ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫނުގެ ލިޔުމެއް: ހައްޖުގެ އަޅުކަން ގާއިމް ނުކުރެވޭ އަހަރުތަކެއް!

Jul 28, 2020
1

އެޑިޓަރުގެ ނޯޓް: މިއީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ލިޔުއްވާފައިވާ އެ މަނިކުފާނުގެ އިލްމީ ލިޔުއްވުމެކެވެ. ރައީސް މައުމޫންގެ މި ލިޔުން ނޫހުގައި ޝާއިއު ކޮށްފައި މިވަނީ އެ މަނިކުފާނު ލިޔުއްވެވި ގޮތަށް އެއްވެސް ބަދަލެއް އުނި އިތުރެއް ގެނައުމަކާ ވެސް ނުލަ އެވެ. އެ މަނިކުފާނު ބޭނުންފުޅުވެ ވަޑައިގަތުމުން ދޭތެރެ ދޭތެރެއިން ލިޔުއްވުމުގެ ފުރުސަތު އަވަސް އޮންލައިން އިން އޮންނަނީ ހުޅުވާލާފަ އެވެ.

______________________________________________________

މި އަހަރު މުޅި ދުނިޔޭގައި ކޮރޯނާ ވައިރަސްގެ ނުރައްކާތެރި ބަލި ފެތުރި، އެތައް ހާސް ބަޔަކު މި ބަލީގައި މަރުވެ، ޤައުމުތަކުގެ ސަރަޙައްދުތައް ބަންދުވެ، ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން، އެހެން އަހަރުތަކެކޭ އެއްގޮތުގެމަތިން އެންމެންނަށް ބައިވެރިވެވޭ ގޮތަށް މިއަހަރުގެ ޙައްޖު ނުބޭއްވޭނެ ކަމުގައި ސަޢޫދީ ޢަރަބިއްޔާއިން ބުނެއެވެ.

މިސުރުގެ އަލްއަހްރާމް ނޫސް މަޢުލޫމާތު ދޭ ގޮތުގައި، މިއަހަރު ޙައްޖުވުމުގެ ފުރުޞަތު އޮތީ އެންމެ ދޮޅުހާސް މީހުންނަށެވެ. އެއީ، ފުރަބަންދުގެ ދުވަސްވަރުއްސުރެ ސަޢޫދީގައި ތިބި މީހުންނެވެ. އޭގެތެރެއިން %30 މީހުންނަކީ، ސަޢޫދީންނެވެ. %70 މީހުންނަކީ، އެހެން ޤައުމުތަކުގެ މީހުންނެވެ. ކުރިން އެއްވެސް ފަހަރަކު ޙައްޖު ނުވާ މީހުންނެވެ. މިއިން ކޮންމެ މީހަކަށްވެސް ފުރުޞަތު ލިބެނީ، ކޮރޯނާ ވައިރަސްއަށް ނެގެޓިވް ވެފައިވާ ކަމުގެ މެޑިކަލް ސެޓްފިކެޓެއް ދެއްކުމުންނެވެ.

ޙައްޖަކީ، އަހަރު ތެރޭގައި އަންނަ، އެންމެ ގިނަ އިންސާނުން އެއްތަނަކަށް އެއްވާ މުނާސަބަތެވެ. ފަހަކަށް އައިސް، ކޮންމެ އަހަރަކުވެސް މަދުވެގެން 3 މިލިޔަނެއްހާ މީހުން ޙައްޖު ވެއެވެ. އެއީ، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ޙައްޖުވެރިންނަށް ދެއްވަމުން ގެންދަވާ ފަސޭހަތަކާއި ޚިދުމަތްތައް ފުޅާ ކުރެއްވުމުގެ ސަބަބުންނެވެ.

ޙައްޖު ޤާއިމް ނުކުރެވޭ އަހަރުތަކެއް ގޮސްފައިވާ ކަމަށް ތާރީޚު ފޮތްފޮތުން އެނގެން އެބަ އޮތެވެ. އެއީ، އެކިއެކި ނުރައްކާތެރި ރޯގާތައް ފެތުރުމުން، ނުވަތަ ޚަރަދު ބޮޑުވުމުގެ ސަބަބުން، ނުވަތަ އަމާންކަން ގެއްލިފައި ވުމުގެ ސަބަބުންނެވެ.

ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަމަށް ހުށަހެޅިދާނެ ކަމަށްޓަކައި، ޙައްޖުގެ އަޅުކަމާއި، ޢުމްރާގެ އަޅުކަން މި އަހަރު ނުބޭއްވުމަކީ، ޝަރުޢީގޮތުން ހުއްދަވާނެ ކަމެއް ކަމުގައި މިސުރުގެ ދާރުލް އިފްތާއުގެ ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.
އެބޭފުޅުންގެ ރައުޔު ބިނާކުރައްވާފައިވަނީ، ފައިދާ ކުރުވަނިވި ކަމެއް ކުރުމަށް ވުރެ ގެއްލުން ދެނިވި ކަމެއް ނުކުރުން މާ މުހިންމު ކަމަށް ބުނާ ޝަރުޢީ އުސޫލުގެ މައްޗަށެވެ. އެހެނީ، އިންސާނާ ބަލިވެއްޖެ ނަމަ، ނުވަތަ މަރުވެއްޖެ ނަމަ، އެމީހަކަށް އެއްވެސް އަޅުކަމެއް ނުކުރެވޭނެއެވެ. އެއާ ޚިލާފަށް، އިންސާނާ ގަދަވެ ސަލާމަތުން ހުރެއްޖެނަމަ، ކިތަންމެ ފަހަރަކު ޙައްޖުވުމުގެ ނުވަތަ ޢުމްރާވުމުގެ ފުރުޞަތު އޮންނާނެއެވެ.

ތާރީޚުގެ ޙާދިސާތަކަށް ބަލައިލާއިރު، ޤަރާމިޠާ އޭ ކިޔުނު ބަޔެއްގެ ބިރުވެރި ޢަމަލުތައް ޙައްޖު ބޭއްވުމަށް އެތައް އަހަރަކު ހުރަސްއަޅާފައި ވެއެވެ. ޤަރާމިތާއިންނަކީ، އިރުމަތީ ސަޢޫދީ އާއި ބަޙްރެއިންގައި ދިރިއުޅެމުން ދިޔަ ޝީޢީ މަޛްހަބުގެ ބަޔެކެވެ. ވަރަށް ހަރުކަށި އުސޫލުތަކެއް ގެންގުޅުނު ދީނީ ޖަމާޢަތެކެވެ. އެ ޖަމާޢަތް އުފެދިގެން އައީ، ޢިރާޤުގައެވެ. އެބައިމީހުން ނިސްބަތްވަނީ ޙަމްދާން ޤުރްމުތު ކިޔާ ޝީޢީ ލީޑަރަކަށެވެ. އެމީހުން ބުނަމުން ދިޔަ ގޮތުގައި ޙައްޖަކީ، ޖާހިލިއްޔަ ޒަމާނުގެ ޢަމަލެކެވެ.

މަޝްހޫރު މުއައްރިޚު ޝަމްސުއްދީން އައްޛަހަބީ ލިޔުއްވި [ތާރީޚުލް އިސްލާމް] މި ފޮތުގައި ލިޔުއްވާފައި ވެއެވެ.

ހިޖްރީ 317 ވަނަ އަހަރު، ޛުލްޙައްޖު މަހުގެ 8 ވަނަ ދުވަހު، އަބޫ ޠާހިރު އަލް ޤުރްމުތީ، ގެފުޅުގެ ދޮރުކޮޅު މަތީގައި ހުރެ، ޙައްޖުވުމަށް އަންނަ އެންމެން ޤަތުލު ކުރުމަށް ގޮވާލަމުން ދިޔައެވެ. އަދި އޭނާއަށް ތަބާވީ މީހުން ޙައްޖަށް ދިޔަ އެތައް ބަޔަކު މަރައި، ލޭއޮހޮރުވާ ހެދިއެވެ. އަދި ގެފުޅުގެ ފާރުކޮޅުތަކަށް ގެއްލުންދީ، ޙަޖަރުލްއަސްވަދު އުފުރާލައިގެން ގެންދިޔައެވެ. އެދުވަހު ވަރަށް ގިނަ ޙައްޖުވެރިން ގެފުޅުގެ އުރަކޮޅުގައި އެލިގަނެގެން ތިބެ ، އެބައިމީހުން ޤަރާމިޠާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުން އެދި މާތް اللّهގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން ދިޔައެވެ. އެދުވަހު އެތައް ހާސް ޙައްޖުވެރިޔަކު ޝަހީދުވެގެން ދިޔަ ކަމަށާއި، އެބައިމީހުން މަރުވެގެން ވެއްޓުނު ތާނގައި، ނުހިނަވައި، ކަފުން ނުކޮށް، ކަށު ނަމާދުވެސް ނުކޮށް ވަޅުލެވިގެން ދިޔައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ބައެއް މަސްދަރުތައް ބުނާގޮތުގައި، މަރުވެފައިވާ ޙައްޖުވެރިންގެ ތެރެއިން ދެހާސް މީހުންގެ ހަށިތައް ޤަރާމިޠާގެ މީހުން ޒަމްޒަމް ވަޅުކޮޅު ތެރެއަށް އަޅައި، އެ ވަޅުކޮޅު މުޅިން ބައްދާލިއެވެ. އޭގެފަހުން، ޙަޖަރުލްއަސްވަދު ހުރިތަނުން އުފުރާލައި، ބަޙްރެއިންގައިވާ އެބައިމީހުންގެ މަރުކަޒަށް ގެންގޮސް، އަބޫ ޠާހިރު އެތާނގައި ބިނާކޮށްފައިވާ ދާރުލް ހިޖްރާއޭ ކިޔާ ތަނެއްގައި ބެހެއްޓިއެވެ. އެއީ، ޙައްޖުވެރިން މައްކާއަށް ދިޔުން ހުއްޓުވައި، އެބައިމީހުންގެ ވެރިރަށް ހަޖަރަށް ދިޔުން މަޖުބޫރު ކުރުމަށްޓަކައެވެ. މިކަމުގެ ސަބަބުން، ގިނަ އަހަރުތަކެއް ވަންދެން މީސްތަކުން ގެފުޅަށް ޙައްޖުވުން ހުއްޓުނެވެ. ބުނެވޭ ގޮތުގައި އެއީ 10 އަހަރު ދުވަހެވެ. މި 10 އަހަރުގެ ތެރޭގައި، އެއްވެސް ޙައްޖުވެރިޔަކު، މައްކާއަށް ގޮސް، ޢަރަފާތު ބިމަށް ހާޒިރުވެފައެއް ނެތެވެ.

