ބިދޭސީން

"މަސައްކަތްތެރިކަން ދޫކޮށްލައިގެން މިނިވަން ކަމެއް ނޯންނާނެ"

ހުރިހާ މަސައްކަތެއް ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލައިގެން މިނިވަންކަން ދެމެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އޮނަބަރަލް އައްބާސް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އައްބާސް މިހެން ވިދާޅުވީ އަވަސްގެ ހެނދުނުގެ ޝޯ "ފަށަމާ" ގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދަކީ 55 ވަނަ މިނިވަން ދުވަސް ކަމަށްވާތީ މިއަދުގެ ޝޯ ހާއްސަކޮށްފައި ވަނީ މިނިވަން ދުވަހަށެވެ.

އައްބާސް ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށާ އެކަންކަން ދެނެގަނެ އެ ގޮންޖެހުންތަކުން ސަލާމަތްވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"ދިވެހިން ދިވެހިންނަށްޓަކައި ދިވެހިންގެ މަސައްކަތް ކޮށްގެން ނޫނިއްޔާ ދިވެހިންގެ މިނިވަންކަމެއް ދެމިއެއް ނޯންނާނެ. އަޅުގަނޑުމެންގެ ގޭގައި އަޅުގަނޑުމެން ނޫން އެހެން ބަޔަކު އައިސް ހުރިހާ ކަމެއް ކޮށްފައި، އެމީހުން އެއީ ގޭގެ ވެރިންނަށް ވީމަ އަޅުގަނޑުމެންނަށް އެ ތިބެވެނީ މިނިވަން ކަމަކު ނޫން. މިހާރު އެ ހިސާބަށް މިދަނީ އިނގޭތޯ. އަޅުގަނޑުމެންގެ ދަރިންނަށްވެސް ވިސްނައިދޭން އެބަޖެހޭ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތްތައް އަމިއްލައަށް ކުރުމަށް،" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވަނީ ބިދޭސީންގެ މައްސަލާގައި ގަައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ވާހަކަދައްކަވާފައެވެ.

ދިވެހިން ދިވެހިންނަށްޓަކައި ދިވެހިންގެ މަސައްކަތް ކޮށްގެން ނޫނިއްޔާ ދިވެހިންގެ މިނިވަންކަމެއް ދެމިއެއް ނޯންނާނެ. އަޅުގަނޑުމެންގެ ގޭގައި އަޅުގަނޑުމެން ނޫން އެހެން ބަޔަކު އައިސް ހުރިހާ ކަމެއް ކޮށްފައި، އެމީހުން އެއީ ގޭގެ ވެރިންނަށް ވީމަ އަޅުގަނޑުމެންނަށް އެ ތިބެވެނީ މިނިވަން ކަމަކު ނޫން. މިހާރު އެ ހިސާބަށް މިދަނީ އިނގޭތޯ. އަޅުގަނޑުމެންގެ ދަރިންނަށްވެސް ވިސްނައިދޭން އެބަޖެހޭ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތްތައް އަމިއްލައަށް ކުރުމަށް
އައްބާސް އިބްރާހިމް | ނޢޢވ

މާރިޔާ ވިދާޅުވީ ބޮޑުފިނޮޅު މައްސަލާގައި ބިދޭސީން ނިކުމެ ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިން ކަމަށާއި ނަމަވެސް ކޫއްޑޫ އަދި ހެރެތެރެ ރިސޯޓުގެ މައްސަލާގައި އެ މީހުން ބުނަނީ އެނބުރި ގައުމަށް ދާން ބޭނުންވާ ވާހަކަ ކަމަށެވެ. އަދި ހުޅުމާލޭގެ ޕޮލްކޯ އަދި ސިފްކޯ ހިޔާގެ ފްލެޓުތަކަށް އައިލެންޑް އެކްސްޕާޓުގެ ފަރާތުން ގެނެސްފައިވާ ބިދޭސީން ވެސް ނިކުމެ ހަމަނުޖެހުން ހިންގާފައި ވަނީ އެ ކުންފުނިން މުސާރަ ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް މާރިޔާ ވިދާޅުވި އެވެ.

