ރާއްޖޭގެ ޓޫރިޒަމް މިހާރު މިއޮތީ ޓޫރިޒަމްގެ 48 އަހަރުވީ ތާރީހުގައި ނުދެކޭ ވަރުގެ ގެއްލުމެއްގަ އެވެ. އެންމެ ގާތުން 2004 ގެ ސުނާމީގައި ލިބުނު ގެއްލުންތަކާ ވެސް މިހާރުގެ ގެއްލުން އަޅާ ނުކިޔެ އެވެ. އެ އަށްވުރެވެސް ގެއްލުން ބޮޑެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ މަލަމަތި އެއްކޮށް ބަނަވެގެން ދިޔައިރު، ރަނގަޅު ވެދާނެ ކަމަށް ބަލައި މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ ރާއްޖޭގެ ބޯޑަރު ހުޅުވާލާފަ އެވެ. ނަމަވެސް ފެނިގެން ދިޔައީ ބޯޑަރު ހުޅުވެމުން ދަނިކޮށް ޓޫރިޒަމް މިނިސްޓްރީ ތެރެއިން ނުކުތް ހަޑި ވާހަކަތަކާއެކު މިނިސްޓަރަކަށް ހުނެވި އަލީ ވަހީދު މަގާމުން ވަކި ކުރިތަނެވެ. އެއަށްފަހު ނަވާވީސް ދުވަހު ޓޫރިޒަމް މިނިސްޓަރުގެ ގޮނޑި ހުސްކޮށް ހުރުމަށްފަހު އާ މިނިސްޓަރަކަށް ޑރ. އަބްދުﷲ މައުސޫމް ވަނީ ހަމަޖައްސާފަ އެވެ.
އާ މިނިސްޓަރަށް ކުރަން ޖެހޭ މަސައްކަތްތަކީ ކޮބައި ހެއްޔެވެ؟ މިނިސްޓަރުގެ ކުރިމަތީގައި ހުރި ގޮންޖެހުން ތަކަކީ ކޮބައި ހެއްޔެވެ؟ މިނިސްޓަރު އިށީންނަވާ ގޮނޑީގައި ހޫނުކަން ހުރީ ކިހާ ވަރަކަށް ހެއްޔެވެ؟
ޓޫރިޒަމް ތައުލީމާއި ތަޖުރިބާ ހުރި ބޭފުޅެއް
އާ ޓޫރިޒަމް މިނިސްޓަރަކީ "ޓޫރިޒަމް" ބޭފުޅެކޭ ބުނެވިދާނެ އެވެ. އެ މަނިކުފާނުގެ ވަނަވަރު ކިޔާލާނަމަ ޓޫރިޒަމް ނޫން އެއްޗެއް ނުފެނެ އެވެ. ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާ އިން ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސަކީ ވެސް މައުސޫމް އެވެ. އެމަނިކުފާނު ތައުލީމް ހާސިމް ކުރެއްވީ ވެސް މި ދާއިރާއިންނެވެ. މަތީ ތައުލީމް ހާސިލް ކުރެއްވީ އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީ ސްކޫލް އޮފް ޕަބްލިސިޓީ އިންނެވެ. ތީސިސް ލިއުއްވީ ރާއްޖޭގެ ޓޫރިޒަމްއާ ބެހޭ ދާއިރާއަކުންނެވެ. ތީސިސް ބިނާ ކުރެއްވީ "އެންކްލޭވް މައިކްރޯ އައިލެންޑް ޓޫރިޒަމް" އަށެވެ.
މައުސޫމްގެ ވަނީ މީގެ ކުރިން ހިންގުމުގެ ތެރޭގައި ވެސް އުޅުއްވާފަ އެވެ. ކިޔަވައި ދިނުމުގައި އުޅުއްވާފަ އެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާ އަށް މީހުން ބިނާ ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ. ކުރިން އެންވަރުމަންޓް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. އަދި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރިން ކުރަމުން ގެންދިޔަ ޓޫރިޒަމް މިނިސްޓްރީގެ ޑިޕާޓްމަންޓް، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑު (އެމްޓީޕީބީ) ހިންގެވުމުގައި ވެސް ހަރަކާތްތެރިވި އެވެ.