ތަފްސީރު ޢިލްމުވެރިޔަކު ކަމުގައިވާ އަދި އިސްލާމީ މުއައްރިޚަކު ކަމުގައިވާ އިބްނު ކަޘީރު، [އަލްބިދާޔާ ވަންނިހާޔާ] މި ފޮތުގައި ލިޔުއްވާފައި ވެއެވެ. ވަރަށް ނުރައްކާތެރި ވަބާއެއް ހިޖްރީ 357 ވަނަ އަހަރު މައްކާގައި ފެތުރި، ވަރަށް ގިނަ ބަޔަކު އެ ބަލީގައި މަރުވެގެން ދިޔައެވެ. އެ އަހަރު މައްކާއަށް ދިޔައީ ވަރަށް މަދު މީހެކެވެ. އެމީހުންގެ ތެރެއިންވެސް ގިނަ މީހުން މި ބަލީގައި މަރުވެގެން ދިޔައެވެ.

އަލް ޢަޒީޒުބިاللّه އަލްފާޠިމީގެ ޚިލާފަތުގައި، ތަކެތީގެ އަގު ބޮޑު ވުމުގެ ސަބަބުން މިސުރު މީހުން ޙައްޖަކަށް ނުދެއެވެ. އަދި ހިޖްރީ 419 ވަނަ އަހަރު މަޝްރިޤުގެ އެއްވެސް މީހަކު، އަދި މިސުރުގެ އެއްވެސް މީހަކު ޙައްޖަކަށް ނުދެއެވެ. 421 ވަނަ އަހަރުވެސް ޙައްޖަށް ދިޔައީ ވަރަށް މަދު މީހެކެވެ. އެއީ ޢިރާޤުން ޖަމަލު މަތީގައި ޙައްޖަށް ދިޔަ ބަޔެކެވެ. އަދި ހިޖްރީ 430 ވަނަ އަހަރު ޢިރާޤުންނާއި، ޚުރާސާނުންނާއި، ޝާމު ކަރައިންނާއި މިސުރުން އެއްވެސް މީހަކު ޙައްޖަކަށް ނުދެއެވެ.

އިބްނު ކަޘީރު ލިޔުއްވާފައި ވެއެވެ. ހިޖްރީ 417 ވަނަ އަހަރު، ޢިރާޤުގައި ފިނި މޫސުމުގެ ފިނި ވަރަށް ގަދަވިއެވެ. އެކަމުގެ ސަބަބުން، ދިޖްލާ ކޯރާއި އެހެން ކޯރުތަކުގެ ފެންތައް ގަނޑުވިއެވެ. އަދި އެ އަހަރު ވާރޭ ވެހުން ވަރަށް ބޮޑަށް ލަސްވެ، ދިޖްލާ ކޯރުގެ ފެން ބޮޑު ނުވެ ދަނޑުވެރިކަން ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. މިކަމުގެ ސަބަބުން، ޚުރާސާނާއި ޢިރާޤުން އެ އަހަރު ޙައްޖަށް ދިޔައީ ވަރަށް މަދު ބަޔެކެވެ.