(ސާދަވަނަ ބައި)
ނޭވާ ހިފަހައްޓައިލައިގެން ހިތުގައި އަތްއަޅައިގެން އަހަންނަށް ހުރެވުނީ ހަމަ ކިރިޔާއެވެ. އާތިފާގެ ކޮންމެ ޖުމުލައެއް، ކޮންމެ ލަފުޒަކުން ހިތުގެ ވިންދު އަވަސްވެ މީހާ ދާހިތްލާ މިންވަރު އިތުރުވަމުން ދިޔައެވެ. ކަންފަތާ ދިމާ ދެފަރާތުން ދުއްވާގަތް ތުރުތުރުލުން މުޅި ހަށިގަނޑަށް ފެތުރެމުން، ފައިގެ ބޮޑުވާ އިނގިއްޔާ ހަމައަށް ތިރިވިއެވެ.
"ދެންވީ ގޮތެއް އެނގޭތަ؟" އާތިފާ ޝަހާދަތް އިނގިލި ހިއްލައިލަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ. "އޭނާ ކޮޓަރީގެ ތަޅުގައި ހިފައިލީ."
"ކާކު؟" އަހަންނަށް ކެތެއް ނުކުރެވުނެވެ.
"ބަލަ އަހަރެން ބުނީމެއްނު ވާހަކައިގެ ކުރި ނުމަރާށޭ،" އާތިފާ ހިތްހަމަ ނުޖެހުނެވެ. "ދެން ބުނާނެ މާ ހާސަރު ދިގުވަނީއޭ. އަހަންނަށް ވަރަށް އުނދަގޫވާނެ އަޑު ނާހާ ވާހަކަދައްކަންޏާ. ވާހަކައިގެ ކުރި މަރަންޏާ."
ފާޑަކަށް ރަކިވާ ގޮތްވިއެވެ. ކުރިންވެސް އަހަރެން އެހެން ހިތަށް އެރިއެވެ. ވާހަކަދެއްކުނީތީ އެކަމާ ލަދުގަނެ އިސް ޖަހައިލީމެވެ. ކިތަންމެ ބޮޑު ވަރެއް ވިޔަސް އާތިފާ ސުވާލެއް ކުރުމުން ނޫނީ އަނގައި ވެސް ނުބުނަށް އަޒުމު ކަނޑައެޅީމެވެ. އޭނާ ކިތައްމެ ގިނައިން ވާހަކަ ދެއްކިޔަސް ބަހެއް ނުބުނަން ނިންމީމެވެ.
އަހަންނަށް އާތިފާގެ މޫނަށް ބަލައިލެވުނެވެ. އޭނާ ހުރީ އަހަރެންގެ މޫނަށް ބަލާށެވެ. ހިތްހަމަ ނުޖެހިފައި ހުރި ކަހަލަ ގޮތަކަށެވެ. އަހަންނަށް ދެއަތް ހިއްލައިލެވުނެވެ. މާފުކުރާށޭ ބުނާފަދަ ގޮތަކަށެވެ.
"ތަޅުލައިފަ ހުރީމަ، ފާޑަކަށް ހިނިތުންވެލަމުން އޭނާގެ ޖީބުން ނެގީ ތަޅުދަނޑިއެއް. މައިގެ ތެރޭގައި އޮތް ހަނިމަގުގެ ދެ ކޮޅަށް ބަލައިލަމުން ކޮޓަރިއަށް އޭނާ ދެމިގަތް،" އާތިފާ ފުން ނޭވާއެއް ދޫކޮށްލިއެވެ. "އޭރު އޭނާގެ ބޮލަށް ހުރީ އިބިލީސް ސަވާރުވެފަ. ކޮޓަރިއަށްވަދެ ނިދިފައި އޮތް ފިނާގެ މޫނަށް އޭނާ ބަލައިލި. އޭރު ފިނާއަށް އޮތީ ހަމަ ރަނގަޅަށް ވެސް ނިދިފަ. ދެން އޭނާގެ ޖީބުން ނެގީ ކުޑަވަރެއްގެ ފުޅިއެއް. ނަގައިފަ އަތުގައި އޮތް ރުމާލަށް އަޅައިލުމަށްފަހު ފިނާގެ ނޭފަތާއި އަނގައާ އެއްކޮށް ނިވާކޮށްލި. ފިނާ ނޭވާ ހާސްވެގެން ތެޅިގަތް."
