އޮފްބީޓް

އަންހެނަކު ލަނޑުދިނުމުން ފިރިހެނަަކަށް ހާޓް އެޓޭކެއް

އަންހެނުން މަރުވެފައިވާ 70 އަހަރުގެ ފިރިހެނަކަށް އަންހެނަކު ލަނޑު ދިނުމުން އެމީހާ ދެރަވެގެން ގޮސް ހާޓް އެޓޭކެއް ޖެހިއްޖެ އެވެ. އެމީހާއާ ކައިވެނި ކުރާނަމޭ ބުނެ އަންހެނަކު ވަނީ ފިރިހެންމީހާގެ 28 ލައްކަ ރުޕީސްގެ އަގުހުރި މުދަލާއި ފައިސާ މަކަރުން ވަގަށް ނަގާފަ އެވެ. މިއީ 2019 ގެ އޮގަސްޓް މަހު ހިނގި ހާދިސާއެއް ނަމަވެސް މިކަން މީހުންނަށް އެނގިގެން އުޅެނީ އަދި ކިރިޔާ އެވެ.
މިކަން ވެގެން އުޅޭކަން މީހުންނަށް އެނގުނީ މުސްކުޅި ފިރިހެންމީހާ އަށް ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން ފުލުހުންނަށް މި މައްސަލަ ހުށަހަޅައި އެ ފިރިހެންމީހާ އަށް ލަނޑުދިން އަންހެންމީހާ ހޯދަން ފެށުމާ ގުޅިގެންނެވެ.

ފުލުހުން ބުނި ގޮތުގައި 70 އަހަރުގެ ފިރިހެންމީހާގެ އަންހެނުން މަރުވީ 2018 ގެ ފެބްރުއަރީ މަހު އެވެ. އަންހެނުން މަރުވުމަށްފަހު އެކަނިމާއެކަނި އުޅޭތީ އަލުން ކައިވެންޏެއް ކުރަން އެކުވެރިއަކު އެ މީހާއަށް ނަސޭހަތް ދިނެވެ. އަދި ހަމަ އެ އެކުވެރިޔާ އޭނާއަށް ކައިވެނި ކުރާނެ މީހަކު ވެސް ހޯދައިދިނެވެ. އެއީ ވަރަށް ފަހުން ފރިމީހާ ކައިރިން ވަރިވެފައިވާ މީހެއް ކަމަށް އެކުވެރިޔާ މި އުމުރުން ދުވަސްވީ މީހާ ކައިރީ ބުންޏެވެ.

އެހިސާބުން 70 އަހަރުގެ މީހާ އަންހެންމީހާ އާ ގުޅައިގެން ވާހަކަ ދެއްކުމުން އޭނާ އޭނާގެ މައިންބަފައިންނާއި ބޭބެ އާއި 21 އަހަރުގެ އަންހެން ދަރިފުޅާއެކު ފިރިހެންމީހާގެ ރަށް މުމްބައިގައި ހުންނަ އޭނާގެ ގެޔަށް ކައިވެނީގެ ތާރީޚު ކަނޑައަޅަން އަންނާނެ ކަމަށް ބުންޏެވެ.
އަންހެންމީހާ ބުނި ގޮތަށް އޭނާގެ އާއިލާ ގޮވައިގެން މުމްބައި އަށް އައިސް ހުރި 70 އަހަރުގެ ފިރިހެން މީހާގެ ގޭގަ އެވެ. ފިރިހެންމީހާ އޭނާގެ ގޭގެ ޑަބަލް ތަޅުދަނޑިފައްޗެއް ވެސް އަންހެންމީހާ އަށް ހައްދާފައި ދިނެވެ.

އަންހެން މީހާ ބޭނުންވީ އޭނާގެ ރަށް ކަމަށްވާ ޖައިޕޫރުގެ ކޯޓުގައި ކައިވެނި ކުރާށެވެ. އެހެންވެ އާއިލާގެ އެންމެން ފިރިހެންމީހާ އާ ވެސް އެކު ޖައިޕޫރަށް ދިޔައީ އެވެ. އެމީހުން ކައިވެނިކުރަން ކޯޓަށް ހުށަހެޅުމުން ކޯޓުން އެންގީ ކައިވެނިކުރެވޭނީ 30 ދުވަސް ފަހުން ކަމަށެވެ. އެހެންވެ އެހާ ގިނަ ދުވަހު ޖައިޕޫރުގައި ނުހުންނަން ވެގެން ކައިވެނިކުރާ ދުވަހު އެނބުރި އައުމަށް ފިރިހެންމީހާ އަލުން އެނބުރި އޭނާގެ ރަށަށް ދިޔައީ އެވެ.

އެނބުރި ގެއަށް އައިސް ފިރިހެންމީހާ ޗެކްކުރިއިރު އޭނާގެ މުދަލާއި ގެދޮރުގެ ލިޔެކިޔުންތަކެއް ނެތެވެ. އަދި އަންހެންމީހާ އާއި އާއިލާއިން ތިބި ކޮޓަރީގައި ހުރި އަލަމާރިތަކުގައި ހުރި އަގުބޮޑު ގަހަނާތައް ވެސް ނެތެވެ. އެހިސާބުން އަންހެންމީހާ އާއި އޭނާގެ މަންމަ އާ ގުޅަން އުޅެ އުޅެ ފިރިހެންމީހާ އަކަށް އޭގެން އެއްވެސް މީހަކާ ގުޅޭ ގޮތެއް ނުވި އެވެ. ފަހުން އޭނާ ޖައިޕޫރަށް ގޮސް އަންހެންމީހާ ފެނޭތޯ އުޅެ އުޅެ ވެސް އޭގެން އެއްވެސް މީހަކު ފެންނަ ގޮތެއް ނުވި އެވެ. އެހެންވެ ކައިވެނިކުރަން ކޯޓަށް ލީ ފޯމު ނަގާފައި ކައިވެނި ނުކުރާ ގޮތަށް ހަމަޖެއްސީ އެވެ. އަދި އެކަމާ އޭނާ މާ ބޮޑަށް ވިސްނުމުގެ ސަބަބުން އެ ރަށުގައި ހުއްޓާ އޭނާއަށް ހާޓް އެޓޭކެއް ޖެހުނީ އެވެ.

އޭނާގެ އެކުވެރިޔާ އަށް މިކަން އެނގިގެން ޖައިޕޫރަށް ދިޔައިރު 70 އަހަރުގެ މީހާ އޮތީ ހާޓް އެޓޭކް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ. އެމީހާ ހޮސްޕިޓަލުން ދޫކޮށްލުމުން އެކުވެރިޔާ އޭނާ ގޮވައިގެން މުމްބައި އަށް ގޮސް ފުލުހުންނަށް މައްސަލަ ހުށަހެޅީ އެވެ.
މުމްބައި އަށް ދިޔަ ފަހުން ވެސް އެމީހާ އަނެއްކާ މާ ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި ވަނީ އެޑްމިޓް ކޮށްފަ އެވެ.