މުހައްމަދު މުސްތޮފާ

މުސްތަފާ ފުލުހަށް ހާޒިރުވާން އަންގައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖަހައިދިން މީހަކަށް 50،000 ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު، މުހައްމަދު މުސްތަފާ ޓްވީޓް ކުރެއްވި މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

މި މައްސަލައިގެ ތަހުގީގަށް މިރޭ 9:45 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް މުސްތަފާއަށް މިހާރު ވަނީ އަންގާފަ އެވެ.

ރައީސްގެ މޫނަށް ކުޅު ޖަހައިދިން މީހަކަށް ފައިސާ ދެއްވާނެ ކަމަށް ވިދާޅުވެ މުސްތަފާ ޓްވީޓް ކުރެއްވީ ރޭގެ ވަގުތެއްގަ އެވެ.

މުސްތަފާ ގެންދަވަނީ ކެނޑިނޭޅި ރައީސް ސޯލިހަށް ފާޑު ވިދާޅުވެ ޓްވީޓް ކުރައްވަމުންނެވެ. އޭނާ ޓްވީޓް ކުރައްވާއިރު ބޭއަދަބީ ބަސްތައް ވެސް ބައެއް ފަހަރު ބޭނުންކުރައްވަ އެވެ.

މުސްތަފާގެ އިތުރުން ރައީސް ސޯލިހްގެ ވެރިކަން "ލޭއޮހޮރުވުމަކުން ބަދަލުކުރަންވެއްޖެ" ކަމަށް ވިދާޅުވެ މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާން މަރިޔަމް ޝިއުނާ ޓްވީޓް ކުރެއްވި މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.

މި ޓްވީޓާ ގުޅިގެން ޝިއުނާގެ އެކައުންޓް ވަނީ ޓްވިޓާއިން ސަސްޕެންޑް ވެސް ކޮށްފަ އެވެ.