އަހަނަށްނަށް ނޭވާ ހިފައްޓައިލައިގެން ހުންނަން މަޖުބޫރުވިއެވެ. މޭގައި ޖަހަމުން ދިޔަ ވިންދު އަވަސްވެ ގައިން ހީބިހި ނަގަމުން ދިޔަވަރަކަށް ފައިގެ ތުރުތުރުލުން އިތުރުވިއެވެ. ދެފަރާތުން މީހާ ފިތެމުންދާހެން ހީވަމުން ދިޔައެވެ. އާތިފާ ކިޔައިދޭ މަންޒަރު ސިފަވާ ވަރަކަށް ބޮލަށް ކުރާ ބާރު ބޮޑުވަމުން ދިޔައެވެ.
"އޭނާއަށް މާބޮޑަށް އެކަން ކާމިޔާބެއް ނުވި. ފިނާ ތެޅިގަތް ގޮތުން ނޭފަތް މަތިން ރުމާ ނެއްޓިގެން ދިޔަ. ނަމަވެސް އޭނާ މާ ހުޝިޔާރު. ފިނާގެ އަނގައާއި ނޭފަތާ އެއްކޮށް ދެ އަތުން ބަންދުކޮށްލި. ފިނާ އުޅުނީ ބާރަށް ހަޅޭއްލެވޭތޯ. ދެން ފިނާ ބެލީ އޭނާގެ އަތުގައި ދަތްއެޅޭތޯ. ކޮންމެ ވެސް ގޮތަކުން ފިނާއަށް އޭނާގެ އަތުގައި ދަތް އެޅުނު. އޭނާގެ ކަނާއަތުގެ ކުޑަވާ އިނގިއްޔާ ދިމާގައި ދަތް އެޅިއިރަށް އޭނާ އަތް ދަމައިގަތް ގޮތުން އެތަން ކަނޑައިގެން ދިޔަ. އޭނާގެ އަތުން ހޯސްލައިފައި ލޭތައް އޮހިގަތް. ފިނާގެ އަނގަމަތީގައި ވެސް ލޭތައް އުނގުޅުނު. ފިނާ ތުންފަތް ފޮހެލަމުން އަތަށް ބަލައިލި. ފިނާއަށް ލޭ ފެނުމުން ބާރުބާރަށް ހަޅޭއްލަވާގަތް. އޭނާއަށް ވެސް ބަލައިލެވުނީ އަތަށް. އަތަށް ތަދުވެ ލޭ އަންނަތަން ފެނުމުން ފިނާގެ ކަންކަށި މައްޗަށް ފުރަތަމަ ހަމަލާ އަމާޒުވި. އެއާއެކު ފިނާ އެއްލިގެން ދިޔަ."
އާތިފާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަހަންނަށް ބަލައިލެވުނީ ސީދާ އާތިފާގެ މޫނަށެވެ. އޭނާގެ ދެ ލޮލަށް ވަނީ ކަރުނަތައް ޖަމާ ވެފައެވެ.
"ފިނާ އެއްލި ޖެހުނީ އެނދު މައްޗަށް. އޭނާ ފާޑަކަށް ކުކުރިލި. ފިނާ އެ ގޮތަށް އޮއްވާ އެމީހާ ފިނާގެ ދެއަތް ބަނދެލި. ދެފައި ވެސް ބަނދެލި. އެންމެފަހުން އަނގަމަތީގައި ފޮތިގަނޑެއް އެއްސި. އޭނާގެ ކުރު ސޯޓު ބޮނޑިކޮށްލުމަށްފަހު އަނގައަށް ކޮށްޕާލި. ފިނާ ސަލާމަތް ވޭތޯ ވަރަށް މަސައްކަތްކުރި. ދެފަޔާއި ދެ އަތް ހައްޔަރުކޮށްފައި އޮތުމުން އޭނާއަށް މާބޮޑު ކަމެއް ކުރެވޭ ގޮތެއް ނުވި." އާތިފާ ކުރިއަށް ޖެހިލަމުން އަހަންނާ ކައިރިވެލިއެވެ.
