ނަކަލު ކޮށްފައިވާ ޝަހުސް އޮޅުވާލާގައިގެން ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ، ސައްހަ ޕާސްޕޯޓަކަށް ބަދަލު ގެނެސްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުއްޓުވާފައިވާ ކަމަށެވެ.
އުމުރުން 40 އަހަރުގެ އެ މީހާއަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ވެސް އަދި އޭނާ އައީ ކޮން ގައުމަކުން ކަމެއް ވެސް އިމިގްރޭޝަނުން ބުނެފައެއް ނުވެއެވެ. ނަމަވެސް އެ މީހާގެ ލޮލާއި އަނގަމަތި ނުފެންނަ ގޮތަށް ފޮޓޯއެއް އިމިގްރޭޝަނުން ވަނީ ހިއްސާކުރި އެވެ.
ނަކަލު ކޮށްފައިވާ ޕާސްޕޯޓް ބޭނުން ކޮށްގެން ނުވަތަ ސައްހަ ނޫން ވޯކް ވިސާ ކާޑުތަކެއްގައި ރާއްޖެއަށް ބިދޭސީން އެތެރެވާން އުޅޭ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް އިތުރުވެފަ އެވެ. މީގެ ކުރިން ކައިރި ކައިރީގައި އެކި ފަހަރު މަތިން ވަނީ އޮޅުވާލައިގެން އެތެރެވާން އުޅުނު މީހުން ހުއްޓުވާފަ އެވެ.
އެ މައްސަލަތައް ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ނިޒާމް ވަރުގަދަ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެސް ވެއެވެ. ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންގެ ތެރެއިން އެކި ކަހަލަ މައްސަލަތަކުގައި ޑީޕޯޓް ކޮށްލާ ފަރާތްތަކުން ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރެ އެވެ.