ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކައުންސިލް ހުއްދާގައި ގެސްޓްހައުސް ނުހުޅުވި ތާށިވެފައި!

Nov 22, 2020
4

ގެސްޓްހައުސް ހުޅުވަން ހުއްދަ ދިނުމާއެކު ބައެއް ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވައިފި އެވެ. މިހާތަނަށް ގެސްޓްހައުސް ހުޅުވާފައިވަނީ މާފުއްޓާއި ހުރާ އަދި ގުރައިދޫ އާއި ތޮއްޑޫ އަދި ރަސްދޫ އާއި ވ. ތިނަދޫ އަދި ކެޔޮދޫ ފަދަ މަދު ރަށަކުންނެވެ. ގެސްޓްހައުސްތައް ހުޅުވައި ކޮޓަރި އިތުރުވާ ކަމަށް ދެއްކިނަމަވެސް، ހަގީގަތަކީ ގިނަ ގެސްޓްހައުސްތައް އަދިވެސް ހުރީ ނުހުޅުވި އެވެ. ނުވަތަ ހުޅުވޭނެ ގޮތެއް ނެތިފަ އެވެ. މިހާރު ގެސްޓްހައުސް ހުޅުވަން އޮތް ހުރަހަކީ ބައެއް ރަށްރަށުގެ ކައުންސިލް ތަކެވެ. ރަށު ކައުންސިލްތަކުން ގެސްޓްހައުސް ހުޅުވަން ބޭނުން ނުވާތީ، ގިނަ ގެސްޓްހައުސްތައް ހުޅުވޭނެ ގޮތެއް ނެތި މިވަނީ "ބޮޑުތަޅު" އެޅިފަ އެވެ. އެ މީހުންނަށް ދަނީ ކޮންމެ ދުވަހު މިލިއަނުން ގެއްލުން ވަމުންނެވެ. ކައުންސިލުން ހުއްދަ ނުލިބިގެން ގިނަ ރަށްރަށް ވަނީ ނުހުޅުވި އެވެ.

ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ނުލިބޭތީ ގެސްޓްހައުސް ވިޔަފާރީގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން ތިބި ވަޓްއެޕް ގްރޫޕެއްގައި އެކަމެދު ރޭ ވެސް ވަނީ ވަރަށް ބޮޑަށް ޝަކުވާ ކޮށްފަ އެވެ. މި ގްރޫޕުގައި ތިބި ގިނަ ވިޔަފާރިވެރިން ބުނެފައިވާ ގޮތުގައި މިހާރު ގެސްޓްހައުސް ހުޅުވަން ހުއްދަ ދޭ ގޮތަކީ ހަމަހަމަ ކަމެއް ނެތް ވަރަށް "ބޭއިންސާފު" ގޮތެވެ.

"ބޮޑެތި މީހުންނަށް ވިޔަފާރި ކުރެވޭ. އެކަމަކު ކުދި މީހުންނަށް ވިޔަފާރިއެއް ނުކުރެވޭ. އަޅުގަނޑުމެންނަށް ވެސް ބުކިންތައް ލިބޭ. އެކަމަކު ހުޅުވިގެންތާ މީހަކު ގެންނާނީ. އެކަން ކުރެވޭކަށް ނެތް ކައުންސިލުން ހުއްދައެއް ނުލިބޭ،" ގެސްޓްހައުސްއެއްގެ ވެރިއަކު ބުންޏެވެ.

ބައެއް ކައުންސިލްތަކުން ރަށް ހުޅުވަން ބޭނުމެއް ނޫން!

އަވަސް އަށް ވާހަކަ ދެއްކި ބ. އަތޮޅު ރަށެއްގައި ހިންގާ ގެސްޓްހައުސްއެއްގެ ވެރިއަކު ބުނި ގޮތުގައި ރަށުގެ ކައުންސިލުން ހުއްދަ ދޭން ޖެހޭނެ ކަމަށް އެޗްޕީއޭ ގައިޑްލައިންގައި ނެތް ކަމަށެވެ. ނަމަވެސް ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އުސޫލު ހެދީ ޓޫރިޒަމް މިނިސްޓްރީން ކަމަށާ، މިގޮތަށް އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

"ބައެއް ކައުންސިލް ތަކުން އެއްގޮތަކަށް ވެސް ބޭނުމެއް ނޫން މިކަން [ގެސްޓްހައުސް] ހުޅުވާކަށް. އެކަމަކު މިގޮތަށް އަޅުގަނޑުމެންނަކަށް ނުތިބެ ވޭނެ. ނޮވެމްބަރުގެ ފަހުން ލޯނުތައް ދައްކަން ފަށަން ޖެހޭ. މި ނޫން ގޮތެއް އެބަ ބޭނުންވޭ،" ބ. އަތޮޅު ރަށެއްގައި ގެސްޓްހައުސް ހިންގާ ވިޔަފާރިވެރިއަކު ބުންޏެވެ.

