ހަބަރު

އަޝްފާގުގެ ފޭނުންނަށް ސަސް ކޮފީ ކްލަބް

Jul 30, 2020
1

ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޮފީ ކްލަބެއް ހުޅުވައިފި އެވެ.

ސަސް ކޮފީ ކްލަބް މިރޭ ހުޅުވައި ދެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. އޭނާއާއެކު ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ދުވުންތެރިޔާ ހަސަން ސާއިދު ވެސް އެ ކެފޭ ހުޅުވި ކުޑަ ހަފުލާގައި ބައިވެރިވި އެވެ.

އެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ރާއްޖޭގެ ބޮޑެތި ކްލަބުތައް ކުރިއަރައިގެން ދިޔައީ މީހުންގެ އެހީތެރި ކަމާއެކުގައި ކަމަށާއި އެގޮތުން ކުދި ކްލަބުތަކަށް ވެސް އެހީ ލިބޭ ނަމަ އެ ކްލަބުތައް ވެސް ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ ކަމަށެވެ. ފަހަކަށް އައިސް އެ މަންޒަރު ފެންނަން ފަށާފައިވާ ކަމަށާއި ކުރިޔަށް އޮތްތަނުގައި ސަސް ކްލަބް ވެސް ފަސްޓް ޑިވިޝަންގައި ފެނިގެން ދިޔުމަށް އުންމީދު ކުރައްވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ކްލަބް ޖަމިއްޔާތަކަށް އަބަދު ސްޕޮންސާއަށް ބަރޯސާ ނުވެވޭނެ ކަމަށާއި މާޗަންޑައިޒް ވެސް އެއީ މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުގެ މަތިން ސަސް އިން މިއަދު ކޮފީ ކްލަބެއް ހުޅުވުން އެއީ ތަފާތު ފެނިގެން ދާާނެ ކަމެއް ކަމަށެވެ.

"މެންޗަސްޓާ ކެފޭ އާއި ލިވަޕޫލްގެ ކެފޭ ހުންނަ ފަދައިން މިއަދު ސަސް ކޮފީ ކްލަބް މިއޮތީ... އެ މީހުން ވެސް ހުރިހާ ވަސީލަތްތައް ފެށުނީ ކުޑަކުޑަ ގޮތަކަށް. އެގޮތަށް މި ކްލަބުން އެޅި މި ފިޔަވަޅަކީ ރާއްޖޭގެ ތާރީހުގައި ރަން އަކުރުން އެޅިގެން ދާނެ ކަމެއް،" އާޒިމް ވިދާޅުވި އެވެ.

ސަސް ކޮފީ ކްލަބު ހުންނަނީ މައްޗަންގޮޅި ކާމިނީ މަގުގަ އެވެ. ދެ ފްލޯއަށް ހަދާފައި ހުރި މި ކެފޭގައި އަޝްފާގުގެ ފޮޓޯތަކާއި ދިވެހި ފުޓބޯޅައިގެ ފާހަގަ ކޮށްލެވޭ އެ،ކި ދުވަސްވަރުގެ ފޮޓޯތައް ބަހައްޓާފައި ހުރެ އެވެ.