މިއީ އިޒްރޭލަށް ފަލަސްތީނު ފަޅިން ދިން ރޮކެޓު ހަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ފެށި ހަމަލާތަކެކެވެ.
އައިއެސް އާއި ގުޅިފައިވާ ޖަމާއަތަކުން ވަނީ މި ރޮކެޓު ހަމަލާގެ ޒިންމާ ނަގާފައެވެ. އެކަމަކު އިޒްރޭލުން މި ހަމަލާ އަޅުވަނީ ހަމާސްގެ ބޮލުގަ އެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ގާޒާގެ ހަތަރު އަމާޒަކަށް އިޒްރޭލުން ވައިގެ ހަމަލާދިން ކަމަށް ހަބަރު ލިބެއެވެ. އިޒްރޭލުގެ ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި ހަމާސްގެ އަސްކަރީ ގޮފި އަލް ގައްސާމް ބްރިގޭޑްސް ގެ ދެ ތަމްރީނު މަރުކަޒު ހިމެނެއެވެ.
ފަލަސްތީނު ފަޅިން އިއްޔެ ފޮނުވާލި ދެ ރޮކެޓުގެ ތެރެއިން އެއް ރޮކެޓު އިޒްރޭލާ ހަމައަކަށް ވާސިލެއް ނުވެއެވެ. އަޒްރޭލާ ހަމައަށް ދިޔަ ރޮކެޓުވެސް ވެއްޓުނީ ހުސް ބިމަކަށެވެ. އަދި މި ހަމަލާގައި އިޒްރޭލުގެ މީހަކަށް ވެސް އަދި ތަނަކަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ލިބުނު ގެއްލުންތައް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް އިމާރާތް ތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ސަރަހައްދުގެ ބައެއް ފަރާތްތަކުން ޓްވީޓް ކޮށްފައި ވެއެވެ.