އަންނަ ހަފުތައަށް އަލުން ތާވަލު ކޮށްފައިވާ، ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގްގައި މެންޗެސްޓާ ސިޓީ އާ ރެއާލް މެޑްރިޑް ކުޅެން ހަމަޖެހިފައިވާ މެޗަށް ކޮވިޑް-19 އިގެ އަސަރު ކުރިއަސް މެޗު ކުރިއަށް ދާނެ ކަމަށް ޔޫއެފާއިން ބުނެފި އެވެ.
ރެއާލް މެޑްރިޑްގެ ފޯވަޑް މަރިއާނޯ ޑިއަޒް ވަނީ، ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މި މަހުގެ 19 ވަނަ ދުވަހު ލަލީގާ ނިމުމުން ރެއާލްއިން ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް ހަތް ދުވަހުގެ ޗުއްޓިއެއް ދީފަ އެވެ. މިދިޔަ ހޯމަ ދުވަހު ޓްރޭނިންއަށް ރިޕޯޓް ކުރުމަށް ފަހު ކުޅުންތެރިން އެނބުރި އައުމުން ކޮވިޑް-19 އަށް ޓެސްޓް ހެދިއިރު، ވައިރަހަށް ޕޮޒިޓިވްވީ މަރިއާނޯ އެކަންޏެވެ. މިހާރު އޭނާ ވަނީ ގޭގައި އެކަހެރި ކޮށްފަ އެވެ.
މަރިއާނޯ ޕޮޒިޓިވް ވުމުގެ އިތުރަށް ކޮވިޑާ ގުޅުން ހުރި އެހެން ކަމެއް ވެސް ކުރިން، މެޗަށް ކުރިމަތި ވި އެވެ. ސްޕެއިން އިން އިންގްލެންޑަށް ދަތުރު ކުރާ ފަރާތްތަކުން 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހޭ ގޮތަށް އިނގިރޭސި ސަރުކާރުން ނިންމުމުން މެންޗެސްޓާ އަށް ދަތުރު ކުރާ ރެއާލް މެޑްރިޑްގެ ޓީމުވެސް ކަރަންޓންގައި ހުންނަން ޖެހޭނެތޯ ސުވާލު އުފެދުނެވެ. އެހެން ނަމަވެސް އިނގިރޭސި ސަރުކާރުން ފަހުން ނިންމާފައި ވަނީ އިންޓަނޭޝަނަލް ކުޅިވަރު އިވެންޓްތަކަށް ދަތުރު ކުރާ ފަރާތްތަކަށް ލުއި ދިނުމަށެވެ.
"ޔޫއެފާއިން ދަނީ ކުލަބާ ވަރަށް ރަނގަޅަށް ވާހަކަ ދައްކަމުން ދެ ހާލަތަށް ވެސް ވަރަށް ކައިރިން ބަލަމުން އެބަގެންދަން، އަދި ސްޕެއިންގެ ކަމާ ބެހޭ ފަރާތްކާ ވެސް ވަހަކަ ދައްކަމުން ގެންދަން،" ޔޫއެފާއިން އިނގިރޭސި މީޑިއާތަކަށް ދީފައިވާ ސްޓޭޓްމެންޓްގައި ބުނެފައި ވެއެވެ. "އަހަރެމެންނަށް އިތުބާރު އެބައޮތް މި ކަމުގެ ސަބަބުން މެޗަށް އަސަރު ނުކުރާނެކަން."
ރެއާލް އާއި ސިޓީ، މެޑްރިޑްގައި ކުޅުނު މެޗު ސިޓީ ކާމިޔާބު ކުރީ 2-1 ންނެވެ. ދެ ވަނަ ލެގް މެޗު މެންޗެސްޓާ ގައި އޮންނާނީ ކުރިއަށް އޮތް އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ގަ އެވެ.