ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މާކާސް ރަޝްފާޑް ކުޅެން ނުކުމެ ހެދި ހެޓްރިކާއެކު، މެންޗެސްޓާ ޔުނައިޓެޑުން ރެޑްބުލް ލައިޕްޒިގް 5-0 ން ބަލި ކޮށްފި އެވެ.
ރަޝްފާޑް ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗުގެ ބޮޑުބައެއް ކުޅެވުނު ފަހުންނެވެ. އެހެންނަމަވެސް ރެޑްބުލް ލައިޕްޒިގްގެ މައްޗަށް ތަފާތު ބޮޑުކޮށް މޮޅުވުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އޭނާ އެވެ.
ތަނަވަސްކަން ނެތް އާއިލާތަކުގެ ކުދިންނަށް އިނގިރޭސި ސަރުކާރު މެދުވެރިކޮށް ފުލް މީލް ފޯރު ކޯށްދިނުމަށް އިނގިރޭސި ސަރުކާރަށް ގޮވާލައި އެ މައްސަލަ ގައުމީ ފެންވަރުގައި ސަމާލުކަމަށް ގެނައުމުން ރަޝްފާޑްގެ އިންސާނިއްޔަތު ކަމަށް ތައުރީފް ދަނީ އޮހެމުންނެވެ. ރޭގެ މެޗުގެ ދަނޑު މަތީގައިވެސް އޭނާގެ ފަރާތުން އެކަން ފެނުނެވެ. އޭނާއަށް ހެޓްރިކް ހެދެން ފުރުސަތު އޮތްވައި، ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ އޭނާ ދިނީ ލަނޑެއް ނުޖިހި ހުރި އޮންތޮނީ މާޝިއަލް އަށެވެ. ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން މާޝިއަލް ތަނަވަސް ކޮށްދިން ފުރުސަތަކުން މާރަޝްފާޑް ހެޓްރިކު ހެދި އެވެ.
މޭސަން ގްރީންވުޑްގެ ބަދަލުގައި ރަޝްފާޑް ކުޅެން ނުކުތީ މެޗުގެ 63 ވަނަ މިނެޓްގަ އެވެ. އޭރު ޔުނައިޓެޑަށް ޖެހިފައި އޮތީ އެއް ލަނޑެވެ. ފުރަތަމަ ހާފުގައި ގްރީންވުޑް އެ ލަނޑު ކާމިޔާބު ކުރީ ޕައުލް ޕޮގްބާ ތަނަވަސް ކޮށްދިން ފުރުސތަކުންނެވެ. ރަޝްފާޑް ކުޅެން ނުކުތްތާ 10 ވަރަކަށް މިނެޓް ތެރޭ އޭނާ ވަނީ ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ބުރުނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކޮށްފަ އެވެ. އޭގެ ހަތަރު މިނެޓް ފަހުން އޭނާގެ ދެ ވަނަ ލަނޑު ރަޝްފާޑް ކާމިޔާބު ކުރި އެވެ.
މިދިޔަ ހަފުތާގައި، ޔުނައިޓެޑް އަތުން އަމިއަލަ ދަނޑުގައި ބަލިވި ޕީއެސްޖީ ވަނީ އިސްތަންބޫލް ބަޝްކްޝިއާ ދެކޮލަށް ކުޅުނު މެޗު 2-0 ން ކާމިޔާބު ކޮށްފަ އެވެ. ޕީއެސްޖީގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ މޮއީސް ކީން އެވެ.
މިދިޔަ ހަފުތާގައި ޔުނައިޓެޑާ ދެކޮޅަށް ނުކުމެ މެޗުން މޮޅު ނުވެވުނު ޗެލްސީ ނުކުތީ ރަޝިއާގެ ދެކުނުގައި އޮންނަ ކްރަސްނޯޑާގެ އެފްްސީ ކްރަސްނޯޑާ އާ ދެކޮޅަށެވެ. ކްރަސްނޯޑާގެ ސްޓޭޑިއަމްގައި ތިބި 11000 ސަޕޯޓަރުން ޗެލްސީންއިން ހިމޭން ކޮށްލިއިރު ދަނޑުގައި މެޗު ބަލަން ހުރި ޗެލްސީގެ އޯނަރު ރޯމަން އޮބްރިހިމޮވިޗްގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދިނެވެ.
އަބްރޮހިމޮވިޗް ކުރި އިންވެސްޓްމެންޓްގެ ފައިދާ އޭނާގެ ކުރިމަތީގައި ފެނެިގެންދިޔަ އެވެ. ޗެލްސީގެ ގޯލްތަކުގައި ޗެލްސީގެ މުޅި އެޓޭކިން ލައިންގެ ކުޅުންތެރިންގެ ހިއްސާ އޮތެވެ. މެޗުގެ 37 ވަނަ މިނެޓްގައި ކެލަމް ހޮޖްސަން އޮޑާއީ ލަނޑު ކާމިޔާބު ކުރީ ކައި ހަވާޓްޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ލަނޑު ޓިމޯ ވާނާ ކާމިޔާބު ކުރީ 76 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އޭގެ ތިން މިނެޓް ފަހުން ހަކީމް ޒިޔެޝް ވަނީ، ވާނާ ތަނަވަސް ކޮށްދިން ފުރުސަތަކުން އޭނާގެ ފުރަތަމަ ލަނޑު ޗެލްސީގެ ޓީމަށް ކާމިޔާބު ކޯށްދީފަ އެވެ. މެޗުގެ 90 ވަނަ މިނެޓްގައި ކްރިސްޓިއަން ޕްލިސިކް ވަނީ ޓަމީ އަބްރަހަމް ތަނަވަސް ކޮށްދިން ފުރުސަތަކުން ލަނޑު ކާމިޔާބު ކޮށްފަ އެވެ.
އެ ގުރޫޕްގައި ހިމެނޭ ސެވިއްޔާ ވަނީ ފްރާންސްގެ ރެން އާ ދެކޮލަށް ކުޅުނު މެޗު 1-0 ން ކާމިޔަބު ކޮށްފަ އެވެ. ސެވިއްޔާގެ ލަނޑު ކާމިޔާބު ކުރީ ލޫކް ޑިޔޯންގް އެވެ. އެ ގުރޫޕްގައި ސެވިއްޔާ އާއި ޗެލްސީއަށްވެސް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. ދެ ޓީމަށްވެސް ހަތަރު ޕޮއިންޓެވެ. ޗެލްސީއަށް ކުރި ލިބެނީ ލަޏޑުގެ ތަފާތުންނެވެ.