވެ. މި އަހަރު އޯގަސްޓްގައި ކުރިއަށް ދާނީ، ނުނިމި ދިގުލަމުންދާ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގްގެ ކުޅުމެވެ.

ސެޕްޓެމްބަރުގައި ފަށާ ޕްރިމިއާ ލީގް ނިމޭނީ އަންނަ އަހަރު މެއި 23 ގަ އެވެ. ލީގް ނިމޭއިރު އޮންނާނީ އަންނަ އަހަރަށް ފަސް ކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށެން އެއް މަސްދުވަހަށް ވުރެ ވެސް ވަގުތު ކުޑަތަން ވެފަ އެވެ.

ލީގްގައި މާދަމާ އަކީ އެންމެ ފަހު ދުވަހެވެ. އާ ސީޒަންގެ ލީގް ފެށުމާ ދެމެދު ގިނަ ޓީމުތަކަށް ހަތް ހަފުތާގެ ބުރޭކެއް ލިބޭނެ އެވެ. މެންޗެސްޓާ ސިޓީ، ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި ވޯލްވާހެމްޓަން ވޮނާޑާސް (ވޯލްވްސް) ޗެމްޕިއަންސް ލީގް ނުވަތަ ޔޫރޮޕާ ލީގް ފައިނަލަށް ދަތުރު ކޮށްފިނަމަ އެ ޓީމުތަކަށް ލިބޭނީ ތިން ހަފުތާގެ ބުރޭކެކެވެ.

ކްއާޓާ ފައިނަލުން ފެށިގެން އެ ދެ މުބާރާތް ކުރިއަށް ދާނީ ދެ ގައުމުގަ އެވެ. ޗެމްޕިއަންސް ލީގް ކުރިއަށް ދާނީ ޕޯޗްގަލްގެ ލިޒްބަންގަ އެވެ. އަދި ޔޫރޮޕާލީގް ކުރިއަށް ދާނީ ޖަރުމަންގެ ކޮލޯންގަ އެވެ. ޗެމްޕިއަންސް ލީގް ފައިނަލު މެޗު ކުޅެން ހަމަޖެހިފައި ވަނީ އޯގަސްޓް 23 ގަ އެވެ. އޭގެ ދެ ދުވަސް ކުރިން ޔޫރޮޕާ ލީގް ފައިނަލު މެޗު ކުޅޭނެ އެވެ.

އިނގިރޭސި ފުޓްބޯޅައިގެ ދަށް ޑިވިޝަންތަކުގެ ލީގްވެސް އާ ސީޒަންގެ ޕްރިމިއާ ލީގް ފަށާ ހަފުތާގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.