ވިޔަފާރި

ކުންފުނިތަކުގެ ޑިވިޑެންޑް 46 ޕަސެންޓް ދަށަށް

ސަރުކާރު ހިއްސާވާ ކުންފުނި ތަކުން ޑިވިޑެންޑުގެ ގޮތުގައި ދެއްކި އަދަދު 46 ޕަސެންޓް ދަށްވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ދައްކާފައި ވަނީ 249.7 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު 464.3 މިލިއަން ރުފިޔާ ދެއްކި އެވެ. އެހެން ކަމުން މިއީ ގާތްގަނޑަކަށް 46 ޕަސެންޓުގެ ދަށްވުމެކެވެ.

މި އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި 1.3 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އާމްދަނީ އަށް ވެސް ވަނީ ބޮޑެތި ލޮޅުން ތަކެއް އަރާފަ އެވެ. ސަރުކާރު ހިއްސާވާ 21 ވަރަކަށް ކުންފުނި އޮންނަ އިރު، ޑިވިޑެންޑް ދަށްކަނީ ނިސްބަތުން މަދު ކުންފުންޏެކެވެ. ޑިވިޑެންޑް ދައްކަން ބާރު އެޅުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން މި އަހަރު ކުންފުނީގެ ބޯނަސް ބެހުމުގެ އުސޫލަށް ވެސް ބަދަލު ގެނެސްފައި ވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑް ދައްކަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހު އެވެ. އެ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޑިވިޑެންޑް ދައްކަނީ ބީއެމްއެލް އާއި ދިރާގު އަދި އެމްއޭސީއެލް އެވެ.