މިދިޔަ މަހު ގެސްޓްހައުސް ހުޅުވަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފައިވަނީ ކައުންސިލްމތަކުން އެކަމަށް އިއުތިރާޒެއް ނެތުކަމުގެ ލިއުމެއް އެ މިނިސްޓްރީ އަށް ހުށަހަޅުމުންނެވެ. މީގެ އިތުރުން އެ ރަށުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެސްޓްހައުސް ހުޅުވަން ކަނޑައަޅާފައިވާ ގައިޑްލައިންއާ އެއްގޮތަށް ފިޔަވަޅުތަކެއް ވެސް އަޅަން ޖެހެ އެވެ.

ގެސްޓްހައުސް ވިޔަފާރިވެރިން ތިބި ގްރޫޕުގައި ވާހަކަ ދެއްކި ބައެއް މީހުން ވަނީ މިހާރު ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ބޯޑުން މިކަމާ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ބުނެ، ޝަކުވާ ވެސް ކޮށްފަ އެވެ.

"މިހާރު ގޭމް ބޯޑުގައި ތިބީ މި ވިޔަފާރީ އެންމެ ފުޅާކޮށް ކުރާ ބޮޑެތި މީހުން. އެހެންވީމަ އެ މީހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރަނީ ވެސް ކަންނޭނގެ. އެކަމަކު އެބަޖެހޭ މިކަމަށް ކޮންމެ ވެސް ކޮޅެއްގައި ޖެހެން." ގެސްޓްހައުސްއެއްގެ ވެރިއަކު ބުންޏެވެ.

ގެސްޓްހައުސްގެ ވެރިއަކު ބުނެފައިވާ ގޮތުގައި ސިޔާސީ މަޝްރަހު އޮތް ގޮތުން ކައުންސިލް ތަކަށް ހުއްދަ ދޭން ޖެހޭ ގޮތަަށް އޮންނަ އޮތުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.

"އެޗްޕީއޭ ގައިޑްލައިންގައި ބުނާ ކަންކަން ފުރިހަމަ ކުރީމަ ދެން ކީއްކުރަން ތޯ ކައުންސިލުގެ ހުއްދައެއް ބޭނުން ވަނީ. މިގޮތަށް ހެދީމަ ބައެއް ރަށްރަށުގެ ކައުންސިލް ތަކުން ކުދިކުދި ސަރުކާރު ތަކެއް ގޮތަށް މި މަސައްކަތް ކުރަނީ. މިއީ ވަރަށް ދަތި ކަމެއް،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ގެސްޓްހައުސްތައް ވިޔަފާރި ކުރަން ފުރުސަތު ދޭން ޖެހޭ- ގޭމް

ގެސްޓްހައުސް ހުޅުވަން ބައެއް ކައުންސިލް ތަކުން ހުއްދަ ނުދޭ މައްސަލާގައި ގޭމްގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވި ގޮތުގައި ގައިޑްލައިންތަކާ އެއްގޮތަށް ކަންކަން ކޮށް ހުޅުވުމަކީ އެއްވެސް ނުރައްކަލެއް އޮތް ކަމެއް ނޫން ކަމަށާ، އެހެންވެ ކައުންސިލް ތަކުން ހުއްދަ ދޭން ޖެހޭ ކަމަށެވެ. އަދި ގެސްޓްހައުސް ހުޅުން ކާމިޔާބުކަމާއެކު ކުރި އަށް ގެންދެވޭނެކަމުގެ އެއް މިސާލަކީ މާފުށި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުޅުވި ފަހުން މިހާރު މާފުށީގައި 300 ގެސްޓުން އެބަތިބި. ހުރިހާ ކައުންސިލް ތަކުން ވެސް މި ވިޔަފާރި ކުރާނެ މަގު ތަނަވަސްކޮށް ދޭން ޖެހޭ،" އަބްދުﷲ ވިދާޅުވި އެވެ.

ރާއްޖޭގައި 600 އެއްހާ ގެސްޓްހައުސް ހިންގަ އެވެ. ނަމަވެސް މިހާތަނަށް ހުޅުވަން ހުއްދަ ދީފައިވަނީ 189 ގެސްޓްހައުސްއެއްގެ 2,284 ކޮޓަރި އެވެ.