ހަބަރު

ރާއްޖޭގެ ރަށެއްގައި ބޭރު މީހުން އާބާދުކުރުމުގެ ވިސްނުމެއް ނެތް: ސަރުކާރު

Jul 26, 2020
1

ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދު ކުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ސަރުކާރުން ގެންގުޅެފައި ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރުމަށް ސަރުކާރުން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި އޮތް ލިއުމެއް ހިއްސާ ކުރައްވަމުންނެވެ.

"ރޯ ބުހުތާނު ދޮގު. ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދު ކުރުމުގެ އެއްވެސް ވިސްނުމެއް އެއްވެސް އިރަކު ސަރުކާރުން ގެންގުޅެފައެއް ނޯންނާނެ، އެއީ ދުވަހަކު ކުރާނެ ކަމެއް ނޫން." ހޫދު ކުރެއްވި ޓްވީޓުގައިވެ އެވެ.

ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް އަޅަން އުޅޭ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން މީގެ ކުރުން ބުނެފައިވެ އެވެ. ނަމަވެސް ސަރުކާރުން އެ ވާހަކަތައް ދޮގު ކުރެ އެވެ. ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ މަރުކަޒެއް އަޅަން ނިންމާފައި ނުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މި ސަރުކާރާއި އިންޑިއާއާ ގުޅުވައި ގިނަ ވާހަކަތަކެއް ދެކެވޭއިރު، ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމަކީ އިންޑިއާ އެވެ. އިންޑިއާގެ ލޯނުގެ އެހީގައި ގިނަ މަޝްރޫއުތަކެއް ވެސް ދަނީ ރާވަމުންނެވެ. ކުރީގެ ސަރުކާރުގައި އިންޑިއާއާ އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ވެސް ގޮސްފައިވެ އެވެ.