ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ގުޅިން ޓޫރިސްޓުންނަށް މަރުހަބާ ކިޔައިފި

Nov 28, 2020

ޓޫރިޒަމް ވިޔަފާރި ފުޅާކޮށް ކުރަމުން އަންނަ ކ. ގުޅި ހުޅުވައި ޓޫރިސްޓުންނަށް މަރުހަބާ ކިޔައިފި އެވެ.

ގުޅިން ޓޫރިސްޓުނަށް މަރުހަބާ ކިިއުމުގެ ގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންގައި ބުނާ ހުރިހާ ވަސީލަތް ތަކެއް ވަނީ އެ ރަށުގައި ގާއިމް ކޮށްފަ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ބުނާ ގައިޑްލައިންތަކާ އެއްގޮތަށް ޓޫރިސްޓުން އައިސްފައި ވަނީ ކައުންސިލުގެ ހުއްދައާ އެކުގަ އެވެ.

ކޮވިޑް-19 އަށް ލޮކްޑައުން ކޮށްފައި އޮންނަނާ ހަ މަހަށް ވުރެ ގިނަ ދުވަހަށް ފަހު ގުޅިން ފުރަތަމަ ހުޅުވާފައި ވަނީ ދެ ގެސްޓްހައުސް އަކުންނެވެ. ފުރަތަމަ ހުޅުވީ ޓްރޮޕިކް ޓްރީ އާއި ސޭންޑީ ހެވަން މޯލްޑިވްސް އެވެ. އަދި ޓޫރިސްޓުން ފުރަތަމަ އައިސްފައި ވަނީ ސޭންޑީ ހެވަން އަށެވެ.

ގުޅި އަލުން ޓޫރިޒަމަށް ހުޅުވާލިއިރު، އެ ރަށް ވަކި މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރުމުގެ ގޮތުން "ގުޅިޑޮޓްކޮމް" ގެ ނަމުގައި ހާއްސަ ވެބްސައިޓަކާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކެއް ވެސް ވަނީ ލޯންޗް ކޮށްފަ އެވެ. ގުޅީގެ ސައިޓުގައި އެ ރަށުގެ ގެސްޓްހައުސްތަކާއި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ މައުލޫމާތު އަދި ކޮވިޑް-19 އާ ގުޅިގެން އަލުން ހުޅުވަން ގާއިމްކޮށްފައިވާ ވަސީލްތަކުގެ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ.

މާލެއިން ފުރައިގެން 20 މިނެޓުން ދެވޭ ރާސްތާގައި އޮންނަ ގުޅީގެ އާބާދީއަކީ 2014 ގެ ބޯހިމެނުމާ ހަމައަށް 831 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 447 ފިރިހެނުންނާއި 384 އަންހެނުންނެވެ. މި ރަށުގައި ކޮވިޑް-19 އައުމާ ހަމައަށް ހަތް ގެސްޓްހައުސްއެއް ހިންގަމުން ދިޔަ އެވެ. އަދި މި ރަށް މަޝްހޫރުވެފައި ވަނީ ރީތި ބީޗެއް އޮންނަ ރަށެއްގެ ގޮތުގަ އެވެ. އެހެންވެ ގުޅީގެ ކައިރީގައި އޮންނަ ގުރައިދޫ އާއި މާފުށިން ވެސް މި ރަށު ބީޗަށް ޓޫރިސްޓުން ގެންދެ އެވެ.

ޗައިނާގެ އުވާން ސިޓީން ފެނުނު ކޮވިޑް-19 ގެ ވައިރަސް ދުނިޔޭގައި ފެތުރެން ފެށުމާއެކު އެންމެ ފުރަތަމަ ޓޫރިސްޓުން އައުން ބަންދު ކުރީ ގެސްޓްހައުސް ތަކަށެވެ. މި ބަދަލު ގެނައިއިރު ރާއްޖޭގައި 600 އެއްހާ ގެސްޓްހައުސް ހިންގަމުން ދިޔަ އެވެ. ނަމަވެސް މިދިޔަ މަހުގެ 15 ގައި ގެސްޓުން ގެންނަން ހުއްދަ ދިނުމާއެކު މިހާތަނަށް ހުޅުވާލާފައި ވަނީ 119 ހޮޓާ އަދި ގެސްޓްހައުސްގެ 2،884 ކޮޓަރި އެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި އަލުން ހުޅުވާލި ފަހުން މިހާތަނަށް އައިސްފައިވަނީ 67،564 ޓޫރިސްޓުނެވެ. މި މަހުގެ އެއްވަނަ ދުވަހުން 25 ގެ ނިޔަލަށް 27،182 މީހުން އައިސްފައިވެ އެވެ. މިއާއެކު މި އަހަރު މާޗް މަހުގެ ނިޔަލަށް އައި 382،760 މީހުންނާއެކު ޖުމްލަ ޓޫރިސްޓުންގެ އަދަދު ވަނީ 450،411 އަށް އަރާފަ އެވެ.