ޗެމްޕިއަންސް ލީގް

ސިޓީ އާއި ރެއާލް މޮޅުވެ ކްއާޓާގެ އުންމީދު

ރަށުން ބޭރުގައި، މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުތައް ކާމިޔާބުކޮށް ޔޫއެފާ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް ދިއުމަށް މަގުފަހި ކޮށްފި އެވެ.

ޖަރުމްންގެ ބުރޫޝިއާ މޮންޗެންގުލެޖްބާކްގެ ހޯމް މެޗުގެ ގޮތުގައި ހަންގޭރީގައި ކުޅުނު މެޗު ސިޓީ ކާމިޔާބު ކުރީ 2-0 ންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޖޯއާ ކެންސެލޯ ތަނަވަސްކޮށް ދިން ފުރުސަތަކުން މެޗުގެ 29 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބެނާަޑޯ ސިލްވާ އެވެ. ދެ ވަނަ ލަނޑު ދެ ވަނަ ހާފުގައި ގެބްރިއަލް ޖެސޫސް ކާމިޔާބު ކުރީ ބެނާޑޯ ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

ގްލެޖްބާކްގެ ހޯމް މެޗު، ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅުނީ، ކޮވިޑް-19 އާ ގުޅިގެން ޖަރުމަންގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މެންޗެސްޓާ ސިޓީއަށް ޖަރުމަށް ދަތުރު ކުރުމުގެ ހުއްދަ ނުލިބުމުން ނެވެ. އިންގްލެންޑްގައި ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ހަލުވި ކަމާއެކު ފެތުރެމުން ދާތީ ބައެއް ގައުމުތކުގައި ވަނީ އިނގިރޭސި ވިލާތުގައި ދިރިއުޅޭ މީހުންނަށް ދަތުރު ނުކުރެވޭގޮތް ހަދާފަ އެވެ. ޖަރުމަނުންވެސް ވަނީ އެ ފިޔަވަޅުތައް ތަންފީޒު ކޮށްފަ އެވެ.

އެޓަލާންޓާ އާ ދެކޮޅަށް އިޓަލީގެ އުތުރުގެ ސިޓީ ބާގަމޯގައި ކުޅުނު މެޗު ރެއާލް ކާމިޔާބު ކުރީ 1-0 ންނެވެ. މެޗުގެ ބޮޑުބައެއް އެޓަލާންޓާއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ މެޗުގެ 17 ވަނަ މިނެޓްގައި އެ ޓީމުގެ ރޭމޯ ފުރެއުލާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ، އޯޕަން ގޯލް ސްކޯރިން ޗާންސެއްގައި ފާލެންޑް މެންޑީއަށް އޭރިއާގެ ބޭރުން ފައުލު ކުރުމުންނެވެ.

ރެއާލްގެ ލަނޑު މެޗުގެ ފަހު ވަގުތުގައި ކާމިޔާބު ކުރީ މެންޑީ އެވެ. ލުކަ މޮޑްރިޗް ދިން ބޯޅަ އޭރިއާގެ ބޭރުގައި ހުރެފައި މެންޑީ ފޮނުވާލީ ގޯލްގެ ކަނަށެވެ.