ކުޅިވަރު

އެތުލެޓިކްސްގެ ރައީސަކަށް ތޮލާލް އިންތިހާބުކޮށްފި

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ އިންތިހާބު ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް މުހައްމަދު ތޮލާލް ކާމިޔާބު ކުރައްވައިފި އެވެ.

އިންތިހާބުގައި ރައީސް ކަމަށް ތޮލާލް އާ ވާދަ ކުރެއްވީ، ކުރީގެ އެއް ވަނަ އަންހެން ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) އެވެ. އިންތިހާބު ތޮލާލް ކާމިޔާބު ކުރެއްވީ 15 ވޯޓުންނެވެ. ޔަޒޫއަށް ލިބިވަޑައިގެންނެވީ އެއް ވޯޓެވެ.

ތިން ވަނަ ދައުރަކަށް ތޮލާލް ހޮވިވަޑައިގެންނެވިއިރު، ނިމިދިޔަ ދެ ދައުރުގައިވެސް ތޮލާލުގެ ލީޑާޝިޕްގައި އެތުލެޓިކްސްއިން ވަނީ ސަރަހައްދީ ކުޅިވަރު ދެ މުބާރާތުގައިވެސް ރާއްޖޭގެ ފުރަތަމަ ރަން މެޑަލް ހޯދާފަ އެވެ. ރީޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި އިންޑީއަން އޯޝަން އައިލެންޑް ގޭމްސްގައި ސާއިދު ވަނީ 100 މީޓަރު އިވެންޓުން ރަން މެޑަލް ހޯދާފަ އެވެ. ތޮލާލްގެ ދެ ވަނަ ދައުރުގެ ފަހު ކޮޅުގައި މިދިޔަ އަހަރު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވަނީ އެ ގޭމްސްއިން ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ހޯދައިދީފަ އެވެ.

ނައިބު ރައީސްކަމަށް ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓް، އަހްމަދު އާޒިލް ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ. ހަޒާންދާރު ކަމަށް ހޮވިވަޑައިގެންނެވީ މުހައްމަދު މުސްތޮފާ އެވެ. އެކްސްކޯގެ އަންހެން މެންބަރަކީ ޔާސްމީން އަބްދުﷲ އެވެ.

އެކްސްކޯގެ މެންބަރު ކަމުގެ މަގަމަށް ފަސް ކެނޑިޑޭޓުން ކުރިމަތިލެއްވި އެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ތިން މެންބަރުންނަކީ 15 ވޯޓް ލިބުނު މުހައްމަދު ސުޖާއު، 14 ވޯޓް ލިބުނު އަހްމަދު ޝަގީފް، އަދި 13 ވޯޓް ލިބުނު ހުސައިން އަމީން ނަސީރު އެވެ. އެ މަގާމަށް ނާކާމިޔާބާ ކުރިމަތި ވެ ވަޑައިގެންނެވީ މިދިޔަ ދައުރުގައިވެސް އެކްސްކޯގައި ހިމެނުނު އިބްރާހިމް އުމަރު (ވިއްސަ) އާއި މުހައްމަދު ޝާހިދު (ޝާޑް) އެވެ.