އެ ހުރިހާ ހާދިސާތަކުގައި ވެސް ބިދޭސީން ފުލުހުންނަށް ހަމަލާ ދިން ކަމަށާއި އެއީ ގައުމީ ސަލާމަތަށް ވަރަށް ބޮޑަށް ނުރައްކާ ހުރި ކަމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި އެ މީހުންގެ އަމަލުތައް ހުންނަ ގޮތުން އެ އުޅެނީ ކޮންމެހެން މުސާރައިގެ ހައްގުގެ ނުލިބިގެން ނޫން ކަން ވަރަށް ރީއްޗަށް ސަބިތުވާ ކަމަށާއި އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ފަރާތްތަކެއް ވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"ކޮންމެހެން މުސާރަ ނުލިބި ހައްގެއް ހޯދަން ނިކުންނަނީކީ ނޫން. އަދި މީގަ ފޮރުވިފައިވާ ފަރާތްތަކެއް ވެސް ވާނެކަން ގަބޫލު ކުރެވޭ. އެހެންވެ އެކަންކަމާ ބެހޭ ގޮތުން ބަލާ ތަހުގީގު ކުރަމުން މިދަނީ،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރުގެ އެ ވާހަކަތައް އިޝާރާތް ކުރައްވާ އައްބާސް ވިދާޅުވީ ބިދޭސީންގެ މައްސަލަ މިއަދު މިނިވަން ކަމަށް އޮތް ނުރައްކަލަކަށް ބަދަލުވަމުންދާ ކަމަށެވެ. އަދި މިނިސްޓަރު މާރިޔާގެ ވާހަކަތަކަކީ ރައްކާތެރިވެ، ސަލާމަތްވުމަށް ލިބުނު ސިގްނަލެއް ކަމަށް ބަލާ ހުރިހާ ރައްޔިތުންވެސް އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ސިފައިން ހޯދާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި އުޅޭ ބިދޭސީންނާ ގުޅޭ ބައެއް މައުލޫމާތުތައް ހާމަކޮށްފައެވެ. ރާއްޖޭގައި މިއަދު 179،954 ބިދޭސީން ރަޖިސްޓަރީ ވެފައިވާއިރު 66،000 އަށް ވުރެ ގިނަ ބިދޭސީން ޑޮކިއުމަންޓެއް ނެތި އުޅޭ ކަމަށް ޝަމާލް ވިދާޅުވިއެވެ.

"އެހެން ގޮތަކަށް ދަންނަވާނަމަ 250،000 އެއްހާ މީހުން އެބައުޅޭ ބޭރު މީހުން. މީގެ ތެރެއިން ބޮޑު ޕަސެންޓަކީ ރަޖިސްޓާ ނުކޮށް ތިބި މީހުން. މިކަމަކީ ރާއްޖޭގެ ގައުމީ ސަލާމަތައް އޮތް ބޮޑު ނުރައްކަލެއް," ޝަމާލް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ރާއްޖޭގައި ދިވެހިންގެ އާބާދީ ހަތަރު ލައްކައަށް އަރަނީ ކުޑަކުދިންނާއި ދުވަސްވީ މީހުން ހިމަނައިގެން ކަމަށާ މިއަދު ދިވެހިންގެ މަސައްކަތު ފޯސްއަށްވުރެ ބިދޭސީން މަސައްކަތު ފޯސް ދެ ގުނަ އިތުރުވެފައިވާ ކަމަށެވެ. މިއީ މިނިވަން ކަމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް އައްބާސް ވިދާޅުވިއެވެ.

