އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ދެ ފުުލުހެއްގެ ގަޔަށް ކުޅާއެކު ހައްޕުނޑު ޖަހާފައިވާ ކަމަށާ އެކަން ކުރި މީހާ ހޯދާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އިދިކޮޅުން މިރޭ މުޒާހަރާއެއް ކުރީ މަޖީދީމަގުގަ އެވެ.
ފުލުހުންގެ އިދާރާއިން ބުނީ މިރޭ ކުރި މުޒާހަރާގައި ބައިވެރިވި މީހަކު މުޒާހަރާކުރި ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވި ފްރަންޓްލައިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިވާ ކަމަށެވެ. އަދި ބުނީ އެކަންކުރި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ އެމީހާއަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
"... މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ހާލު މިކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް މި ސާވިސް އިން ކުރަމުންދާ ވާހަކަ ދަންނަވަން،" ފުލުހުން މިޑިއާއަށް ފޮނުވި މެސެޖެއްގައި ވެއެވެ.
ކުޅުގަނޑު އަމާޒުވި ދެ ފުލުހުންގެ ފޮޓޯ ވެސް މިރޭ އާންމުކޮށްފައި ވެއެވެ. އަދި ފުލުސް ކޮމިޝަނާ މުހައްމަދު ހަމީދު ވަނީ އެ އަމަލު ކުށްވެރިވެސް ކުރައްވާފަ އެވެ.
އިދިކޮޅުން މިރޭގެ މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ ބާރުގެ ބޭނުން ކޮށްގެންނެވެ. މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ވަނީ ޕެޕާސްޕްރޭ ބޭނުންކޮށްފަ އެވެ. އެ މުޒާހަރާގެ ތެރެއިން ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.