އަހަންނަށް ހުރެވުނީއެވެ. ހިތަށް ދެތިން ސުވާލެއް އެރި ނަމަވެސް ސުވާލެއް ބޭރު ކޮށްނުލަން އަޒުމު ކަނޑައަޅައިގެންނެވެ. އެހެންނޫނީ އާތިފާ ހުއްޓައިލާނެތީއެވެ. ވާހަކަ ހުއްޓައިލައިފި ނަމަ އޭނާ ރުއްސަން އެތައް އިރެއް ނަގާނެ ކަން އެނގޭތީއެވެ.
"ދެން އެނގޭނެ ވާނެގޮތް. ފިނާ ފަކީރަށް ހެދޭނެ ގޮތެއް ކުރެވޭނެ ކަމެއް ނެތި އެފަކީރު އޮތީ. ދެ ލޮލުން ކަރުނަތައް އޮހޭ ހާލު ލިބެމުންދިޔަ އަނިޔާތަކަށް ކެތްކޮށްލައިގެން،" އާތިފާ ގަދަކަމުން ހިންދިރުވާލިއެވެ. "އަންހެނަކަށް ނޫނީ ނޭނގޭނެ މިކަހަލަ ކަމެއްގެ ސަބަބުން ލިބޭ އަނިޔާއެއް. އަޅާ ވޭނެއް. ތިމާ ބޭނުން ނުވެ ހުއްޓާ އެކަހަލަ ހަޑި މުޑުދާރު ކަމެއް ކުރީމަ ދެންވާނެ ގޮތެއް. އެއިން ލިބޭ އަނިޔާއެއް. ވިސްނައިލަބަލަ. އަމިއްލައަށް އިހުސާސްކޮށްލަބަލަ. މި ދައްކަނީ ކުޑަކަމެއްގެ ވާހަކައެއް ނޫނޭ. މި ކިޔަނީ ޖަނަވާރުންގެ ވާހަކައެއް ނޫނޭ."
"އެ ކާކު؟" އަހަރެން ވާހަކަދައްކަން ފެށިއިރަށް އާތިފާ ފެށިއެވެ.
ނަސީބެކޭ ހިތަށް އެރިއެވެ. އާތިފާއަށް އަހަރެން ބުނި ވާހަކަ ނީވެއެވެ. އަހަރެން ހީކުރީ އޭނާ ކިޔައިދިން ވާހަކަ ނިމުނީ ކަމަށެވެ.
"އެނގޭތަ؟ އޭނާއަށް އެއް ފަހަރުން ފުދުނީއެއް ނޫނޭ. އެއްފަހަރު ނިމޭ އިރަށް އަނެއްކާ ވެސް ފެށީ. ޖަނަވާރުންނަށް ވުރެ ދަށު ދަރަޖައަށް ވެއްޓިގެން ރޯމާ ދުވާލު އެހެން ނޫޅޭނެ އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ހުރި ނަމަވެސް. މީހެއްގެ ހައްގަކަށް އަރައިގަނެވޭއިރު ތިމާ މީހާއަކީ މާތްﷲ ހެއްދެވި މަހުލޫގެއް ކަން ވެސް ހަނދާން ނުހުރޭ. ދެން ބުނާނެ މިކަހަލަ ވާހަކަދެއްކީމަ އަބަދު ދައްކަނީ ހަޑި ވާހަކައޭ. އެކަމަކު ހިތަކަށް ނާރާނެ ހަޑި ކަންތައް ކުރާ މީހުން އުޅޭތީއޭ ހަޑި ވާހަކަ ދައްކަން ޖެހެނީ،" އާތިފާގެ ރާގު ބަދަލުވިއެވެ. "ދެން މި ކަހަލަ ކޮންމެ ކަމެއް ހަނދާނީ ސިޔާސީ ނޫނީ ދީނީ ކަމަކަށް. މަށަކަށް ނުވިސްނޭ މި ދިވެހިންގެ ވިސްނުން މިހާ ދަށަށް ވެއްޓިގަތް ސަބަބެއް. ޑިމޮކުރަސީއެއް އައިސްގެން ވީ މޮޅެއް ލިބުނު ހައްގެއް މި ގައުމަކުން މަށަކަށް ނުފެނޭ. ކުރިން ރަނގަޅަށް ހުރި ކަމެއް ވެސް ވީއްޔާވީ ގޯސް. ގޯސްކޮށް ހުރިކަމެއް ވީއްޔަ އެކަމެއްދަނީ ހައްދުން މައްޗަށް. މަށަށް އެނގޭ ކަމަކީ ފިނާ ފަކީރު ނިދައިފަ އޮއްވާކަން އެ ކުރި ކަމެއް ކުރީ."
އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އާތިފާ ބަހެއް ނުބުނެ މަޑުކޮށްލައިގެން ހުރީއެވެ.
"އެއީ ކާކު؟ އަހަރެން މި އަހަނީ ފިނާއަށް، އަހަރެންގެ އަންހެނުންނަށް އެ ހާލު ޖެއްސީ ކާކުހޭ؟" އަހަރެން ދެއަތް މުށްކަވާލަމުން އަހައިލީމެވެ.
"މަށަށްތަ އެނގޭނީ؟" އާތިފާ ވެސް ރުޅިވެރި ކަމާއެކު ބުނެލިއެވެ.
"ކީއްވެ ނޭނގެންވީ؟ ކަލޭ ތި ވާހަކަ ކިޔައިދިން އިރު ހީވަނީ މަންޒަރު ބަލަން ހުރެފަ ކިޔައިދިންހެން. އެހެންވީމަ ކަލޭއަށް އެނގޭނެއްނު އެ މީހާއަކީ ކާކުކަން. އެއީ ކޮން ނަމެއް ކިޔާ މީހެއްކަން. ކޮން ސިފައަކަށް ހުރި މީހެއްކަން." އަހަންނަށް ރުޅި އިސްކުރެވުނެވެ.
"ކަލޭ ހީކުރަނީ މަ މި ދައްކަނީ ދޮގުވާހަކައެއް ކަމަށްތަ؟" އާތިފާ ރުޅި އަންނަގޮތް ދައްކާލިއެވެ.
"ކަލޭއަށް އެނގޭ އަހަރެން ކޮފީއަށް ދިޔައީ ނިޔާޒުއާ އެއްކޮށްކަން. އެ ނިޔާޒު ކަލޭއަށް އެނގޭ. ކަލޭއަށް ފިނާ ކޮޓަރީގައި ހިނގި ކަންކަން އަކުރުން އަކުރަށް ކިޔައިދޭން އެނގިއްޖެ. ދެން ކަލޭއަށް އެއީ ކާކުކަން ނޭނގުން އެ އަޖައިބެއްނު." އަހަރެން ބޭނުންވީ އާތިފާގެ އަނގައިން ހުރިހާ ވާހަކައެއް ހޯދާށެވެ.
"ކަލޭއަށް ނުވިސްނެނީ ކަމެއް ނޫނީ ކަލޭ މަށާ ޖަދަލުކުރަން އުޅެނީ ކަމެއް ނޭނގެ. ބަލަ މަށަށް ފެނުނޭ ކަލޭ ނިޔާޒު ސައިކަލު ފަހަތުގައި އިންތަން. މަގޭ ހަވަނަ ހިއްސު ބުނެދިނޭ އެ ނިޔާޒު ސައިކަލު ފަހަތަށް މީހަކު އަރުވާނީ ކަމެއް ހާސިލުކުރަން ވެގެންކަން. ކަލޭއަކަށްނު އެނގޭނީ ވެސް އޭނާ ދެއްކި ވާހަކައެއް. ބުނި އެއްޗެއް ވެސް،" އާތިފާ އެއްގަމާ ދިމާއަށް ހިނގައިގަތެވެ. "މަށެއް ނޫޅެއް މަ ދައްކާ ވާހަކަ ގަބޫލުނުކުރާ މީހަކަށް ވާހަކައެއް ކިޔައިދޭކަށް. ކަލޭއަށް މަ ކިޔައިދީފިން ފިނާއަށް އެ ކަން ކުރި މީހާ ހޯދޭނެ ގޮތެއް. އެމީހާގެ ކަނާއަތު ޝަހާދަތް އިނގިލި ކައިރީ ހުދުހަމާ ކަޅުހަން ބެދޭ ހިސާބު އޮންނާނީ ހަލާކުވެފަ. އެ މަށަށް ޔަގީންވާ ކަމެއް."