އެ މަނިކުފާނު އެމްޓީޕީބީ ހިންގުމުވުގައި އުޅުއްވި ދުވަސް ވަރަކީ ވެސް މިހާރު ގޮތަށް ކާރިސާގެ ހާލަތެކެވެ. ސުމާނީއާ ގުޅިގެން ޓޫރިޒަމް ހީނަރުވެފައިވަނިކޮށް އެމަނިކުފާނު ވަނީ އެމްޓީޕީގައި ހުންނަވައިގެން ގިނަ މަސައްކަތް ތަކެއް ކުރައްވާފަ އެވެ. އެހެންވެ މިއީ އިއްތިފާގެއް ކަމަށް ބުނެވިދާނެ އެވެ. މިހާރުވެސް ޓޫރިޒަމް މިއޮތީ ކާރިސާއެއްގެ ތެރޭގަ އެވެ. މައުސޫމް ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފަ އެވެ. އަދި ވިލާ ގްރޫޕުގެ ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ފުރުއްވި އެވެ. އެހެންވެ އެ މަނިކުފާނަކީ މި ދާއިރާގެ ތަޖުރިބާހުރި ދާއިރާ ރަނގަޅަށް ދަންނަ ބޭފުޅެއްގެ ގޮތުގައި ބުނުމުގެ ފުރުސަތު އެބައޮތެވެ.
ޑރ. މައުސޫމް އަށް ގޮންޖެހުން މަދެއް ނޫން
ޑރ. މައުސޫމް އަށް ފުރަތަމަ ކުރައްވަން ޖެހޭނެ މަސައްކަތަކީ ޓޫރިޒަމް މިނިސްޓްރީ ތެރެ ހަމައަކަށް އެޅުއްވުމެވެ. އެ މިނިސްޓްރީ ތެރެ އޮތީ ބައިބަވެ ފޮތިފޮތި ވެފަ އެވެ. ފެކްޝަން ހެދި ކޯލިޝަން ތަކަށް ވަކިވެފަ އެވެ. އެކި ޕާޓީގެ އެކި ފިކުރުގެ ބޭފުޅުން މިނިސްޓްރީގައި ތިއްބެވިއިރު މިނިސްޓްރީ ތެރެއިން ފެންނަނީ އެކަތި ގަނޑަކަށް މަސައްކަތް ކުރުމުގެ ބަދަލުގައި ވަކިން އުޅުމާއި ޑިގްއަރުވަން "ބޯޅަ ޖެހުން" ފަދަ ކަންތައް ތަކެވެ. މި އާދަ މިނިސްޓްރީ ތެރެއިން ނެރުމަކީ މިނިސްޓަރުގެ ކެބިން އަށް ޑރ. މައުސޫމް ވަންނަ ފުރަތަމަ ދުވަހުން ފެށިގެން ކުރައްވަން ޖެހޭނެ ކަމެވެ. އެހެންނޫންނަމަ މިނިސްޓްރީގެ ތެރޭގައި މަސައްކަތް ކުރުން ވާނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ.
އާ މިނިސްޓަރުގެ ގާބިލިއްޔަތު ހުރިވަރު ފެނުން އޮތީ ގުޅިގެން ކުރެވޭ މަސައްކަތް ތަކެއްގެ މައްޗަށެވެ. ސުވާލަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޑައިގަތް މިނިސްޓަރަށް އެހެން މިނިސްޓަރުން ޖާގަ ދޭނެ ހެއްޔެވެ؟ ގުޅިގެން މަސައްކަތް ކުރާނެ ހެއްޔެވެ؟ މިހާރު ވެސް "ކޭކު ފޮތި" ބެހުމުގެ މައްސަލާގައި ތުންފިއްތައިގެން ތިބި އެމްޑީޕީ މަޖިލީސް މެންބަރުން އެ ތިބީ ޑރ، މައުސޫމް މަސައްކަތް ކުރައްވަން ޖާގަ ދޭ ގޮތަކަށް ހެއްޔެވެ؟
ގުޅިގެން މަސައްކަތް ކުރަން ޑރ. މައުސޫމްއަށް ފުރުސަތު ނުދީފިނަމަ ވާނީ "ބޮލެއް" ލުން ފަދަ ކަމަކަށެވެ. ސަބަބަކީ ޓޫރިޒަމް މިނިސްޓަރަކީ މިހާރު އޮތް ގޮތުން ރާއްޖެ މާކެޓް ކުރުން ފަދަ ކަންކަމުގައި މާބޮޑު އިސް ދައުރެއް ކުޅެވޭނެ ބޭފުޅަކަށް ނުވެ އެވެ. ހަމައެކަނި މިނިސްޓަރު ކުރައްވަން ޖެހޭ ކަމަކީ ގަވާއިދުތައް ހެދުމާއި އެކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމެވެ. މައުސޫމް ޓޫރިޒަމް ބޯޑުގައި އުޅުއްވި ދުވަސްވަރާ ހިލާފަށް މިހާރު ރާއްޖޭގެ ޓޫރިޒަމް ބޮޑީ، އެމްއެމްޕީއާރުސީއަކީ ވަކި ކުންފުންޏެވެ. ވަކިން މަސައްކަތް ކުރާ ތަނެކެވެ. އެހެންވެ، ކުރީގެ މިނިސްޓަރުންނަށް ވެސް ޖެހުނު ދަތުރަކީ އެމްއެމްޕީއާރުސީ އާއި މިނިސްޓްރީ ދަނޑުމަތީ ދެ ފޯމެޓަކަށް ކުޅެން ޖެހުމެވެ.
