މުހައްމަދު މުސްތޮފާ

ރައީސްގެ މޫނަށް ކުޅު ޖެހުމުން ބައިލައްކަ ރުފިޔާ، މައްސަލައިގެ ތަހުގީގު ފަށައިފި

Feb 5, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖަހައިދިން މީހަކަށް 50،000 ރުފިޔާ ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވި މައްސަލަ ބަލަން ފަށައިފި އެވެ.

މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހްގެ މޫނަށް ކުޅުޖެހި މީހަކަށް 50،000 ރުފިޔާ ދޭނެ ކަމަށެވެ.

މުސްތަފާގެ ޓްވީޓާ ގުޅިގެން ސުވާލުކުރުމުން ފުލުހުން ބުނީ އެ މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު މުޖުތަބާގެ ބޭބެ -- މުސްތަފާ ގެންދަވަނީ ކެނޑިނޭޅި ރައީސް ސޯލިހަށް ފާޑު ވިދާޅުވެ ޓްވީޓްކުރައްވަމުންނެވެ. އޭނާ ޓްވީޓް ކުރައްވާއިރު ބޭއަދަބީ ބަސްތައް ބޭނުންކުރައްވަ އެވެ.

ނިމިގެން ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މުސްތަފާއާއި މުޖުތަބާ މަސައްކަތް ކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާ އެކު އެވެ.

ރައީސް ސޯލިހްގެ ވެރިކަން "ލޭއޮހޮރުވުމަކުން ބަދަލުކުރަން ވެއްޖެ" ކަމަށް ވިދާޅުވެ މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާން މަރިޔަމް ޝިއުނާ ޓްވީޓް ކުރެއްވި މައްސަލައެއްވެސް ފުލުހުން ގެންދަނީ ބަލަމުންނެވެ.

މި ޓްވީޓާ ގުޅިގެން ޓުވިޓާއިން މިހާރު ވަނީ ޝިއުނާގެ އެކައުންޓް ސަސްޕެންޑް ކޮށްފަ އެވެ.