ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ އަދަބިއްޔާތުގެ ތެރެއިން ޅެންވެރިކަމަށް ވެސް ވަރަށް ބޮޑަށް ލޯބި ކުރައްވާ ޅެންވެރިވެސް ބޭފުޅެކެވެ. ވެރިކަމުގައި އެމަނިކުފާނުގެ ހުންނެވި އިރުވެސް ޅެންވެރިކަމާއި އަދަބިއްޔާތުގެ ދާއިރާ ކުރިއެރުވަން ގިނަގުނަ އެތައް މަސައްކަތްތަކެއް ކޮށްދެއްވި އެވެ. އަދި ވަރަށް ގިނައިން އެކި މުނާސަބާތުތަކާއި ދިމާކޮށް އެމަނިކުފާނު އަމިއްލަފުޅަށް ވެސް ޅެމާއި ލަވަ ހައްދަވައި އުޅުއްވެވި އެވެ. އޭގެ ތެރޭގައި ހިމަނުއްވައި ގައުމީ ޅެމާއި ލަވަ އަދި ދީނީ، އިލްމީ ޅެންތައް ވެސް ހައްދަވާ ދޫކޮށްލައްވާފައި ވެއެވެ.
ކޮންމެ އަހަރެއްގެ ހައްޖު ދުވަހު ވަރަށް ގިނައިން ނޫނީ އެންމެ ގިނައިން އިވޭ މަދަހައަކަށްވެފައި އޮންނަނީ ރައީސް މައުމޫން އެކުލަވައިލެއްވި "އެންމެ މާތް ދަތުރު" ގެ މަދަހަ އެވެ. އެއީ ވަރަށް ދިގު ޅެންބަޔަކަށް ވިޔަސް އެއީ ވަރަށް ގިނަ ދިވެހިން ހިތުދަސް ޅެމަކަށްވެފައި ވެސް އޮވެއެވެ. ކޮންމެ ހައްޖު ދުވަހެއްގައި މައުމޫންގެ އެ ހާއްސަ މަދަހައިގެ އަޑު އިވިވި ހުންނާތީ ހައްޖުގެ މަތިވެރި އަޅުކަމުގެ ދުވަހަކީ ރާއްޖޭގައި މި ޅެމަށް ވެސް ހާއްސަ ދުވަހަކަށް މިހާރު ވެފައި ވެއެވެ.
ރައީސް މައުމޫންގެ ޅެންތަކުގެ ތެރެއިން މީގެ 18 ވަރަކަށް އަހަރު ކުރިން ޑިސެމްބަރު 2، 2000 ގައި "އެންމެ މާތް ދަތުރު" ގެ ނަމުގައި އެ މަނިކުފާނު ހައްދަވާފައިވާ މި ޅެން / މަދަހައަކީ ފާހަގަ ކޮށްލެވޭ މޮޅު ޅެމެއް އަދި މަދަހައެކެވެ. ދެހާސް ދެވަނަ އަހަރުގެ ރޯދަ މަހުގެ 27 ވަަނަ ދުވަހު ރައީސް މައުމޫން އެކުލަވައިލެއްވެވި މި ޅެމުގެ އެންމެ ހާއްސަ ސިފައަކީ ހައްޖުގެ ހުރިހާ ރުކުންތަކާއި ވާޖިބުތަކާއި ހައްޖުގެ ޝަރުތުތަކެއް ހިނުއްވާފައި ވުމެވެ. އަދި ހައްޖުގެ ދަތުރު ފެށުމާއި އިހުރާމް ބަންނަން ޖެހޭ ގޮތާއި ހައްޖުގެ ތެރޭގައި މަނާ ހުރިހާ ކަމެއް ވަރަށް ތަފްސީލްކޮށް ފުރިހަމައަށް ގެންނަވާފައި ވެއެވެ. އެއްބައެއް އަނެއް ބަޔަކާ ގުޅުވައި ދީފައި ވަނީ ހުރިހާ ރުކުންތަކެއް ތަރުތީބުންނެވެ.
