ވާހަކަ

ރީތީ ހީނލީމާ

(ތޭރަވަނަ ބައި)

"މިހާރު ހަމައަކަށް އެޅެމުން އެބަދޭ. ޑޮކުޓަރ ވިދާޅުވީ އިހަށް ހަމަޖެހިލަން ފުރުސަތުދެއްވަން. ހީވާގޮތުން ވަރަށް ބޮޑު ހާދިސާއެއް ހިނގައިފަ. ފުލުހުން ވެސް އެބަ ދުރުވޭ،" ހިނިތުންވެ ހުރެ ނަރުސް އޮޅުން ފިލުވާދިނެވެ. "މި ވަގުތު ކުރުނބާއެއް ގެނެސް ދެއްވުން އެދެން."
"އެތެރެއަށް ވަދެވޭނެތޯ؟" އަހަރެން ބޭނުންވީ ފިނާ ދެކިލާށެވެ.
"އިހަށް ހަމަޖެހިލާ. ހަމައަކަށް އެޅުމުން އަޅުގަނޑުމެން ހުރިހާ ކަމެއް ކިޔައިދޭނަން. މިވަގުތު ޕޭޝެންޓަށް ބޭނުންވަނީ ރެސްޓު،" ހިތްގައިމު ހިނިތުންވުމަކާއެކު ނަރުސް ކުއްޖާ ބަލައިލިއެވެ. "ކުރިމަތީ އެހުރި ފިހާރައިން ކުރުނބާ ލިބޭނެ."

އަހަރެން ހިނގައިގަތީމެވެ. ފިހާރައަށްވަދެ ދެ ކުރުނބާއާއި ފެންފުޅިއެއް ހިފައިގެން ބޭރަށް ނުކުތް އިރަށް މަޑުކޮށްލަން މަޖުބޫރުވީއެވެ. އަހަރެން ކުރިމަތީގައި މީހަކު ހުއްޓުމުންނެވެ. ރަނގަޅަށް ބަލައިލެވުނެވެ. ފުއްޕާލައިފައިވާ ބުޅި އިސްތަށިގަނޑެކެވެ. ލައިގެން ހުރީ ގަޔަށް ދޫ ކަޅު ހެދުމެކެވެ. އިސް ޖަހައިގެން ހުރުމުން އެއީ ކާކުކަން ސާފުވާ ގޮތެއް ނުވިއެވެ. ކޮންމެވެސް ތަނަކުން ފެނުނު މީހެކޭ ހިތް ބުނެލިއެވެ.

"އާތިފާ." ބޭއިޚްތިޔާރުގައި އަހަންނަށް ބުނެލެވުނެވެ.

އެމީހާ ދެއަތް ފޭ ކޮށްލުމަށްފަހު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އެއީ ހަމަ އާތިފާއެވެ. އަހަންނަށް ހީވީ ރަނގަޅަށެވެ.

"ކޮބާ ހީވެއްޖެ. މަބުނި ދުވަސް ތި އައީ. ދެން އެކަކު ވެސް ސަލާމަތެއް ނުވާނެ. އެކަމަކު އަދިވެސް ކަލޭއަށް ފުރުސަތު އެބަ އޮތް." އޭނާ ނޭފަތުގައި އިނގިލި ޖައްސާލަމުން ބަރު އަޑަކުން ބުނެލިއެވެ.
"ކިހިނެއްވީ؟" އަހަންނަށް ބަލައިލެވުނީ އޭނާގެ މޫނަށެވެ.
"ކަލޭއަށް ނުވިސްނޭނެ. ދެން ވާނީ އެންމެ ނުބައި ކަންތައް. ދެމީހުންނަށް ފެންނާނީ ދެ ދުނިޔެ." އާތިފާ ތުންފަތަށް ގޮތެއް ހަދައިލަމުން ދެ ލޯ ކުނާކޮށްލިއެވެ.
"ކަލޭ ދައްކާ ވާހަކައެއް ސާފުކޮށް، ރީތިކޮށް ބުނެދޭންވީނު. ކަލޭއަށް އެނގޭ ކަމެއް ވެސް ނޭނގޭ ކަމެއް ވެސް،" އަހަންނަށް ހިތްހަމަ ނުޖެހެވުނެވެ. "އަހަންނަކަށް އެހައި ގިނަ ވަގުތެއް ނެތް."
"އަޑުއަހަން ބޭނުންތަ؟ ސާފުކުރަން ބޭނުންތަ؟" އާތިފާ ލޯ އަޅައިލަމުން ރުޅިވެރި ގޮތަކަށް ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.
"އަޑުއަހަން ބޭނުން ނަމަ އާދޭ. މި ދިމާ އަތިރި މައްޗަށް. އެތަނުގައި ހުންނާނަން." އާތިފާ ފޫހި ގޮތަކަށް އަހަރެންގެ މޫނަށް ބަލައިލިއެވެ.