"މަޑުކޮށްބަލަ." އަހަރެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އާތިފާގެ ކުރިމަތީ ހުއްޓިލީމެވެ. "ދެން އެހެން ފާހަގައެއް ބުނެދީބަލަ."
"ތިބުނީ؟" އާތިފާ ލޮލަށް ގޮތެއް ހަދައިލަމުން ބުނެލިއެވެ.
"އެމީހާ ދެނެގަނެވޭނެ ކަހަލަ. މިބުނީ އެމީހާގެ ބޭރު ފުށުން ފިނާއަށް އެހެން ހެދިކަން އެނގޭވަރުގެ ނިޝާނެއް." އަހަރެން އަވަސްއަވަހަށް ބުނެލީމެވެ.
"ކަލޭ ކީއްކުރަން ހޯދަންވީ؟ މަ ދައްކާ ވާހަކަ ގަބޫލު ނުކުރާ މީހަކަށް ކީއްކުރަން ބުނެދޭ ވާހަކައެއް. މަ ނޫޅެން." އާތިފާ ގަދަ ކޮށްލަމުން ހިނގައިގަތެވެ.
އަހަރެން ހުއްޓި ހުރީއެވެ. އޭނާގެ ގޮތް އެނގޭތީއެވެ. އޭނާ ބޭނުންވަނީ އަހަރެން ތަޅުވާށެވެ. އޭނާއާ މެދު ސަމާލުކަން ލިބޭނެހެން ހުރިހާ ކަމެއް ބައްޓަން ކުރާށެވެ. އޭނާގެ ފަހަތުން އާދޭސްކޮށް ދުވޭތޯ ބަލާށެވެ.
"އެހެންވީއިރު އެ ކުރު ސޯޓުގެ ކުލަ ބުނެލައިފަ ދޭބަލަ." އަހަރެން ތަންކޮޅެއް ބާރަށް ބުނެލީމެވެ.
"ރަތް ގޮޅި ޖެހި." އާތިފާ ހިނގައިގަތީއެވެ.
"އޭ މަޑުކޮށްބަލަ." އަހަރެން އަތް ހިއްލައިލަމުން ބުނެލީމެވެ.
އާތިފާ ބަލައި ވެސް ނުލައި ހިނގައިގަތީއެވެ. އޭނާގެ ރަސްމީ ހިނގުމުގައެވެ. އަހަންނަށް ވިސްނައިލެވުނެވެ. ކަންފަތުގައި ގުގުމައިލީ އާތިފާ އެންމެ ފަހުން ބުނި ލަފުޒުތަކެވެ. ލޮލަށް ސިފަވާން ފެށީ މުށި ގަނޑުމަތީގައި އޮތް ސޯޓެވެ. އެއީ ވެސް ރަތް ގޮޅި ޖެހި ކުރު ސޯޓެކެވެ. ފިކުރުތައް ބޮލަށްލައިގެން އާތިފާ ދެއްކި ވާހަކަތަކާ މެދު ވިސްނަން ހުއްޓާ ފޯނު ވައިބުރޭޓުވާން ފެށިއެވެ. ފޯނަށް ބަލައިލެވުނެވެ. ގުޅަނީ ފިނާގެ ބައްޕައެވެ.
"ދަރިފުޅާ! މާދަމާ ފިނާ މިކޮޅަށް ގެނައުމުގެ ހުރިހާ ކަމެއް މިހާރު ހަމަޖެހުނީ،" ފޯނު ނެގި އިރަށް ފިނާގެ ބައްޕަ އެއްފަހަރާ އަމުނައިލިއެވެ.