ރައީސް މައުމޫން ވަނީ ހައްޖާ ގުޅޭ މި ހާއްސަ މަދަހައިގެ އިތުރުން ހައްޖާއި އުމުރާގެ އަޅުކަމާއި ގުޅުން ހުރި މުއްސަނދި ދެ ފޮތެއް މީގެ ކުރިން ލިޔުއްވާފަ އެވެ. އެ ދެ ފޮތުގެ އެތައް ޗާޕެއް އެތައް ފަހަރެއްގެ މަތިން އާންމުންނާ ހަމައަށް ގެނެސްދީފައި ވެއެވެ. ދިވެހިންގެ ތެރެއިން ހައްޖަށް ދާން ތައްޔާރުވާ މީހުންގެ މެދުގައި އެ ފޮތް ވަރަށް ހިނގަ އެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި "އެންމެ މާތް ދަތުރު" ޅެންބައި އެކުލަވައިލެއްވުމުގެ ހިޔާލެއް އުފަން ވެގެން އައީ ހައްޖާބެހޭ ގޮތުން ކުރިން ލިޔުއްވެވި ދެ ފޮތުގެ މަސައްކަތުގައި އުޅުއްވި ދުވަސްވަރު އެވެ. ހައްޖުގެ ހުރިހާ ކަމެއް ޅެން ބަހުން ކިޔައި ދެއްވުމުގެ ހިޔާލު ލިބިވަޑައިގަތުމުން ހައްޖުގެ ހުރިހާ ވާހަކައެއް ހިމެނޭ ގޮތަށް ޅެމެއް ހެއްދެވުމުގެ މަސައްކަތް އޭރު ފެއްޓެވީ އެވެ. އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި "އެންމެ މާތް ދަތުރު" އެ ޅެމަކީ އަދަބިއްޔާތުގައި އެ މަނިކުފާނަށް ކުރެއްވުނު އެތައް މަސައްކަތެއްގެ ތެރެއިން އެންމެ އުނދަގޫ އެއް މަސައްކަތެވެ.
"އަޅުގަނޑު ކުރިންވާނީ ހައްޖާއި އުމުރާގެ އަޅުކަމާއި ގުޅުންހުރި ދެ ފޮތެއް ލިޔެފައި. އެ މަސައްކަތް ކުރެވުނުއިރު ހިތަށް އެެރީ ޅެމަކުން ވެސް ހައްޖުގެ ހުރިހާ ކަމެއް ކިޔައިދޭން. އެ ގޮތުން ކުރެވުނު މަސައްކަތެއް ތިޔަ އިވި ވަޑައިގަންނަވާ މަދަހައިގެ ޅެމަކީ،" މައުމޫން ވިދާޅުވި އެވެ. "ހަގީގަތުގައި އެއީ ވަރަށް އުނދަގޫ މަސައްކަތެއް. ވަރަށް ގިނަ ދުވަހުގެ މަސައްކަތް. ފަސޭހަ ކަމެއް ނޫން އެ މަސައްކަތަކީ. ނަމަވެސް މާތްﷲ ގެ ވާގިފުޅާއެކު 1423 ވަނަ އަހަރުގެ ރަމަޟާން މަހުގެ 27 ވަނަ ދުވަހަށް ޅެމުގެ މަަސައްކަތް [އަޅުގަނޑަށް] ނިންމާލެވިއްޖެ،"
ރައީސް ވިދާޅުވި ގޮތުގައި އެ ޅެން އެކުލަވައިލައްވާ ހުރިހާ މަސައްކަތެއް ނިންމެވުމަށް ފަހު މަދަހައެއްގެ ގޮތުގައި ރިކޯޑް ކުރައްވަން ބޭނުންފުޅުވެ ވަޑައިގަތެވެ. އެހެންވެ އެ ދުވަސްވަރު މަދަހަ ކިޔުމުގައި އެންމެ ފާހަގަކޮށްލެވޭ ޝިފްނާގެ އަޑުން އެ މަދަހަ ރެކޯޑް ކުރީ އެވެ. ޝިފްނާއަކީ ރައީސް މައުމޫންގެ އަނބިކަނބަލުން، މެޑަމް ނަސްރީނާ އިބްރާހިމްގެ ގާތް ރަހުމަތްތެރި ކުއްޖެކެވެ.
