ރާއްޖޭގެ ސްވިމިން އެސޯސިއޭޝަންގެ ރައީސް ކަމަށް އިތުރު ދައުރަކަށް މުހައްމަދު އަބްދުސައްތާރު (ޗަންޕީ) ހޮވި ވަޑައިގެންފި އެވެ.
އިންތިހާބުގެ ސުންގަޑި ހަމަވިއިރު ރައީސް ކަމަށް ކުރިމަތިލެއްވީ އޭނާ އެކަންޏެވެ. ވާދަވެރިކަން ބޮޑުވީ ނައިބު ރައީސް ކަމުގެ މަގާމަށެވެ. އެ މަގާމަށް މިދިޔަ ދެ ދައުރުގައިވެސް ނައިބު ރައީސް ކަމުގައި ހުންނެވި ކުރީގެ ޖެނަރަލް ސެކެޓްރީ އިސްމާއީލް އަލީ އާ ވާދަ ކުރެއްވީ އަހްމަދު ނިޔާޒު އެވެ. ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ނައިބު ރައީސްކަމަށްވެސް އަލުން ހޮވިވަޑައިގެންނެވީ އިސްމާއީލް އެވެ.
އެސޯސިއޭޝަންގެ ހަޒާންދާރުގެ މަގާމަށް ހޮވިވަޑައިގެންނެވީ، އެމަގާމަށް ވާދަކުރެއްވި ހަމައެކަނި ކެނޑިޑޭޓް މިދިޔަ ދައުރުގެވެސް ޓްރެޜަރާ އަލީ ޝަމީމު އެވެ. ކުލަބު ރެޕްރެޒެންޓޭޓިވް މަގަމުގައި ވަނީ އަހްމަދު ފަޔާޒު އާ ވާދަކޮށް އަހްމަދު ފިރާސް އަފީފު ވަނީ އިންތިހާބު ކާމިޔާބު ކޮށްފަ އެވެ. ޓެކްނިކަލަ މެންބަރުގެ ރެޕްރެޒެންޓޭޓިވް ކަމަށް ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓް އަހްމަދު ރާއިދު އަލީ ވަނީ ހޮވިވަޑައިގެންފަ އެވެ އާންމު މެންބަރުގެ އަންހެން ރެޕްރެޒެންޓޭޓިވް މަގާމަށް ހާދީޖާ އީސާ އާ ވާދަކޮށް މަގާމު ކާމިޔާބު ކުރީ ރަހީމާ އާދަމް އެވެ. ފިރިހެން މެންބަރުންގެ ރެޕްރެޒެންޓޭޓިވް މަގާމުގައި ނިއުލެގޫން ސްވިމިން ކުލަބުގެ ކޯޗް އިސްމާއީލް ފަރުހާން އާ ވާދަކޮށް އިންތިހާބުގައި ހޮވުނީ މިދިޔަ ދައުރުގައިވެސް އެކްސްކޯގައި ހިމެނުނު ހަސަން ސިރާރު އެވެ.
ކޯޗް ރެޕްރެޒެންޓޭޓިވްގެ މަގާމަށް ކުރިމަތިލި ތިން ކެނޑިޑޭޓުންގެ ތެރެއިން އަހްމަދު ޒުނައިޖު އާއި މުހައްމަދު ޒާހިދުގެ ވޯޓް ވަނީ އެއްވަރު ވެފަ އެވެ. އެ މަގާމަށް އަލުން ވޯޓް ނެގާނެ ތާރީހެއް އެކްސްކޯއިން ފާސް ކުރާނެ އެވެ.