ފޯނުގައި ހުރެ އަހަރެން ހިނގަމުން ހިނގަމުން ކުރިއަށް ދިޔައީމެވެ. އޭރު މުޅިތަން ވަނީ އަނދިރިވެފައެވެ. މަގުތަކުގައި ދިއްލާފައިވާ ބޮކިތަކުގެ އަލިން މަގުތައް ވަނީ ރަތްކުލައަށް ބަދަލުވެފައެވެ. ދުރަށް ބަލައިލުމުން ފެންނަނީ ރީތި ހިތްފަހި މަންޒަރެކެވެ. ނަމަވެސް އަހަންނަށް އެ މަންޒަރުތަކުން ލިބެނީ ނުތަނަވަސްކަމެވެ. ސިކުނޑީގައި ކުރެހިފައިވަނީ މުޅީން ތަފާތު މަންޒަރެކެވެ. ފިނާގެ ހާލެވެ. އޭނާ ސަލާމަތަށް އުޅޭނެ ގޮތެވެ. އިރުކޮޅެއް ނުވަނީސް ހޮސްޕިޓަލަށް ދެވުނެވެ.
"ވަރަށް އިރު ވެއްޖެ މިތާ އިންނަތާ." އަހަރެން ފެނުމުން ސިރާޖު ތެދުވިއެވެ.
ބަދަލުގައި އަހަންނަށް މުށްކަވާލެވުނެވެ. އޭނާއާ މެދު ހިތުގައި އުފެދިފައިވާ ޝައްކުތަކުގެ ސަބަބުންނެވެ. ސިރާޖުގެ މޫނަށް ބަލައިލެވުނަސް މީހާ ފުފޭވަރު އިތުރުވެއެވެ. ދެއަތުގެ މުށަށް ބާރުކޮށްލެވެއެވެ. އޭނާގެ ކަންކަށިމަތީގައި އެތިފަހަރެއް އަޅަންވީއޭ ވެސް ހިތް ބުނެލައެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި އެ ޚިޔާލުގެ މައްޗަށް ބުއްދި އިސްކުރެވެއެވެ.
"ފޯނު ނިވިފަ އޮތީމަ ގުޅައި ވެސް ނުލެވިގެން މިއުޅެނީ. ހިތަށް އެރީ ޝަރީ އައީމައޭ ދާންވާނީ އެހެންނޫނީ އެހީތެރިއަކަށް ގޮވާލާއިރު މީހަކު ނުހުންނާނޭ." ސިރާޖު އަތުގައި އޮތް ކޮތަޅު އަހަންނަށް ދިއްކޮށްލިއެވެ.
"މި؟" ބަދަލުގައި އަހަރެން ސުވާލުކޮށްލީމެވެ.
"ބުނީމެއްނު ޖީންސެއްގެ ވާހަކަ." ސިރާޖު ހިނިތުންވެލިއެވެ.
"އޯހ. ޖީންސް އެކަނި ލައިގެން އުޅެވޭތަ؟ ނެތްތަ ގޮޅި ޖެހި އެއްޗެއް؟" އަހަރެން ބޭނުންވީ ޔަގީންކޮށްލާށެވެ.
"ތިބުނީ؟" ސިރާޖު ފާޑަކަށް ބަލައިލިއެވެ. "ގޮޅި ޖީންސްތަ؟"
"ނޫނޭ." އަހަރެން ލޮލުން އިޝާރާތްކޮށްލީމެވެ.
"އޯހް! ގޮޅި ޖެހި އެއްޗެއް ދޯ!" ސިރާޖު ފާޑަކަށް ހީލިއެވެ. "މަ ނުގެން ގުޅެމޭ އެކަހަލަ އެއްޗެއް. އެ ވެސް ޝެއަރ ކުރެވޭ ކަހަލަ އެއްޗެއްތަ؟"
"ކޮބާ މައްސަލައަކީ؟ އެއަށް ވުރެ ބޮޑެތި އެއްޗެހި ވެސް ޝެއަރ ކުރެއެއްނު މީހުން." އަހަރެން ގަސްތުގައި އެގޮތަށް ވާހަކަ ބަދަލުކުރީ މަގުސަދެއް އޮތީމައެވެ. (ނުނިމޭ)