އެމްއެމްޕީއާރުސީ "ފޯ ފޯ ޓޫ" ފޯމެޓުގައި ކުޅޭނަމަ ޓޫރިޒަމް މިނިސްޓްރީ ކުޅެނީ "ފޯ ތްރީ ތްރީ" އަށެވެ. ނަތީޖާއަކަށް ވަނީ މެޗުން މޮޅުވަން އޮންނަ ފުރުސަތު ހަނިވުމެވެ. ނަތީޖާ ނުފެނުމެވެ.
އާ މިނިސްޓަރަށް އޮތް އަނެއް ގޮންޖެހުމަކީ ބޯޑަރު ހުޅުވިގެން ދިޔައިރު ރާއްޖޭގެ ނަން ދުނިޔެއަށް ފެންނާނެ ގޮތެއް ހެދުމެވެ. އެކަމަށްޓަކައި ފޮރިން މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި އިންޑަސްޓްރީ ގުޅިގެން "ކަލެކްޓިވް" މަސައްކަތް ތަކެއް ކުރަން ޖެހެ އެވެ. ރާއްޖޭގައި ކޮވިޑް ބަލި ފެތުރެމުން ދާއިރު ޓޫރިޒަމްގެ މުހިންމު މާކެޓުތަކުގައި ރާއްޖެ ޕްރޮމޯޓް ވާން ޖެހެ އެވެ. ރާއްޖޭގެ ވާދަވެރިން ކަމަށްވާ ސީޝެލްސް ފަދަ ގައުމުތަކުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެހެންވެ ރާއްޖެ ވެސް އަވަސް ނަތީޖާ ފެންނަ މަސައްކަތް ތަކެއް ކުރަން ޖެހެ އެވެ. ދެން އޮތް މަސައްކަތަކީ ދިވެހި މުވައްޒަފުންނަށް ވަޒީފާ ހޯދައި ދިނުމެވެ. ޑރ. މައުސޫމްއަކީ މީހުން ބިނާ ކުރުމުގެ ބެކްރައުންޑެއް އޮތް ބޭފުޅެކެވެ. އެހެންވެ އިންޑަސްޓްރީ އަށް ވަންނަން ބޭނުންވާ ޒުވާނުގެ އުންމީދުތައް ހާސިލް ކޮށްދޭން މަސައްކަތް ކުރަން ޖެހެ އެވެ.
އިންޑަސްޓްރީ ފޮނި އުންމީދެއްގައި
ޓޫރިޒަމް ސިނާއަތުގެ ހުރިހާ ބޭފުޅު ވެސް ގަބޫލު ކުރައްވަނީ މައުސޫމްއަކީ "ޓޫރިޒަމް" ބޭފުޅެއް ކަމަށެވެ. އެހެންވެ މުޅި އިންޑަސްޓްރީ ވެސް އޮތީ ފޮނި އުންމީދުތަކެއްގަ އެވެ. އެތިބީ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކޮށްގެންނެވެ.
