ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަކީ ހަމައެކަނި ޕީޕީއެމްއިން ކުރިކަމެއް ކަމަށް ބުނުމަކީ ކަމުގެ ހަގީގަތް އޮޅުވާލުން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ރާއްޖޭގެ ރަށްވެހިކަން ބިދޭސީންނަށްދީ ގައުމު ވިއްކާލަން އުޅޭ ކަމަށް ބުނެ އިދިކޮޅުން ރޭ ވަނީ މުޒާހަރާކޮށްފައެވެ. އިދިކޮޅުގެ މުޒާހަރާއާއެކު އެމްޑީޕީގެ އިސް ބޭފުޅުންނާއި އެކްޓިވިސްޓުން ވަނީ ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ރައީސް ޔާމީންގެ ސަރުކާރުން ގާނޫނު އަސާސީ އިސްލާހު ކުރިކުރުން ހަނދާން ކޮށްދީ އިދިކޮޅަށް ފާޑުކިޔާފައެވެ.
ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް މަޖިލީހަށް ހުށައެޅީ ޕީޕީއެމުންނެވެ. ނަމަވެސް އެެ އިސްލާހު ފާސްކުރީ މަޖިލީހުގައި އޭރު ތަމްސީލް ކުރަމުންދިޔަ ގިނަ ޕާޓީތަކެއްގެ ބައިވެރިވުމާއެކުގައެވެ.
ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަކީ ހަމައެކަނި ޕީޕީއެމްއިން ކުރިކަމެއް ކަމަށް ބުނުމަކީ ކަމުގެ ހަގީގަތް އޮޅުވާލުން ކަމަށެވެ. އެކަންކުރީ ގިނަ ޕާޓީތަކެއްގެ ބައިވެރިވުމާއެކުކަންވެސް އުޝާމް ފާހަގަ ކުރެއްވިއެވެ.
"ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ އެމްޑީޕީވެސް ހިމެނޭ ގޮތުން މަޖިލީހުގަ އޭރު އޮތް ގިނަ ސިޔާސީ ޕާޓީތަކެއްގެ ވޯޓް ލިބިގެން އެންމެން ގުޅިގެން. އެކަމަކީ ހަމައެކަނި ޕީޕީއެމްއިން ކުރިކަމެއްކަމަށް ބުނުމަކީ ކަމުގެ ހަގީގަތް އޮޅުވާލުން،" އުޝާމް ވިދާޅުވިއެވެ.
ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު މި ސަރުކާރު ވަނީ ކުރިން އޮތް ގޮތަށް ބަދަލުކޮށްފައެވެ. ގާނޫނު އަސާސީއަށް އޭރު ހުށައެޅި އިސްލާހަށް ވޯޓް ނުދެއްވަނީ 14 މެންބަރުންނެވެ.
އޭގެ ތެރޭގައި ހިންނަވަރު ދާއިރާގެ އޭރުގެ މެންބަރު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނިވަޑައިގަންނަވައެވެ. އަދި މިހާރު ޑިފެންސް މިނިސްޓަރު އޭރު މައްޗަށްގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީއާއި، ޔޫތު މިނިސްޓަރު އަދި ގަލޮޅު ދެކުނު ދާއިރާގެ އޭރުގެ މެންބަރު އަހުމަދު މަހުލޫފާއި، މިހާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އޭރު ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއީލްވެސް ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން އެމްޑީޕީގެ އިތުރު 8 މެންބަރަކާއި ޖުމްހޫރީ ޕާޓީގެ ދެ މެންބަރެެއްގެ އިތުރުން އަދާލަތު ޕާޓީގެ އަނާރާ ނައީމްވެސް އެ އިސްލާހަށް ވޯޓް ނުދެއްވައެވެ.