އޭނާ ހިނގައިގަތެވެ. އަހަންނަށް ބަލަން ހުރެވުނެވެ. އޭނާ އަށެވެ. އެ ހިނގުމުގައި އުނދަގޫ ގޮތެއް ހުރިކަމަށް ފާހަގަކުރެވެއެވެ. އާތިފާ ގޮސް ޖެހިގެން އޮތް ގޯޅި އެޅުމުގެ ކުރިން ފަސް އެނބުރި ބަލައިލިއެވެ. އޭރު ވެސް އަހަންނަށް ހުރެވުނީ ބަލާށެވެ. އޭނާ ހުއްޓިލިއެވެ. އަހަންނަށް އަތުން އިޝާރާތްކޮށްލިއެވެ. އަންނާށޭ ބުނާ ފަދަ ގޮތަކަށެވެ. އަތުގައި ހުރި ކޮތަޅުތައް އަހަންނަށް މައްޗަށް ހިއްލައިލެވުނެވެ. އާތިފާއަށް އެ ދައްކާލެވުނެވެ. އާތިފާ ހިނިތުންވެލިއެވެ. ނަމަވެސް އެ ހިނިތުންވުމުގައި ވަނީ ލާނެތްކަމެވެ. މަލާމާތުގެ ރާގެވެ.

އަހަންނަށް ހިނގައިގަނެވުނީ ކުރިއަށެވެ. ކޮތަޅުތައް ނަރުހުންގެ ކޮށިގަނޑަށް ހަވާލުކުރުމަށްފަހު ފިނާގެ ޚަބަރު ބަލައިލީމެވެ. ބޭރަށް ނުކުމެލަން ބޭނުންވާ ކަމަށް ބުނެ، ކަމެއް ދަމެއް ބޮޑު ވެއްޖެ ނަމަ ގުޅައިލަން ނަންބަރު ހިއްސާކުރުމަށް ފަހު ބޭރަށް ނުކުތީމެވެ.

ހޮސްޕިޓަލާ އިންވެގެން އޮތް މައި މަގަށް ނުކުމެ މަގުގެ ދެކޮޅު ބަލައިލީމެވެ. ލޮލުގައި އަޅައިގަތީ ދުރުން އަންނަ ސައިކަލެވެ. އެއީ ސިރާޖެވެ. އޭނާ އެ އަންނަނީ ހޮސްޕިޓަލަށްކަން ކަށަވަރުވިއެވެ. އަހަރެން ބޭނުންވީ ސިރާޖަށް ނުފެންނާށެވެ. އެހެންވެ، އަވަސްއަވަހަށް ކައިރީ ހުރި ގަހާ ނިވާވެލީމެވެ.

