ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބްރިޓިޝް އެއާވޭސް މިމަހު 16 ގައި ރާއްޖެއަށް ފަށަނީ

Oct 2, 2020

އިނގިރޭސިވިލާތުން އެންމެ ގިނަ ޓޫރިސްޓުން ގެންނަ އެއް ފްލައިޓް ކަމަށްވާ ބްރިޓިޝް އެއާ މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ފަށާނެ ކަމަށް ބުނެފި އެވެ.

ރާއްޖޭގެ އެންމެ މުހިންމު އެއް މާކެޓް ކަމަށްވާ އިނގިރޭސިވިލާތުގެ ހީތްރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ބްރިޓިޝް އެއާވޭސް އިން ފަށާ މި ދަތުރުތަކާ ބެހޭ ގޮތުން، އެއާލައިންގެ ޑިރެކްޓަރު ނެޓްވޯކް އެންޑް އެލަޔަންސް ނިލް ޗާނޮފް ވިދާޅުވި ގޮތުގައި އަލުން ރާއްޖެ އަށް މި މަހުގެ ދަތުރު ފެށުމަކީ އުފަލެއް ކަމަށެވެ. އަދި މި ދަތުރުގެ ސަބަބުން އިނގިރޭސިވިލާތާއި ދުނިޔޭގެ ގިނަ ގައުމުތަކާ ގުޅާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޓިޝް އެއާވޭސް އިން ރާއްޖެ އަށް ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ. މި ފްލައިޓްތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި އަދި އާދިއްތަ ދުވަހު އެވެ.

ބްރިޓިޝް އެއާވޭސް އިން އިނގިރޭސިވިލާތުން ރާއްޖެ އަށް ސީދާ ދަތުރުތަށް ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އަދި ސަރުކާރުން ވަނީ ރާއްޖެ އަށް އާދެވޭނީ ނެގެޓިކް ޕީސީއާރު ޓެސްޓެއް އޮވެގެން ކަމަށް ހަމަޖައްސާފަ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު މިހާރު ދުނިޔޭގެ ބޮޑެތި ގިނަ އެއާލައިންތަކުން ވަނީ ދަތުރު ފަށާފަ އެވެ. ނަމަވެސް މިހާތަނަށް ރާއްޖެ އަށް އައިސްފައިވަނީ 16،000 ޓޫރިސްޓުންނެވެ. ސަރުކާރުން އަންދާޒާކޮށްފައިވަނީ މި އަހަރު ރާއްޖެ އަށް އަންނާނީ 100،000 ޓޫރިސްޓުންނެވެ. ނަމަވެސް އަންނަ އަހަރު އެއް މިލިއަން ޓޫރިސްޓުން ގެނައުމަކީ އަމާޒެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.