"ވަރަށް ރީތިކޮށް މަދަހަ ކިޔާ ކުއްޖެއް ޝިފްނާއަކީ. އެެހެންވެ އަޅުގަނޑުމެން ބޭނުންވީ ޝިފްނާ ލައްވާ އެ މަދަހަ ރިކޯޑް ކުރުވަން،"
ޅެމާއި އަދަބިއްޔާތުގެ އިސް ބައެއް ބޭފުޅުން ފާހަގަ ކުރައްވާ ގޮތުގައި "އެންމެ މާތް ދަތުރު" އެ ޅެމަކީ ޅެންވެރިކަމުގައި ފާހަގަ ކޮށްލެވޭނެ މޮޅު ޅެމެކެވެ.
"ޅެމުގެ މި ހުންނަނީ މައިގަނޑު ގޮތެއްގައި ހިޔާލީ ޅެމާއި ހަގީގަތް ހާމަކުރާ ޅެން. 'އެންމެ މާތް ދަތުރު' މިއީ ހަގީގީ މައުލޫމާތުން ކަމެއް ބަޔާން ކޮށްދޭ ޅެމެއް. މި ބާވަތުގެ ޅެން ހުންނަ ގޮތަށް ބަލާއިރު ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ބަޔާންކޮށް ދިނުމާއި ދެ މާނަ އެކުލެވިގެން ނުދާ ގޮތަށް ސާފުކޮށް ބުނުމާއި އަޑު އަހާ މީހާއަށް ދޭހަވުން ފަސޭހަވާނެ ގޮތަށް ބަސްމަގު ގެނެސްދިނުން ހިމެނޭ. ހަމަ އެހެންމެ އެކަމަކާއި ގުޅޭ ހުރިހާ ވާހަކަތައް ހިމެނިފައި ހުރުން މުހިންމު. އެންމެ މާތް ދަތުރު މި ޅެމުގައި މި ހުރިހާ ސިފަތައް ވަރަށް ފުރިހަމަ އަށް އެކުލެވިގެންވާކަން ފާހަގަ ކުރެވިފައިވޭ،" ދިވެހި ރާއްޖެ މި ފަހުގެ ތާރީހުގައި ދުށް އެންމެ އާދަހިޔާފު، އަދި މަޝްހޫރު ޅެންވެރިޔާ ތޮއްޑޫ އާދަމް ނަސީރު ވިދާޅުވިއެވެ.
"އެންމެ މާތް ދަތުރު" ޅެން ހެއްދެވުމުގެ ކުރިން ރައީސް މައުމޫން ވަނީ ކީރިތި ގުރުއާނުގެ ސޫރަތްތައް ހިމެނޭ ގޮތަށް "ސޫރަތުގެ ރަންހާރު" ގެ ނަމުގައި ހާއްސަ ޅެމެއް ހައްދަވާފަ އެވެ. ރައީސް މައުމޫން، 1999 ވަނަ ހެއްދެވި އެ ޅެމުގައި ކީރިތި ގުރުއާނުގެ ހުރިހާ ސޫރަތްތަކެއް ޅެމުގެ ތެރެއަށް ތަރުތީބުން ގެންނަވާފައި ވެއެވެ. އަދި ލަވަ އާއި މަދަހަ ކިޔުންތެރިޔާ އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) ކިޔުއްވާފައިވާ އެ މަދަހައަކީ ވެސް އާންމުންގެ މެދުގައި ވަރަށް މަގުބޫލު މަދައަކަށް ވެފައި ވެއެވެ.