ސިރާޖު ހޮސްޕިޓަލަށް ވަނުމުން ހިނގައިގަތީމެވެ. މަގުގެ ދެކޮޅަށް ކަޅި އުކަމުން އެތަން މިތަން ބަލަމުންނެވެ. އާތިފާ އެޅި މަގަށް ނިކުތުމަށްފަހު ބަލައިލެވުނެވެ. މާދިގު މަގެއް ނޫނެވެ. ފަންސާހަކަށް ފޫޓު ހިނގައިލުމުން އަތިރިއަށް ނުކުމެވޭނޭ ހިތަށް އެރިއެވެ. އަވަސް ހިނގުމުގައި ދެ ފިޔަވަޅު އެއްކުރަމުން ހިނގަމުން ދިޔައީމެވެ. އަހަންނަށް މުޅީން އާ މާހައުލަކަށް ވިޔަސް، އެ މާހައުލަށް އާމިހެއް ކަން ބަލާ މީހަކަށް ނޭނގޭނެހެން އެތަން މިތަން ބަލަމުންނެވެ.

އިރުކޮޅެއް ވީއިރަށް އަތިރިއަށް ނުކުމެ ވިއްޖެއެވެ. ކަނޑުން އުދުހެމުން އަންނަ ހިމޭން ވައިރޯޅިތައް ހުރަހެއް ނެތި މޫނަށް އަމާޒުވަމުން ދިޔައެވެ. އެ ހިތްގައިމު ވައިރޯޅިތަކާއެކު ބޮލަށް އަރާފައި ހުރި ވާންކަމަށް ދޫ ޖެހެމުންދިޔަ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ.

އަތިރި މައްޗަށް ނުކުމެ ދެކޮޅަށް ބަލައިލެވުނެވެ. ދުރު ދުރުން ދެތިން މީހުން ފެނުނެވެ. އިތުރު ބައެއްގެ ހިލަމެއް ނުވިއެވެ. ވަށައިގެން ހޯދައިލެވުނެވެ. ހިތާހިތުން އާތިފާގެ ނަން ކިޔައިލެވުނެވެ. އެއްވެސް ތަނަކުން އޭނާ ފެންނާކަށް ނެތެވެ. ނޭފަތުގައި ޖެހުނީ އަންހެން ސެންޓެއްގެ ވަހެވެ. ލޯ މަރައިލެވުނެވެ. އެތެރެއަށް ނޭވައި ދަމާލެވުނެވެ. އެއީ ނޭފަތަށް ފަސޭހަ ލުއި ވަހެކެވެ. މަޑުމަޑުން ދެ ލޯ ހުޅުވާލެވުނެވެ. ސިއްސައިގެން ދިޔައެވެ. ކުރިމަތީ ހުރި އާތިފާ ފެނުމުންނެވެ.

"އަހަންނަށް އެނގޭ ކަލޭ އަންނާނެކަން." އާތިފާގެ ބަރު އަޑުން ބުނެލިއެވެ.
"ދެން ކިޔައިދޭންވީނު. އަހަންނަށް ވަގުތެއް ނެތް." އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.
"ވަގުތަކީ ވެސް ހޯދީމަ ލިބޭ އެއްޗެއް. ކަލޭއަށް އޭނާއަށް ދޭނެ ވަގުތު ލިބޭ. ކޮފީއަށްދާނެ ވަގުތު ލިބޭ،" އާތިފާ ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ. "އެކަމަކު އަމިއްލަ ހަޔާތް، އަމިއްލަ އަނބިމީހާއަށް ރައްކާތެރިކަން ކަށަވަރު ކުރާނެ ވަގުތެއް ނުލިބޭ."
ހައިރާން ކަމާއެކު އަހަންނަށް ބެލުނީ އާތިފާގެ މޫނަށެވެ. އޭނާއަށް ކަންކަން އެނގޭތީ އެކަމާމެދު ކަންބޮޑުވާ ހާލުގައެވެ.
"އަހަންނަށް ފާރަ ވެސް ލަނީތަ؟" މޫނަށް ދެތިން ރޫ އަރުވާލާމުން ބުނެލެވުނެވެ.
"ފާރަލައިގެން މަށަށް ލިބޭނެ ފައިދާއެއް އެބައޮތްތަ؟" އާތިފާ ނުރުހުނެވެ.
"ދެން ކިހިނެއް ތި ހުރިހާ ކަމެއް އެނގެނީ؟"
"ކަލޭގެ ސަބަބުން އެ ގަޑީ ވެސް މަށަށް ލިބުނީ އަނިޔާ. ގެއްލުން. އެމީހުން ގަދަކަމުން މަ ގެންދިޔައީ ގެއަށް،" އާތިފާ ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. "އަހަރެން ކޮޓަރީގައި އޮއްވާ ކަލޭ އެ ނިޔާޒާއެކު ކޮފީއަށް ދިޔަކަން އެނގުނޭ. އެ ނިޔާޒު، އެ ދެން ކަލޭ ކޮފީއަށް އަރަން ކާކު؟"
"ނިޔާޒު ވެސް ދަންނަންތަ؟" ހައިރާން ކަމާއެކު އަހަންނަށް އަހައިލެވުނެވެ.

