ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ގެސްޓްހައުސް ސިނާއަތް ނެތި ދިއުމުގެ ބިރު ބޮޑު: ގޭމް

Jul 27, 2020
2

ބޯޑަރު ހުޅުވި ނަމަވެސް، ގެސްޓްހައުސްތައް ހުޅުވޭނެ ތާރީހު ނޭނގި ލަސްވަމުން ދާނަމަ މި ސިނާއަތް ނެތި ދިއުމުގެ ބިރު އެބައޮތް ކަމަށް، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނެފި އެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ގެސްޓްހައުސް ހުޅުވަން ނިންމައި، އެ ތާރީހު ބަދަލު ކުރުމާ ގުޅިގެން، ގެސްޓްހައުސް ސިނާއަތް ތަމްސީލް ކުރާ ޖަމިއްޔާ ގޭމް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ގެސްޓްހައުސް އިންޑަސްޓްރީ ބަންދުވެފައި އޮތުމުން ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކާހުރެ ގެސްޓްހައުސްތައް ހުޅުވަން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ވަރަށް ދަތި މިހާލަތުގައި ގެސްޓްހައުސް ހުޅުވުން ލަސްވުމަކީ ރިހެއިފައިމައްޗަށް ފޮއެ ވެއްޓުން ފަދަ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ގޭމް އިން ބުނެފައިވާ ގޮތުގައި ރިސޯޓްތަކާއި ސަފާރީ އަދި ސްޕާ އަދި ގިމް ފަދަ ގައި ގޯޅިކޮށް އުޅޭ ތަންތަން ވެސް ހުޅުވަން ހުއްދަ ދިން ހަމައެކަނި، ގެސްޓްހައުސް ފަދަ ބޮޑު ސިނާއަތެއް މަސައްކަތް ފަށާނެ ވަކި ތާރީހެއް ނޭނގި ތިބެން ޖެހުމަކީ މި ސިނާއަތް ނެތި ދިއުމަަށް ބިރު އޮތް ކަމެއް ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

އެ ޖަމިއްްޔާ އިން ބުނީ، ޓޫރިޒަމް ހުޅުވަން އެސްއޯޕީ ތައްޔާރު ކުރުމުގައި ވަރަށް ގިނަ ފަހަރު އެ ޖަމިއްޔާ އާއި ސަރުކާރާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ އެއްވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވަން ސަރުކާރުން ތައްޔާރުކުރި އެސްއޯއީގައި ލިޔެފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މާކެޓިން މެޓީރިއަލްތަކުގައި ގެސްޓްހައުސް ތަކުން ބުކިން ނަގަން ފަށާ ތާރީހަކީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށް ބުނެފައިވުމުން ގެސްޓްހައުސް ތަކުން ބުކިން ނަގަމުން ދިޔަ ކަމަށެވެ.

".. ނަމަވެސް ވަރަށް ކުއްލި ގޮތެއްގައި ސަރުކާރުގެ ވިސްނުން ބަދަލުކޮށް އޮގަސްޓް މަހު ގެސްޓްހައުސްތައް ނުހުޅުވައި، ހުޅުވޭނެ ކަމަށް ލަފާ ކުރެވެނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވުމަކީ މުޅި ގެސްޓްހައުސް ސިނާއަތަށް ތަކުލީފް ތަކެއް ކުރިމަތިވިވާނެ ކަމެއް ކަމެކެވެ،" އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

ގެސްޓްހައުސް ވިޔަފާރިއަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ރޯލެއް އަދާކުރާ ވިޔަފާރި އެކެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 600 އަށްވުރެ ގިނަ ގެސްޓްހައުސް ހިންގަމުން ދިޔަ އެވެ. އަދި މި ވިޔަފާރިވެފައިވަނީ ގިނަ އާއިލާތަކަށް މާލީ މަންފާ ލިބޭ ބޮޑު ވިޔަފާރި އެކެވެ.