ލެސްޓާ ސިޓީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، މެންޗެސްޓާ ޔުނައިޓެޑުން ތިން ވަނަ މަގާމު ހޯދައި ޗެމްޕިއަންސް ލީގްގެ ޖާގަ ކަށަވަރު ކޮށްފި އެވެ.
ޔުނައިޓެޑާ އެއްވަރަށް ޕޮއިންޓް ހޯދައިގެން، ހަތަރު ވަނަ މާގަމުގައި ޕްރިމިއާ ލީގުން ޗެމްޕިއަންސް ލީގްގެ ފަހު ޖާގަ ކަށަވަރު ކުރީ ޗެލްސީ އެވެ. ވޯލްވާހެމްޓަން ވޮންޑާސް (ވޯލްވްސް) އާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކުރީ 2-0 ންނެވެ.
ޔުނައިޓެޑާއި ޗެލްސީ މަސައްކަތް ފުރިހަމަ
މެޗަށް ނުކުތް އިރުވެސް ޔުނައިޓެޑް އޮތީ ތިން ވަނައިގަ އެވެ. ޗެމްޕިއަންސް ލީގްގެ ޖާގައިން ޔުނައިޓެޑް ކަޓުވާލުމަށްޓަކައި މެޗުން މޮޅުވުން ނޫން ގޮތެއް ލެސްޓާ އަކަށް ނެތެވެ. ލެސްޓާގެ ދަނޑުގައި ޔުނައިޓެޑް މޮޅުވީ މެޗުގެ އެންމެ ފަހު 20 މިނެޓް ތެރޭ ކާމިޔާބު ކުރި ދެ ލަނޑުންނެވެ. އެ ޓީމަށް މެޗުގައި ލީޑް ނަގައިދިނީ 71 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީން ބުރުނޯ ފެނާންޑޭޒް އެވެ. އެ ޕެނަލްޓީ އަކީ މި ސީޒަންގެ ޕްރިމިއާ ލީގްގައި ޔުނައިޓެޑަށް ލިބުނު 14 ވަނަ ޕެނަލްޓީ އެވެ. އެއީ އެ ކުލަބުގައި ރެކޯޑެކެވެ.
އެ ޕެނަލްޓީ ޔުނައިޓެޑަށް ލިބުނީ. ލެސްޓާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ޔުނައިޓެޑްގެ އެންތޮނީ މާޝިއަލް ހުއްޓުވަން ލެސްޓާގެ ދެ ޑިފެންޑަރުން ކަމަށްވާ، ވެސް މޯގަން އާއި ޖޯނީ އީވަންސް އުޅުމުގެ ތެރޭގައި ދެ ކުޅުންތެރިންގެ ދެމެދުގައި އޮންތޮނީ މާސިލް ތާށިވެ އޭނާ އަތުން ބޯޅަ ގެއްލުމުންނެވެ. މާޝިއަލް ޕެންލްޓީ ކާމިޔާބު ކުރީ ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލްއަށް ބޯޅަ އަމާޒު އޮޅުވާލުމަށް ފަހު އެވެ.
މެޗުގެ އިންޖަރީ ޓައިމްގެ އެންމެ ފަހު ހަތަރު މިނެޓް ލެސްޓާއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އީވަންސްއަށް ދެ ވަނަ ރީނދޫކާޑައެކު ރަތް ކާޑު ދެއްކުމުންނެވެ. އޭގެ ހަތަރު މިނެޓް ފަހުން ޖެސީ ލިންގާޑް ވަނީ ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ވޯލްވްސް އާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ލަނޑުތައް ކާމިޔާބު ކުރީ މޭސަން މައުންޓް އާއި އޮލިވާ ޖިރޫޑް އެވެ. ޗެލްސީގެ ކޯޗް ލީގްގެ އެންމެ ފަހު އަދި އެންމެ މުހިންމު މެޗަށް ނުކުތީ ދުނިޔޭގެ އެންމެ އަގު ބޮޑު ކީޕަރު ކެޕާ އައިޒަބަލާގާ ބެންޗަށް ލުމަށް ފަހު އެވެ. މެޗުން ފުރުސަތު ދިނީ ބަދަލު ކީޕަރު ވިލީ ކަބެޔާރޯ އަށެވެ. އޭނާ ބެލެހެއްޓި ގޯލަށް ވޯލްވްސްއިން ފޮނުވާލެވުނީ ދެ ހަމަލާ އެވެ. މެޗުން ބަލިވެ ނޫނޯ އެސްޕިރޭޓޯގެ ޓީމަށް ވަނީ ޔޫރޮޕާ ލީގުން ވެސް ފުރުސަތު ގެއްލިފަ އެވެ. ޔޫރޮޕާ ލީގްގެ ޖާގަ ކަށަވަރު ކުރީ ކްރިސްޓަލް ޕެލަސް އަތުން ޕޮއިންޓެއް ހޯދި ޓޮޓެންހަމް ހޮޓްސްޕާސް އެވެ.
ބޯންމައުތު ވަޓްފޯޑް ރެލިގޭޓް
ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އެސްޓަން ވިލާ ޕޮއިންޓެއް ހޯދައިގެން ރެލިގޭޓް ނުވެ ސަލާމަތްތެރިކަން ހޯދުމުން ބޯންމައުތު ވަނީ ރެލިގޭޓް ވެފަ އެވެ. އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗުން ބޯންމައުތު މޮޅުވި ނަމަވެސް އެ އެ ޓީމު ސާލާމަތް ވެވެން އޮތީ ވެސްޓަހަމް އަތުން ވިލާ ބަލިވެގެންނެވެ. ވަޓްފޯޑް ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެފަ އެވެ. ވަޓްފޯޑް ރެލިގޭޓްވީ އާސެނަލް އަތުން ބަލިވުމުންނެވެ.