ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔަމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ މުޒާހަރާއަށް ނިކުމެއްޖެ އެވެ.
ޕީޕީއެމް އަދި ޕީއެންސީގެ ގިނަ އިސްވެރިންތަކެއް ވެސް ބައިވެރިވާ މި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ ބައިވެރިވެފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގުން އެއްކޮޅުން އަނެއް ކޮޅަށް އަޑު އުފުލަމުން ހިނގާލާފަ އެވެ. މުޒާހަރާގެ ބައިވެރިން މިހާރު ތިބީ ޕީޕީއެމް އޮފީސް ދޮރުމަތީއެވެ. މުޒާހަރާ ލީޑް ކުރަމުންދަނީ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމެވެ.
މިނިވަން ދުވަހާ ދިމާކޮށް އިދިކޮޅުން މުޒާހަރާއަށް ނިކުމެފައިވާއިރު މުޒާހަރާގެ ބައިވެރިން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ރައްޔިތުންނަށް މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.
މުޒާހަރާގެ ތެރެއިން ދެ މީހަކު ހައްޔަރު ވެސް ކޮށްފައިވާ ކަމަށް ވެސް ވެއެވެ. ފުލުހުން ގެންދަނީ މުޒާހަރާ ރޫޅައިލަން މަސައްކަތް ކުރަމުންނެވެ.