ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ލިބުނު ސާފު ފައިދާ 14 ޕަސެންޓް އިތުރުވެއްޖެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން ބޯޑުން ނެރެފައިވާ ސަރުކާރު ކުންފުނިތަކުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ސަރުކާރު ހިއްސާވާ 21 ކުންފުންޏެއް ހިންގަމުން ދިޔަ އެވެ. މި ކުންފުނި ތަކަށް ދެވަނަ ކްއާޓަރާ ހަމައަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 957 މިލިއަން ރުފިޔާ އެވެ. މިއީ 2017 ވަނަ އަހަރު ލިބިފައިވާ 841 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 14 ޕަސެންޓުގެ އިތުރުވުމެކެވެ.
މި މުއްދަތުގައި ސަރުކާރު ކުންފުނިތަކުން އެންމެ ބޮޑު ސާފު ފައިދާއެއް ހޯދީ ބޭންކް އޮފް މޯލްޑިވްސް އާއި ދިރާގު އަދި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އެވެ. ބީއެމްއެލް އިން ވަނީ 232 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ހޯދާފަ އެވެ.
އެ ކުންފުންޏަށް 2017 ވަނަ އަހަރު ލިބުނު 183 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 30 ޕަސެންޓް އިތުރުވުމެކެވެ. އަދި އެމްއޭސީއެލް އަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް 221 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެ ކުންފުންޏަށް 2017 ވަނަ އަހަރު ލިބުނީ 197 މިލިއަން ރުފިޔާ އެވެ. މިއީ 12 ޕަސެންޓް އިތުރުވުމެކެވެ. މީގެ އިތުރުން ދިރާގަށް 215 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް 2017 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނީ 209 މިލިއަން ރުފިޔާ އެވެ. އެއީ ތިން ޕަސެންޓުގެ އިތުރުވުމެކެވެ.