އަބްދުﷲ ޖާބިރު

މަސައްކަތަށް އެކަށޭނަ ގައިދީންނަށް މައާފު ދޭން ގޮވާލައި ގަރާރެއް

ޖިނާއީ ބޮޑެތި ހުކުމްތައް އައިސްފައިވާ ގައިދީން އިސްތިސްނާވާ ގޮތަށް، މަސައްކަތްތައް ކުރަން އެކަށީގެންވާ ގައިދީންނަށް މައާފު ދިނުމަށް ގޮވާލައި ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ޖާބިރުގެ ގަރާރުގައި ވަނީ ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ދަށްވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ދިވެހި ގައިދީންގެ ތެރެއިން މަސައްކަތްތައް ކުރަން އެކަށީގެންވާ ހާލަތުގައި ތިބި ގައިދީންނަށް މާފު ދީ، އިގްތިސާދީ ހަރަކާތްތަކުގައި ބައިވެރިކުރަން ޖެހޭ ކަމަށެ.

މައާފު ދޭ ގައިދީންގެ ތެރޭގައި ޖިނާއީ ބޮޑެތި ކުށްތައް ކަމުގައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، މަަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، މީހުން މެރުން ފަދަ ކުށްތަކުގައި ހުކުމް އައިސްފައިވާ ގައިދީން އިސްތިސްނާ ކުރަން ވެސް އެ ގަރާރުގައި އޭނާ އެދިވަޑައިގެންފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ޖާބިރު މި ގަރާރު ހުށަހެޅުއްވިއިރު، މިއީ ބަންދު ދުވަސްތަކެއް ކަމުން މަޖިލީހުގެ ޖަލްސާތައް މި ހަފުތާގައި ކުރިއަކަށް ނުގެންދެ އެވެ. އެހެންކަމުން އެ ގަރާރު މަޖިލީހުގެ ތަޅުމަށް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ ކޮން ދުވަހަކު ކަމެއް ނޭނގެ އެވެ.