އާތިފާ ބާރުބާރަށް ހޭންފެށިއެވެ. އޭނާ ހެމުން ހެމުން ބަނޑުގައި އަތްއެޅިއެވެ. އިރުކޮޅެއް ފަހުން ހުނުން ހުއްޓައިލަމުން ދެ ލޯ ފޮހެލިއެވެ.

"ނިޔާޒު ދަންނަންތަ؟" އަނެއްކާ ވެސް އަހަރެން އަހައިލީމެވެ.
"އާނ! އިބިލީހުންނަށް ވުރެ އިބިލީސްކަން ގަދަ ކޮންމެ މީހަކީ އިފުރީތެއް ކަހަލަ މީހެއް." އާތިފާ ޝަހާދަތް އިނގިލި ނަގައި އަހަންނާ ދިއްކޮށްލިއެވެ.
"ތިބުނީ؟" އާތިފާ ބުނި ވާހަކަ ނޭނގުމުން އަހައިލެވުނެވެ.
"މިބުނީ އެއީ އިންސާނެއްހެން ފެންނަން ހުއްޓަސް އިފުރީތެއް ކަހަލަ މީހެކޭ. އިފުރީތުންނަކީ ޖިންނީންގެ ތެރޭގައި ހިމެނޭ އެންމެ ނުލަފާ ޖިންނީން." އާތިފާ އޮޅުން ފިލުވައިދިނެވެ.
"ތިބުނީ އެއީ ޖިންނިއެކޭ ތަ؟" އަހަންނަށް ވާނުވާ ނޭނގިގެން އަހައިލެވުނެވެ.
"މަ ބުނީ އެހެންތަ؟" އާތިފާ މޫނަށް ދެތިން ރޫ އަރުވާލިއެވެ.
"އެހެން ނޫންތަ ބުނީ؟"
"މި ބުނީ އިފުރީތަކަށް ވުރެ ޖާހިލު ޖައްބާރެކޭ." އާތިފާ ކުރިއަށް ހިނގައިގަތެވެ.
"ދެން ކިޔައިދޭންވީނު. އަހަންނަށް އެވަރަށް ވަގުތެއް ނެތް. މިހާރު ވެސް ލަސްވަނީ." އާތިފާގެ ފަހަތުން ހިނގަމުން އަހަރެން ބުނެލީމެވެ.
"ކެތްތެރިކަމާއެކު އަޑުއަހަން ކެރެންވާނެ." އާތިފާ އެނބުރިލިއެވެ.
އާތިފާ ބަލައިލީ ސީދާ އަހަރެންގެ ދެ ލޮލަށެވެ. އަހަންނަށް ވެސް ބެލުނީ އޭނާގެ ލޮލަށެވެ. އޭރު އިރުގެ އަލިކަން ފަނޑުވެ މޫނު އަނދިރިވާން ފަށައިފިއެވެ.
"ނިޔާޒު ނުބުނޭތަ އޭނާ ކޮފީއަށް ދިޔައީ ކީއްވެ ކަމެއް؟" އާތިފާ ފެށީ ނިޔާޒުގެ ވާހަކައެވެ.
"އަހަރެން ބޭނުންވަނީ ވެގެން އުޅޭ ގޮތް ނިޔާޒުގެ ވާހަކައެއް ނޫން." އާތިފާ އެހެން ވާހަކައެއް ފެށުމުން އަހަރެން ބުނެލީމެވެ.
"ނިޔާޒުގެ ވާހަކަ ނުދައްކާ މި ވާހަކަ ދެއްކޭނެތަ؟" އާތިފާ ސުވާލުގެ ނަޒަރުން ބަލައިލިއެވެ.
"އަހަރެން މި ބުނަނީ ކަލޭ ދައްކަން ތިއުޅޭ ވާހަކައެއް އަޑުއަހާށޭ އައިސް މި ހުރީ. އަހަންނާ ސުވާލުކުރުމުގެ ބަދަލުގައި ތިޔަ ވާހަކައެއް ކިޔައިދޭށޭ." އާތިފާގެ ބަސްމަގާ އޭނާގެ ރާގު ހުރި ގޮތުން އަހަންނަށް ހިތްހަމަ ނުޖެހެވޭ ގޮތްވިއެވެ.
"އަޑުއެހުގެ ގާބިލުކަން ނެތްނަމަ ނޫނީ އަޑުއަހަން ބޭނުން ނުވާނަމަ ކީއްކުރަން އައީ؟" އާތިފާގެ ރާގަށް ބަދަލެއް ނައިސް އެ ގޮތުގައި ވާހަކަ ބައްޓަން ކުރިއެވެ.
