ކުޅިވަރު

ސެލްޓަ ވީގޯ ޖޯޒީގައި ޖެހި ރާއްޖޭގެ ނަން ބޮޑުކޮށްފި

Jul 30, 2020

ސްޕެއިންގެ ސެލްޓަ ވީގޯ ފުޓުބޯޅަ ކްލަބުގައި ޖަހާފައިވާ، ރާއްޖޭގެ ނަން ދުރަށް ފެންނާނެ ގޮތަށް ބަދަލު ކޮށްފި އެވެ.

ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމުގެ ގޮތުން ސެލްޓަ ވީގޯ ޖޯޒީގައި ކުރިން ޖަހާފައި ވަނީ "ވިޒިޓް މޯލްޑިވްސް" ލޯގޯ އެވެ. ނަމަވެސް އަލަށް އެ ކްލަބުން ނެރުނު ކިޓުގައި ބޮޑުކޮށް "ވިޒިޓް މޯލްޑިވްސް" ޖަހާފައިވެ އެވެ. މިއީ ބައެއް ގައުމުތަކުން ވެސް ބޮޑެތި ކްލަބްތަކުގެ ޖޯޒީގައި ނަން ޖަހާ ގޮތެވެ.

ސެލްޓަ ވީގޯއިން މިހާރު ވަނީ އެ ކްލަބުގެ އާ ކިޓް ދައްކާލާފަ އެވެ. އެ ކިޓުގައިވާ ރާއްޖޭގެ ވިިޒިބިޓީ ހައިވާނެ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ. ޓްރެއިނިކް ކިޓާއި ރަސްމީ ޖޯޒީގެ އަތުގައި ރާއްޖޭގެ ނަން ޖަހާފައިވެ އެވެ. އަދި އެ ކްލަބުން ވަނީ އާ ޖޯޒީ ލޯންޗް ކޮށްފަ އެވެ.

ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން ސެލްޓަ ވީގޯގެ ޖޯޒީގައި އިސްތިހާރު ޖަހާފައިވަނީ މިދިޔަ އަހަރު އެވެ. ރާއްޖެ އިސްތިހާރު ކުރަން އެ ކްލަބާއެކު ކުރިއަށް ގެންދާ ކެމްޕޭންގެ ދަށުން އެ ކްލަބުގެ ތަރިން ބޭނުންކޮށްގެން ވެސް ރާއްޖެ އިސްތިހާރު ކުރަމުން ދެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ތިން މަހަށް ބަންދު ކުރުމަށްފަހު ހުޅުވާލުން އިސްތިހާރު ކުރަން ވެސް ސެލްޓަ ވީގޯއިން ވަނީ ހާއްސަ ކަންތައް ތަކެއް ކޮށްފަ އެވެ. ރާއްޖެ ހުޅުވާލަން ކައިރިވެފައި ވަނިކޮށް ބާސެލޯނާ އާއި ސެލްޓަ ކުޅުނު މެޗު ފެށުމުގެ ކުރިން ސެންޓަ ސާކަލް އާއި އަރިމަތީ ބިލްބޯޑުތަކުގައި ރާއްޖެ ހުޅުވާލާ ތާރީހު އާއްމު ކުރި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ މެޗުގެ ވިޒިބިޓީ 50 މިލިއަނަށްވުރެ މަތިވާނެ އެވެ.

ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯއާއެކު ރާއްޖެ އިސްތިހާރު ކުރަން ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހަށެވެ. އެ އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 ޑޮލަރު ރާއްޖެ ހަރަދު ކުރާނެ އެވެ.