"އަޅުގަނޑުވެސް ގަބޫލުކުރަން މި އަންނަ ތަރައްގީއާއެކު ގިނަ ބަޔަކު މަސައްކަތްކުރަންޖެހޭ. އެެހެންވީމަ އެކަންތައްތަކަށް މީހުން ބޭނުންވާނެ، އަޅުގަނޑުވެސް އެކަމާ އެއްބަސް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ކޮންޓްރޯލާ އަޅުގަނޑުމެންގެ ބެލެހެއްޓުމުގެ ދަށުގައި އެކަންކަން އޮންނަންވާތީ. އަޅުގަނޑުމެންގެ އަތުން އެކަންކަން ބީވެގެން ދިޔަނުދީ ހިފެހެއްޓުމުގެ ބާރު އަޅުގަނޑުމެންގެ ކިބާގައި ހުންނަންވާނެ. އެއީ ހަގީގަތުގައި މިނިވަން ކަމަކީ. އެހެން ނޫނިއްޔާ އެހެން ނަމެއްގައި އަނެއްކާވެސް އަޅުގަނޑުމެން އަޅުވެތި މިވަނީ،" އައްބާސް ވިދާޅުވިއެވެ.

ބޯކޮށާ މީހެއްވެސް އަޅުގަނޑުމެންގެ ދިވެއްސެއް ނެތް. ފަހާ މީހެއް ނެތް، ވަޑިއެެއް ނެތް، ރާނާ މީހެއް ނެތް، ހައްތަހާވެސް ބިދޭސީން މި ފެންނަނީ. އެހެންވީމަ މިނިވަންކަން އެބައޮތޭ ކިޔާފައި އަޅުގަނޑުމެންގެ ފަރުދީ ޒިންމާ މި އޮތީ ކިހާ ހިސާބެއްކަން މި އޮތީ ފެންނަން
އައްބާސް އިބްރާހިމް | ނޢޢވ

އައްބާސް ވިދާޅުވީ ގައުމު ދަތުރުކުރަމުން މިދާ މިސްރާބާމެދު ކޮންމެ ރައްޔިތަކުވެސް ވިސްނާލަން ޖެހޭ ކަމަށެވެ. އަދި ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި ފަރުދީ ގޮތުން ކުރެވޭނެ ކަންކަން ހުންނާނެ ކަމަށާ އެ ކަންކަން ކުރަން ޖެހޭ ކަމަށެވެ.

"ކިހާ ހިސާބެއްގައިތޯ އެމީހުން [ބިދޭސީ މަސައްކަތު މީހުން] އަޅުގަނޑުމެން ގެންގުޅޭނީ. ކިހާ ހިސާބެއްގައިތޯ އަޅުގަނޑުމެންގެ ކަންކަން ކުރުމުގެ ކުޅަދާނަކަން ބަހައްޓާނީ. މިއީ މިފަދަ މިނިވަން ދުވަހެއްގައި ފަރުދީ ގޮތުން އަޅުގަނޑުމެން ކޮންމެ މީހަކު ވިސްނާލަން ޖެހޭ ކަންކަން،"

ދިވެހިންނަށް މިއަދު ކިތަންމެ ބޮޑު ފުއްދުންތެރިކަމެއް ލިބިފައިވީނަމަވެސް ދިވެހިންގެ އަމިއްލަ އުފެއްދުންތެރިކަން މިއަދު ނުފެންނަ ކަމީ ދެރަކަމެއް ކަމަށެވެ. ގައުމުގެ މިނިވަންކަން ދެމެހެއްޓޭނީ އަދުގެ ދިވެހިން ދައްކާ ހިތްވަރެއްގެ މައްޗަށް ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

"މި ހިނގަމުންދާ ދުވަސްތަކަކީ އޭގެ ހިތި ތަޖުރިބާ އަޅުގަނޑުމެން ކުރަން ވަރަށް ރަނގަޅު ވަގުތެއް. ކިހާ ހިސާބަކަށްތޯ އަޅުގަނޑުމެންގެ މިނިވަންކަން މި އޮތީ. މި މީހުންގެ ފުށުން އަޅުގަނޑުމެންނާ ހަމައަށް މި އަންނަނީ ކޮން ކަންތައްތަކެއްތޯ،" ބިދޭސީ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވާ އައްބާސް ވިދާޅުވިއެވެ.