ރާއްޖެ އަލުން ހުޅުވާލުމުގެ ކުރިންނާއި އޭގެ ފަހުން ވެސް ރާއްޖޭގެ ބްރޭންޑް ޕްރޮމޯޓް ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އެމްއެމްޕީއާރްސީން ބުނަމުން ދަނިކޮށް ކޮވިޑް-19 އާ ގުޅިގެން އިނގިރޭސި ވިލާތުން ލުއި ދިން ގައުމުތަކުގެ ލިސްޓް އަޕްޑޭޓް ކުރި އިރު މި ފަހަރު ވެސް ރާއްޖެއެއް ނުހިމެނި އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާފައިވާއިރު، މިހާރުގެ ސަރުކާރާ ވަރަށް ކައިރި އަދި ބަދަހި ގުޅުމެއް އޮންނަ އިނގިރޭސިވިލާތުން ލުއި ދިން ލިސްޓު ރިވިއުކޮށް ދެވަނަ ފަހަރަށް މިހާރު ވަނީ އާންމު ކޮށްފަ އެވެ. ރިވިއު ކުރި އެ ލިސްޓުގައި 50 ގައުމެއް ހިމެނެ އެވެ. އެހެން ނަމަވެސް ލިސްޓުގައި މި ސަރަހައްދުން ރާއްޖެ އާއި ސްރީލަންކާ ހިމަނާފައެއް ނުވެއެވެ
މިއީ އެ ލިސްޓުގައި ރާއްޖެ ނުޖަހައި ރިވިއު ކުރި ދެވަނަ ފަހަރެވެ. އެ ގައުމުން މި އަހަރުގެ ހަތަރު ވަނަ ދުވަހު ވެސް ލިސްޓެއް އިއުލާނު ކުރި އެވެ. އެ ފަހަރު ވެސް ރާއްޖެ ހިމަނާފައެއް ނުވެ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ނެރުނު ލިސްޓުގައި ރާއްޖެ ހިމެނިފައި ނުވުމުން އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ކާރޮލް ރޮސްލާ، އެ ފަހަރު ވިދާޅުވީ އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ މިންގަނޑަށް ރާއްޖެ ވެސް މާ ގިނަ ދުވަސް ތަކެއް ނުވެ ފެތޭނެ ކަމަށް އޭނާ އުންމީދު ކުރައްވާ ކަމަށެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެކެވެ. ކޮވިޑް-19 އަށްފަހު ބޯޑަރު ހުޅުވުމާއެކު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި އެއް ގައުމަކީ ވެސް އިނގިރޭސިވިލާތެވެ. ހުޅުވާލި ފަހުން މިހާތަނަށް އިނގިރޭސި ވިލާތުން 900 މީހުން އައިސްފައި ވެއެވެ. އޭގެތެރެއިން ޓޫރިސްޓުންގެ ގޮތުގައި އައީ 117 މީހުނެވެ.