އިނގިރޭސިވިލާތުގައި ކޮރޯނާވައިރަހުގެ އާ ވައްތަރެއް ފެތުރެން ފެށުމާއެކު، އެ ގައުމުން ރާއްޖެ އަންނަ ފްލައިޓްތައް ހުއްޓިދާނެ ކަމުގެ ބިރުހީވެއްޖެ އެވެ.
ކޮރޯނާވައިރަހުގެ އާ ވައްތަރު ފެތުރެން ފެށުމާއެކު ޔޫރަޕަށް ފެތުރިގެން ދިއަނުދިނުމަށް، އިނގިރޭސިވިލާތާއި ޖަރުމަން ފްލައިޓްތައް އެ ބައްރުގެ ބައެއް ގައުމުތަކަށް ދަތުރު ކުރުން މިހާރު ވަނީ ވަގުތީ ގޮތުން މަނާ މަނާކޮށްފި އެވެ. މީގެ ސަބަބުން ރާއްޖެ އަށް އެ ގައުމުން އަންނަ ފްލައިޓްތައް ހުއްޓާލުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މިހާރު ދަތުރު ކުރަނީ ބްރިޓިޝް އެއާވޭސްގެ އިތުރުން ސްރީލަންކަން އެއާލައިންސް އެވެ.
ރާއްޖެ އަށް ސްރީލަންކަންގެ ދަތުރުތައް ކުރާ އިނަ މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި ސްރީލަންކަން ހުއްޓާލަން މިވަގުތު ނުނިންމާ ކަމަށެވެ. ނަމަވެސް ޔޫރަޕުން ގެންނަ ބަދަލުތަކާއެކު މި ދަތުރުތަކަށް ބަދަލު އަންނާނެ ކަމަށެވެ.
"ޔޫރަޕުން އަންނަ ޓްރާންސިޓެއް ސްރީލަންކަންއަކީ. އެހެންވެ މި ދަތުރުތަކަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތް. ޔޫރަޕުން ނިންމާ ނިންމުމަކަށް ތަބާވާނެ،" ފިރާގު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރަޒާން އަވަސް އަށް މިއަދު ވިދާޅުވި ގޮތުގައި މި ވަގުތާ ހަމައަށް އިނގިރޭސިވިލާތުން އަންނަ ޓޫރިސްޓުނަށް ބަދަލެއް ގެންނަން ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް ސިއްހީ ފަރާތްތަކާއެކު މަޝްވަރާކޮށް ގޮތް ތަކެއް ނިންމާނެ ކަމަށެވެ.
"އާއްމުކޮށް ދުނިޔޭގެ އެހެން ގައުމުތަކުންވެސް އަޅާ ފިޔަވަޅުތައް އަޅާނީ،" ރަޒާން ވިދާޅުވި އެވެ.
ކޮވިޑް-19 އިގެ މި ހާލަތުގައި އިނގިރޭސިން ދަތުރު ކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ މިދިއަ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ. ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން، ޔޫކޭއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 15،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް އެ ގައުމުން 38،000 މީހުން އައިސްފައިވެ އެވެ.