ޗެމްޕިއަންސް ލީގް

ސިޓީ އާއި ރެއާލް ކްއާޓާ ފައިނަލަށް

ދެ ވަނަ ލެގް މެޗުގައިވެސް، ބުރޫޝިއާ މޮންޗެންގުލެޖްބާކްގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައި، ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުން މެންޗެސްޓާ ސިޓީ ޖާގަ ހޯދައިފި އެވެ.

އެޓަލާންޓާ އާ ދެކޮޅަށް ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗު 3-1 ން ކާމިޔާބު ކޮށް ރެއާލް ވެސް ވަނީ ޗެމްޕިއަންސް ލީގްގެ ގަދަ އަށަކަށް ދަތުރު ކޮށްފަ އެވެ.

ސިޓީން ދެ ލެގް ވެސް ކުޅުނީ ނިއުޓްރަލް ވެނޫއެއްގެ ގޮތުގައި ހަންގޭރީގެ ބުޑަޕެސްޓްގެ ފުސްކަސް އެރީނާގަ އެވެ. ކޮވިޑް-19 އާ ގުޅިގެން އިނގިރޭސި ވިލާތުގެ ހާލަތު ގޯސްވުމުން އެ ގައުމަށް ދަތުރު ކުރުން ރައްކާތެރި ނޫން ކަމަށް ޔޫރަޕްގެ ބައެއް ގައުމުތަކުން ނެރުނު ޓްރެވެލް އެޑްވައިޒަރީ ލިސްޓްގައި ޖަރުމަން ވެސް ހިމެނެ އެވެ.

ދެ ލެގް ވެސް 2-0 ކާމިޔާބު ކުރުމުން ސިޓީ ކްއާޓާ ފައިނަލަށް ދަތުރު ކުރީ 4-0 ގެ އެގްރިގޭޓުންނެވެ. ކެވިން ޑިބްރައިނޭ ވާތު ފައިން ފޮނުވާލި ހަމަލާއިން މެޗުގައި ސިޓީން ލީޑް ނެގި އެވެ. ސިޓީގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އިލްކޭ ގުންޑޯގަން އެވެ.

އެޓަލާންޓާ އާ ދެކޮޅަށް ރެއާލް ކުޅުނު ފުރަތަމަ ލެގް މެޗު ކާމިޔާބު ކުރީ 1-0 ންނެވެ. ރޭގެ މެޗުގައިވެސް ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ކަރީމް ބެންޒެމާ އެވެ. އޭނާ ލަނޑު ޖެހީ ލުކަ މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ރެއާލްގެ ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ މާކޯ އެސެންސިއޯ އެވެ. އޭގެ ކުރިން ލުއިސް މުރިއެލް ވަނީ ހިލޭ ޖެހުމަކުން އެޓްލާންޓާއަށް ލަނޑު ޖަހައިދީފަ އެވެ.