ކޮވިޑުގެ މިހާލަތުގައި އިނގިރޭސިވިލާތުގެ ރައްޔިތުން ދަތުރުކުރަމުން ރައްކާތެރި ގައުމުތަކުގެ ލިސްޓަށް މި ފަހަރު ވެސް ރާއްޖެ ނާރައި، އަނެއްކާ ވެސް އިންތިޒާރު ކުރަން ޖެހިއްޖެ އެވެ.
ރާއްޖެއާ ސިޔާސީ ގުޅުން ވަރުގަދަ- މި ސަރުކާރާ ގާތް- އެންމެ ދުވަސްވީ ޓޫރިޒަމް މާކެޓު ކަމަށްވާ އިނގިރޭސިވިލާތުން ވަނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެ ގައުމުގެ ރައްޔިތުން ދަތުރުކުރަން ރައްކާތެރި މަންޒިލްތަކުގެ ލިސްޓު މިއަދު އަޕްޑޭޓްކޮށްފަ އެވެ.
އިންޑިއާ ވެސް ގްރީން ލިސްޓަށް
އިނގިރޭސިވިލާތުގެ ކޮވިޑް-19ގެ ލިސްޓު އަޕްޑޭޓް ކުރިއިރު މި ލިސްޓަށް އަލަށް އިތުރުވި އެންމެ ފާހަގަކޮށްލެވޭ ގައުމަކީ ކޮވިޑް-19ގެ ހާލަތު އެންމެ ގޯސްވި ގައުމު ތަކުގެ ތެރެގައި ހިމެނޭ އިންޑިއާ އެވެ. ނަމަވެސް މިހާރު އެ ގައުމުގެ ނަންބަރުތައް ވެސް ދަަށްވަމުން އެބަދެ އެވެ.
މުޅި ދުނިޔެ ބަލިކޮށްލި ކޮވިޑުގެ އެންމެ ބާރުގަދަ ވޭރިއަންޓް ކަމަށްވާ "ޑެލްޓާ ވޭރިއަންޓް" ނިސްބަތްކުރި އިންޑިއާގެ އިތުރުން އަލަށް މި ލިސްޓަށް އިތުރުވީ ގައުމުތަކަކީ ބަހުރެއިން، ގަތަރު އަދި ޔޫއޭއީ އެވެ. ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން މި ލިސްޓަށް ޖަރުމަނުވިލާތާއި އޮސްޓްރިއާ ވެސް އަރާފައިވެ އެވެ.
ޔޫކޭގެ "ރެޑް" ލިސްޓުން ރާއްޖެ ނުނަގައިގެން މީގެ ކުރިން ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ކަންބޮޑުވުން ވެސް ފާޅު ކުރައްވާފައިވެ އެވެ.
ޑރ. ފަރަހަނާޒް ވިދާޅުވީ އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން އަދިވެސް ރާއްޖެ ނުނަގާތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ދެރަވެއްޖެ. ރާއްޖެ ކުރިން ޔޫކޭގެ ރެޑް ލިސްޓަށް ލުމުގެ ކުރިން ކޮވިޑް ކޭސްތައް ހުރި އަދަދަށް ވުރެ މާ ދަށަށް ރާއްޖޭގެ ކޭސްތައް މިހާރު މިވަނީ ވެއްޓިފައި. އަދި 18 އަހަރުން މަތީގެ 72 ޕަަސެންޓް މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް 55 ޕަސެންޓް މީހުން ވަނީ ފުރިހަމަ ވެސް ކޮށްފައި" ފަރަހަނާޒް ކުރެއްވި ޓުވީޓެއްގައިވެ އެވެ.
އިނގިރޭސިވިލާތުގެ ގްރީން ލިސްޓަށް ރާއްޖެ ނޭރިނަމަވެސް އެހެން ގައުމުތަކުން ދަނީ މި ލިސްޓުގައި ރާއްޖެ ހިމަނަމުންނެވެ. އެންމެ ފަހުން މި ލިސްޓުގައި ރާއްޖެ ހިމެނި ގައުމަކީ ޔޫއޭއި އެވެ.
ރާއްޖޭގައި ކޮވިޑުގެ ދެވަނަ ރާޅަކަށްފަހު މިހާރު ނަމްބަރުތައް ވަނީ ދަށްވެފަ އެވެ. މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި 137 މީހަކު ބަލިވި އެވެ. އެއީ މާލެ ސަރަހައްދުން 23 މީހަކާއި އަތޮޅުތަކުން 100 މީހަކާއި ރިސޯޓްތަކުން 14 މީހެކެވެ. މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 77،895 މީހުންނެވެ. އޭގެ ތެރެއިން ބަލިން ފަސޭހަނުވެ ތިބީ 2،566 މީހެކެވެ. މި ވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 713 މީހަކަށެވެ. މި ފަހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.