"އަހަރެންގެ އަންހެނުން އެ ހާލުގައި އޮއްވާ، އަންހެނުން ހޮސްޕިޓަލަށް އެކަނިމާ އެކަނި ދޫކޮށްލައިފަ އައިސް މިހުރީ އެ ކެތްތެރިކަން ހުންނާނެތީ ދޯ." ހަރުކަށި ރާގެއްގައި ބުނެލެވުނެވެ.
"ކެތްތެރިކަން ހުރެގެންނެއް ނޫން. އަމިއްލަ އެދުމާ ހެދި. ކޮންމެހެން މަށަށް ހެވެއް އެދިގެންނެއް ނޫން. އެހެން ނޫން ނަމަ އެ ގަޑީ ވެސް މަށަށް އެހެން ހެދިޔަ ނުދޭނެ،" އާތިފާގެ އަޑުގައި މާޔޫސީ ރާގެއް އުފެދެމުން ދިޔައެވެ. "އެ ގަޑީ ވެސް ކަލޭއާ ހެދި އެމީހުން އަހަރެން ދަމާފައި ގެންގޮސް ކޮޓަރިއަށް ލައިފަ ނިންދަވާ އިންޖެކުޝަން ޖެހީ. އެމީހުން ހިތުން އަހަރެން އޮންނާނީ ނިދައިފަ. ކިހިނެއް އަންނަށް ނިދޭނީ؟ ކިހިނެއް އަހަންނަށް ކެތް ކުރެވޭނީ؟ ލޯ މަރައިލި އިރަށް އިވެން ފެށީ އެ އަޑު. އެ ވޭނީ ގިސްލުމުގެ އަޑު ކަލޭ ކަންފަތަށް ނީވުނަސް އަހަންނަށް އިވުނޭ. އެ އަޑު އެހެން މީހުންނަށް ނީވުނަސް އަހަންނަށް ސާފުކޮށް އިވުނޭ. އަހަންނަށް ތެޅިގަނެވުނީ އެއީ އަސްލެއްކަން އެނގޭތީ. އަހަރެން ކުޑަދޮރުން ފިލައިގެން ނުކުންނަން ޖެހުނީ ވެސް ކަންފަތަށް އިވުނު އަޑުން އެ މަންޒަރު ފެންނަހެން ހީވާތީ."
"ކާކުގެ އަޑެއް؟" އަހަރެން ބޭނުންވާ ދިމާއަށް އާތިފާގެ ވާހަކަ ބައްޓަންވުމުން ހިތްހަމަ ޖެހިލެވުނެވެ.
"އެ ވޭނީ ރުއިން. އެ ގިސްލުން. ހަމަ އެއް ގޮތެއް އެވީ. އަހަރެން ކަންފަތް ފަޅައިގެން ނުދިޔައީ ކިރިޔާ. އެނގޭތަ އޭނާ ހާދަ މަސައްކަތެއް ކުރިއޭ؟ ސަލާމަތްވާ ހާދަވަރެއް ދެއްކިއޭ. އެނގޭތަ އިންސާނަކު ޖަނަވާރެއްގެ ސޫރައަށް ބަދަލުވީމަ ދެންވާނީ ކިހިނެއްކަން؟ އެނގޭތަ އެ ހާލަތުގައި ދެން އޮންނާނީ ޖަނަވާރުންގެ އުސޫލުކަން،" އާތިފާ ލަސްލަހުން ކިޔައިދޭން ފެށިއެވެ. "އެ މައްސަލައަކީ، ރަހުމާއި ކުލުނާއި ހަމްދަރުދީގެ ބަދަލުގައި ދެން ހިނގާނީ ޖަޒުބާތީ އޮއިވަރެއް. އެ އޮއިވަރުގައި ބޮލަށް ސަވާރުވާނީ އިބިލީސް. އެ އިބިލީސް ބޭނުންވާ ގޮތަށް ހުރިހާކަމެއް ނިންމާލާއިރަށް އެ ސޮރު ބޮލުން ފުންމާލާނެ. ދެން އޮންނާނީ ސަލާމަތްވާން ދުއްވާގަތުން. އޭރު ކުރެވޭ ކަމެއް ކިރިޔާ ފެންނާނީ ވެސް. މި އާއްމު ހާލަތު. އެކަމަކު..؟"

