އެމްއޭސީއެލް

ވީއައިއޭގެ އާ ރަންވޭގައި އައިއެލްއެސް ގާއިމުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭގައި އިންސްޓްރުމެންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) ގާއިމުކޮށްފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި އާ ރަންވޭގެ ދެކޮޅުގައިވެސް އައިއެލްއެސް މިހާރު ވަނީ ގާއިމުކުރެވިފަ އެވެ.

އައިއެލްއެސް އަކީ މޫސުން ގޯސްއިރުވެސް، ފްލައިޓް ރަންވޭގައި ޖެއްސުމަށް ޕައިލެޓަށް އެހީތެރިވެދޭ ނެވިގޭޝަން އެކެވެ.

ރަންވޭގެ ދެކޮޅުގައި އައިއެލްއެސް ގާއިމުކުރިކަން ހާމަކޮށް، ރަންވޭ ދިއްލާލާފައިވާ ފޮޓޯއެއް އެމްއޭސީއެލް އިން ވަނީ އާންމުކޮށްފަ އެވެ.

ވީއައިއޭގެ އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އާ ރަންވޭގެ މަސައްކަތް ފެށީ ފެބްރުއަރީ 2017 ގައެވެ. އެއާޕޯޓްގެ އާ ރަންވޭ ރަސްމީ ބޭނުންތަކަށް ބޭނުންކުރަން ފަށަންދެން ވަގުތީ ގޮތުން އާ ރަންވޭ މިހާރު ބޭނުންކުރަމުންދަނީ ޓެކްސީވޭ އެއްގެ ގޮތުގަ އެވެ. މިބަދަލާ އެކު މިހާރު ބޭނުންކުރާ ރަންވޭގައި ޖައްސާފައި އަންނަ ބޯޓު ފަހަރު ރަންވޭގެ ކޮޅަށް ނުގޮސް އާ ރަންވޭއަށް ވަދެ ޕާކު ކުރަން ދިއުމުގެ ފުރުސަތު ލިބެ އެވެ. މިކަމުގެ ސަބަބުން މަތީގައި ބޯޓުތައް މަޑުކޮށް ނުފުރިގެން ކިޔޫގައި އޮންނަ އޮތުން ބޮޑުތަން މަދުވެގެންދާނެ އެވެ.

ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އާ ޕެސެންޖާ ޓާމިނަލެއް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އާ ޓާމިނަލް ހަދަނީ އަހަރަކު ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރުގަ އެވެ.