ވިޔަފާރި

ގެސްޓްހައުސް ހުޅުވާ ތާރީހު ބަދަލުވުމުން ކަންބޮޑުވުން

Jul 26, 2020
1

ގެސްޓްހައުސް ހުޅުވާ ތާރީހު ބަދަލު ކުރުމުން ގެސްޓްހައުސް ގިނަ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖޭގެ ޓޫރިޒަމް ހުޅުވަން ލިޔެފައިވާ ގައިޑްލައިންގައިވާ ގޮތުން ގެސްޓްހައުސްތައް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ އެވެ. ނަމަވެސް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވިދާޅުވީ ގެސްޓް ހައުސްތައް ހުޅުވާނެ ތާރީހެއް ކަނޑައެޅޭނީ އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ހާލަތު އަލުން ރިވައިސް ކުރުމަށް ފަހުގައި ކަމަށެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން ގެސްޓްހައުސް ވިޔަފާރި ކުރާ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިގޮތުން ގިނަ ވިޔަފާރިވެރިން ކަންބޮޑުވާ އެއް ކަމަކީ ހުޅުވަން ކުރު މުއްދަތެއް އޮއްވައި "ކުއްލި ގޮތެއްގައި" ނުހުޅުވާނެ ކަމަށް ބުނުމެވެ.

ގެސްޓްހައުސް އެސޯސިއޭޝަން (ގޭމް) ގެ ކުރީގެ ރައީސް އަދި އއ. ތޮއްޑޫގައި ގެސްޓްހައުސް ވިޔަފާރިކުރާ، އަހުމަދު ކަރަމް ވިދާޅުވި ގޮތުގައި ހުޅުވަން ކުރު މުއްދަތަތަކަށް ވެފައިވަނިކޮށް ނުހުޅުވަން ނިންމުމުން ގެއްލުންވާނެ ކަމަށެވެ.

"ނުހުޅުވަން ނިންމުމެއް ނޫން މައްސަަލައަކީ. މައްސަލައަކީ ކުރު މުއްދަތަކަށްވެފައި ވަނިކޮށް ނުހުޅުވަން ނިންމުން. އެހެން ހެދުމުން މި ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވާނެ،" ކަރަމް ވިދާޅުވި އެވެ.

ކ. މާފުށީގައި ގެސްޓްހައުސް ވިޔަފާރި ކާނި ހޮޓެލްސްގެ ވެރިޔާ، އަބްދުﷲ ނަޝީދު ވިދާޅުވި ގޮތުގައި ކުއްލި ގޮތަކަށް ތާރީހު ބަދަލު ކުރުމަކީ ހީވެސް ނުކުރާ ވަރުގެ ގެއްލުމެއް ކަމަށެވެ.

"ވަރަށް ދެރަ ވެއްޖެ. ދެރަކަމެއް މިއީ. ކުރު މުއްދަތެއް އޮއްވައި ތާރީހު ބަދަލު ކުރުމުން ގެއްލުންވާނެ. އޮގަސްޓް މަހަށްވެސް ގިނަ އަދަދެއްގެ ބުކިން އެބަހުރި،" ނަޝީދު ވިދާޅުވި އެވެ.

ކާނި ހޮޓެލްސް އިން އަވަސް އަށް ހިއްސާ ކުރި ބުކިން ހިސާބުތަކެއްގައިވާ ގޮތުން އޮގަސްޓް މަހު އެ ގެސްޓްހައުސްގެ އޮކިއުޕެންސީ 42 ޕަސެންޓުގައި ހުންނާނެ އެވެ. އަންނަ މަހު އަންނަ ގެސްޓުންގެ ތެރޭގައި ގިނަ ވާނީ އިނގިރޭސިންނާއި ޖަރުމަނު މީހުންނެވެ. މީގެ އިތުރުން ހަންގޭރީ އާއި ރަޝިއާ ފަދަ ގައުމުތަކުން ވެސް ވަނީ ގިނަ އަދަދެއްގެ ބުކިން ހައްދާފަ އެވެ.

ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްއެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި އިކޮނޮމީ ހުޅުވައި މަސައްކަތް ފެށިގެންދާއިރު ގެސްޓްހައުސް ހުޅުވާ ތާރީހު ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"ރިސޯޓުތައް ބުނި ތާރީހުގައި ހުޅުވިއްޖެ. އެހެން ތަންތަން ވެސް ހުޅުވިއްޖެ. އެކަމަކު ގެސްޓްހައުސް ނުހުޅުވޭ. މިއީ ދެރަކެއް. އަނެއްކާ ދުރާލާ ޖެހޭނެ ބުނަން ހުޅުވެންޏާ ނޫނީ ނުހުޅުވެންޏާ ވެސް. އެހެން ނޫނީ ބުކިން ހައްދާ މީހުންނަށް ކިހާ ބޮޑު ގެއްލުމެއް މިއީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ވ. އަތޮޅު ރަށެއްގައި ހިންގާ ގެސްޓްހައުސްއެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި ޓޫރިސްޓުން ގެންނަން ބާރު އެޅުމުގެ ގޮތުން އަންނަ މަހު އަންނަ މީހުންގެ ޓިކެޓުގެ 50 ޕަސެންޓް އޭނަގެ ޖީބުން ދައްކާފައިވާ ކަމަށެވެ. ނަމަވެސް ހުޅުވާ ތާރީހު ބަދަލު ކުރުމުން ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ.

"ތިރީސް މީހުންގެ ގްރޫޕަކުން ޓިކެޓު ޕޭކޮށްފިން. އެކަމަކު މިގޮތަށް ތާރީހު ބަދަލު ކުރީމަ ވަރަށް ގެއްލުންވާނެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.