ލެޓްގޯސް ކުންފުނީގެ ވެރިޔާ މުހައްމަދު ރިޔާޒް (ލެޓްސްގޯ ރިޔާޒް) ވިދާޅުވީ މައުސޫމްއަކީ ޓޫރިޒަމް ސިނާއަތު ރަނގަޅަށް ދަންނަ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މައުސޫމްއަކީ ޓޫރިޒަމް މިނިސްޓަރު ކަމަށް ގެންނަން ރަނގަޅު ބޭފުޅެއް. އެމަނިފާނަކީ މި ދާއިރާއިރާގެ ތައުލީމާއި ތަޖުރިބާ ހުރި ބޭފުޅެއް،" ރިޔާޒު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޓްރެވަލް ކުންފުނި ކަމަށްވާ ކެޕިޓަލް ޓްރެވަލްގެ ވެރިޔާ ޔޫސުފު ރިފްއަތު ވިދާޅުވި ގޮތުގައި އާ މިނިސްޓަރު ރަނޅުވާނެ ކަމަށް އުންމީދު ކުރެވެއެވެ.
"ކިތަންމެ ގާބިލް ބޭފުޅަކު އައިނަމަވެސް އެހެން ހުރިހާ މީހުންގެ އެއްބާރުލުން ބޭނުންވާނެ. މުޅި އިންޑަސްޓްރީ އެއްކޮށް ގުޅިގެން ކުރާ މަސައްކަތް ތަކުން ކާމިޔާބު ލިބޭނީ،" އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ) ގެ ރައީސްކަން ވެސް ކުރައްވާ ރިފްއަތު ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމީ ބޯޓިން އެސޯސިއޭޝަންގެ ރައީސް އަހުމަދު އަފުރާހު ވިދާޅުވި ގޮތުގައި މި ހާލަތަކީ ޓޫރިޒަމް ސިނާއަތަށް ދަތި ވަގުތެއް ކަމަށެވެ. އަދި މިހާލަތަށް ބޭނުންވަނީ ތަޖުރިބާ ހުރި ބޭފުޅެކެވެ. މައުސޫމްއަކީ އެ ފަދަ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާލަތުގައި ބޭނުންވަނީ ޓޫރިޒަމް ސިނާއަތުގެ ނޮލެޖު ހުރި އެކްސްޕީއަންސް ބޭފުޅެއް މި ދާއިރާ ލީޑް ކުރަން. މައުސޫމްއަކީ މިހާލަތަށް އެންމެ ރަނގަޅު އެއް ޗޮއިސް،" އަފްރާހު ވިދާޅުވި އެވެ.
ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ވިދާޅުވި ގޮތުގައި މައުސޫމްއަކީ މިހާލަތަށް އެންމެ ރަނގަޅު ބޭފުޅާއެވެ.
"ވަރަށް ހިތްހެޔޮ، މީހުންނާ ގުޅޭ ބޭފުޅެއް މައުސޫމްއަކީ. އެހެންވެ، އުންމީދަކީ އެންމެން ގޮވައިގެން އުޅޭނެ ބޭފުޅަކަށް ވާނެ ކަމަށް،" ވަލީދު ވިދާޅުވި އެވެ.
އާ ޓޫރިޒަމް މިނިސްޓަރެއް އައްޔަން ކޮށްފި އެވެ. މިހާލަތުގައި އެންމެ ޒިންމާ ބޮޑު އެއް ވަޒީރެއްގެ ގޮތުގައި ރަސްމީކޮށް އާދިއްތަ ދުވަހުން ފެށިގެން މައުސޫމް އޮފީހަށް ނުކުންނަވާއިރު، އެ މަނިކުފާނު އެ އިށީންނަވަނީ "ހޫނު" ގޮނޑިއެއްގައެވެ. އެމަނިކުފާނަށް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. ޔަގީންވާ ކަމަކީ މިކަންކަމަށް ކުރިމަތިލެވޭ ވަރުގެ ތައުލީމާއި ތަޖުރިބާ މައުސޫމްގެ ކިބައިގައި ހުރި ކަމެވެ. ނަމަވެސް އަމަލީ މައިދާނުގައި އެކަންތައް ހާސިލްވާނެ ވަރެއް އެނގޭނީ އަދި ފަހުންނެވެ. މުޅި އިންޑަސްޓްރީ އެތިބީ އެ ނަތީޖާއަށް ބަލައިގެންނެވެ.