މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެއާ ރާއްޖެއިން ބޭރުގައި ތިއްބަވާ ޑިޕްލޮމެޓުންނާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބާއްވަވާ ރިސެޕްޝަން ވާޗުއަލްކޮށް ބޭއްވުމަށް ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނީ ވާޗްއަލް ރިސެޕްޝަން އޮންނާނީ މާދަމާ ރޭ ކަމަށެވެ.
މި ރިސެޕްޝަންގައި 100 އަށްވުރެ ގިނަ ގައުމުތަކުގެ ސަފީރުންނާއި މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިއީ މިގޮތަށް ބޭރުގެ މިހާ ގިނަ އަދަދެއްގެ މަންދޫބުންނާއެކު ފޮރިން މިނިސްޓްރީން ބާއްވާ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގެ ތެރެއިން ކޮވިޑް-19 ގެ ސަބަބުން ރާއްޖެ މިވަގުތު އޮތް ހާލަތާއި، ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ފަތުރުވެރިންގެ ރައްކާތެރިކަމަށް ރާއްޖެގައި އެޅިފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ބޭރުގެ ސަފީރުންނާއި އެކި ގައުމުތަކުގެ އޮފިޝަލުން ހާމަކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން، މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަވަމުން ގެންދާ ހަފްލާތައް މި އަހަރު ނުބާއްވާ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް މި އަހަރު ނޯންނާނެއެވެ.