ދީޕިކާ ޕަދުކޯންގެ ތިން ހަތަރު ފިލްމެއް އެއް އަހަރު ތެރޭ ރިލީޒްކުރި ދުވަސްވަރެއް ވެސް ދިޔަ އެވެ. އަދި ހުރިހާ ފިލްމެއް ބޮކްސް އޮފީހުގައި ކާމިޔާބުތައް ހޯދި ދުވަސްވަރެއް ވެސް ފެނިފައި ވެއެވެ. އެގޮތުން 2013 ގައި ދީޕިކާ ކުޅުނު "ރޭސް 2"، "ޔޭ ޖަވާނީ ހޭ ދިވާނީ"، "ޗެންނައި އެކްސްޕްރެސް" އަދި "ރާމް-ލީލާ" ކާމިޔާބު ހޯދީ ފުލުފުލުގަ އެވެ. އަދި 2015 ގައި ވެސް ދީޕިކާގެ ތިން ފިލްމެއް ރިލީޒްކޮށްފައި ވެއެވެ. "ޕީކޫ"، "ތަމާޝާ" އަދި "ބާޖީރާއޯ މަސްތާނީ" އެވެ. މީގެ ތެރެއިން "ތަމާޝާ" ފިޔަވައި އަނެއް ދެ ފިލްމަށް ވަރަށް ރަނގަޅު ކާމިޔާބެއް ވަނީ ލިބިފަ އެވެ.
ނަމަވެސް އޭގެ ފަހުން ދީޕިކާ އަހަރަކު ފިލްމު ކުޅޭ މިންވަރު މަދުކޮށްލި އެވެ. އެހެންވެ ފާއިތުވީ ފަސް އަހަރު ތެރޭ ނިކުމެފައި ވަނީ އޭނާގެ މަދު ފިލްމެކެވެ. އެކަމަކު މިހާރު ދީޕިކާ ގިނަ ފިލްމުތަކެއްގައި އަނެއްކާވެސް ސޮއި ކުރަން ފެށުމާއެކު ވަރަށް ބޮޑު ބަޖެޓު ގިނަ ފިލްމުތަކެއްގެ ޔަގީންކަން ވަނީ ހޯދާފަ އެވެ.
އެގޮތުން ފާއިތުވީ ހައެއްކަ މަސް ދުވަސް ތެރޭ ދީޕިކާ ވަނީ ފަސް ފިލްމެއް ކުޅެން އެއްބަސްވެފަ އެވެ. މިހުރިހާ ފިލްމަކީ ވެސް ނަން މަޝްހޫރު ބޮޑެތި ޑައިރެކްޓަރުންގެ ފިލްމުތަކެވެ.
މިއަހަރު އެންމެ ފުރަތަމަ ދީޕިކާ ފެނިގެން ދާނީ ފިރިމީހާ ރަންވީރު ސިންގް އާއެކު ކުޅެފައިވާ "83" އިންނެވެ. ކަބީރް ޚާން ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ދީޕިކާ ކުޅެނީ އިންޑިޔާގެ މަޝްހޫރު ކްރިކެޓް ޝަޚްސިއްޔަތު ކަޕިލް ދޭވްގެ އަންހެނުންގެ ރޯލެވެ. ދެން އޮތީ ޝަކުން ބަޓްރާ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން މޭ މަހު ފަށަން ހަމަޖެހިފައި އޮތަސް ލޮކްޑައުންގެ ސަބަބުން ޝޫޓިން ފެށޭނެ ގޮތެއް ނުވެ ލަސް ވެފައި ވެއެވެ. ތިން ވަނަ އަށް އޮތީ ހޮލީވުޑް މަޝްހޫރު ފިލްމު "ދި އިންޓާން" ގެ ރިމޭކް އެކެވެ.
ޑައިރެކްޓަރު އަޝްވިން ނާގްގެ ފިލްމަކަށް ވެސް ދީޕިކާ މިހާރު ވަނީ އާނ ބަސް ބުނެފަ އެވެ. ސައުތު އިންޑިޔާގެ ސުޕަސްޓާ ޕްރަބާސް އާއެކު ދީޕިކާ ކުޅޭ މި ފިލްމު ކުޅެން އޭނާ އެއްބަސްވީ 20 ކްރޯޑު ރުޕީސް އަށް ކަމަށް ޚަބަރުތައް ބުނެ އެވެ. މިއީ ސައިންސް ފިކްޝަން ފިލްމެކެވެ.
ދެން އޮތީ "ޑްރައުޕަދީ" އެވެ. މިއީ ދީޕިކާގެ އެކްޓިން ހުނަރު ވަރަށް މޮޅަށް ދައްކާ ލެވޭ ކަހަލަ ރޯލެއް ހިމެނޭ ފިލްމަކަށް ވާތީ ދީޕިކާގެ ފޭނުން މި ފިލްމަށް ވެސް ވަރަށް ބޮޑަށް ދަނީ އިންތިޒާރު ކުރަމުންނެވެ.