މުހައްމަދު މުސްތޮފާ

ހާޓްއެޓޭކެއް ޖެހި، މުސްތަފާ ފަރުވާ ހޯއްދަވަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ހޯއްދަވަން ފައްޓަވައިފި އެވެ. އޭނާ އެޑްމިޓް ކުރީ ހާޓްއެޓޭކެއް ޖެހިގެނެވެ.

އާއިލީ ބޭފުޅަކު ވިދާޅުވީ މުސްތަފާގެ ހާޓްއެޓޭކެއް ޖެހުނީ ރޭގެ ވަގުތެއްގައި ކަމަށާއި ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ސާޖަރީއެއް ހަދާފައިވާ ކަމަށެވެ. މިވަގުތު ވެސް މުސްތަފާއަށް ފަރުވާ ދެއްވަމުން ގެންދަވަނީ ތިއޭޓަރުގައި ބާއްވައިގެންނެވެ. އިތުރަށް ހާލު ގޯސްވަމުން ނުދާ ކަމަށް ވެސް އެ އާއިލާއިން ބުންޏެވެ.

ކުރީގެ މެންބަރު މުހައްމަދު މުސްތަފާ އެންމެ ފުރަތަމަ މަޖިިލީހަށް އިންތިހާބުވީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ބޭއްވި މަޖިލީސް އިންތިހާބުގައި ވެސް ކާމިޔާބު ހޯއްދެވި އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރޭގައި ވެސް މުސްތަފާ ހިމެނިވަޑައިގަންނަވަ އެވެ.

ފަހުން 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގައި ވެސް އެމްޑީޕީގެ ޓިކެޓްގައި މުސްތަފާ ވާދަކުރެއްވި އެވެ. ނަމަވެސް އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތެވެ. މިފަހުން މުސްތަފާ ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.