ދެ އަތް އުރައިލައިގެން އަހަރެން ކެތްތެރިކަމާއެކު އަޑުއަހަން ހުރީއެވެ. ކައިރީގައި ހުރި ރުކުގައި ލެނގިލައިގެންނެވެ. ހިތަށް އެރި ސުވާލު ދުލާހަމައަށް އަޔަސް އަހަރެން އިސްކުރީ ކެތްތެރިކަމެވެ. އެހެން ނޫނީ އާތިފާ ހުއްޓައިލަފާނެއެވެ. ވާހަކައިގެ ކުރިމަރަނީ ކަމަށް ބުނެފާނެއެވެ. އެހެން ވެއްޖެ ނަމަ އަނެއްކާ އޭނާ ރުއްސަން އެތައް ވަގުތެއް ހޭދަ ކުރަން ޖެހިދާނެއެވެ. މި ވެސް ފާޑެއްގެ އަރަތެކެވެ.

"އެކަމަކު އެމީހުންނަކީ އިބިލީހުންނަށް ވުރެ ޖާހިލު ބައެކޭ ބުނަން ޖެހުނީ ކުރިން މި ބުނި ގޮތް ނޫން ގޮތްގޮތަށް އެމީހުން ވިސްނުން ހުންނާތީ،" އާތިފާ ފުން ނޭވާއެއް ދޫކޮށްލިއެވެ. "އެނގޭތަ ދެންވީ ގޮތެއް. އޭނާ ވެސް އޮތީ ނިދައިފަ. ފިރިމީހާ ދިޔައީ ހަމަ ކޮފީއަށް. އެ ފަހަރު ކޮފީއަށް ދިޔައީ ނިޔާޒެއް ނޫން. އެ ހަމަ އެކަނި ތަފާތުވި ތަންކޮޅަކީ. ދެން ވީހާ ކަމެއް، ކުރިހާ ކަމެއް ކުރީ ހަމަ އެއް ގޮތަކަށް. އެއްވެސް ބަދަލެއް ނެތް. އެއްވެސް ތަފާތެއް ނެތް." (ނުނިމޭ)