ޕީއެސްއައިޕީ

އޮފިޑުގެ މަޝްރޫއުތަކަށް ކޮންސަލްޓަންޓެއް ހޯދަނީ

Jul 27, 2020

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނުގެ އެހީގައި ދަށުން ހިންގާ ގިނަ މަޝްރޫއުތައް ބަލަހައްޓާނެ ކޮންސަލްޓަންޓެއް ހޯދަން އިއުލާން ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އޮފިޑް ފޭސް ތިނެއްގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ފެނާއި ނަރުދަމާ އަދި ބަނދަރުތަކުގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބަލަހައްޓާނެ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން ހޯދާ އޮފިޑުގެ ކޮންސަލްޓަންޓަށް، ޝައުގުވެރިވާ ފަރާތް ތަކުން މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށް ދޭ ލިޔެކިޔުން ހުށަހަޅަން ވާނެ ކަމަށެވެ.

އޮފިޑްއަކީ ރާއްޖޭގެ ގިނަ މަޝްރޫއު ތަކަށް ލޯނުގެ އެހީ ދޭ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާގެ އެހީ ލިބޭ ރާއްޖޭގެ އެންމެ ބޮޑު އެއް މަޝްރޫއުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެ އެވެ.