ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑް އަލީ އަޝްފާގް (ދަގަނޑޭ) އާއި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) ޓެރަރިސްޓުންންނާ "އެއްފަދަ" ކުރި މައްސަލަ އެފްއޭއެމްއިން ކުށްވެރިކޮށް އެ ކުޅުންތެރިންގެ ދިފާއުގައި ނުކުމެއްޖެ އެވެ.
ދަގަނޑޭއާއާ އަކޫ ޓެރަރިސްޓުންނާ އެއްފަދަ ކުރީ އެމްޑީޕީގެ މަޝްހޫރު އެކްޓިވިސްޓް ސޫޒަން އެވެ.
" ޓީމް ބަލި ވެއްޖެއްޔާ ދަނޑު ވެސް ގޮއްވާލަފާނެ. ކާކު ސިޑިބަރީގައި އިންނަން ދާނީ" ދަގަނޑޭއާ އަކޫގެ ފޮޓޯއަކާއެކު ސޫޒަން ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.
އެ ޓުވީޓް ކުށްވެރިކޮށް އެފްއޭމްއިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ފުޓްބޯޅަ ކުޅުން ތެރިންނަކީ އެއްވެސް ހަނގުރާމަވެރިން ޓެރަރިސްޓް ގްރޫޕަކާ ގުޅިފައިވާ ބައެއްކަން އެނގިފައި ނުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތާ ގުޅިގެން އެ މީހުންނަށާއި އެ މީހުންގެ އާއިލާއަށް އިޔާދަނުކުރެވޭނެ ގެއްލުން ލިބި ފުޓްބޯޅައިގައި ރާއްޖެއިން ކުރިއަށް ދާން ހުރަސްތައް ކުރިމަތިވެދާނެ ކަަމަށެވެ.
ޓުވިޓާގައި ދެއްކި ވާހަކަތަކަކީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭނެ ވާހަކަަތަކެއްކަން ފާހަގަކޮށް އެފްއޭއެމްއިން ބުނީ އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަަމަށެެވެ.
"..ސޯޝަލް މީޑިއާގައި ދައްކާފައިވަނީ މިހާތަނަށް ފުޓްބޯޅައާ ގުޅިގެން ދެކެވިފައިވާ ވާހަކަތަކެއް ނޫނެވެ. މިހެންވެ މިއީ އާދައިގެ ކަމެއް ކަމަށް ނުބައްލަވައި ކަމާ ގުޅޭ އިދާރާތަކުން މިކަމުގެ ފުރިހަމަ ތަހުގީގެއް ކޯއްދެއްވުމަށް މި އެސޯސިއޭޝަން ގޮވާލަމެވެ" އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.
ޓެރަސްޓުންނާއި ގުޅުވައި "ސޫޒަން" ދެއްކި ވާހަކަތަކަށް އެތަށް ބައެއްގެ ރުޅިއާ ނުރުހުން ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި އަކޫވެސް ހިމެނެ އެވެ. މިއީ ބަލަައިގެނެވޭނެ ކަމެއް ނޫން ކަަމަށާއި އަދި ސޫޒަންއަށް ފިޔަވަޅު އަޅަންވެސް އަކޫ ގޮވާލި އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްވެސް ވަނީ ކުޅުންތެރިންގެ ދިފާއުގައި ނުކުމެވަޑައިގެންފަ އެވެ.
އަދި ކްލަބުތަކުންވެސް ވަނީ އެ ދެ ކުޅުންތެރިންގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. ބައެއް ކުލަބުތަކުން ވަނީ ދެ ކުޅުންތެރިންނާ ބެހޭ ގޮތުން ދެއްކި ހަގީގަތެއް ނެތް ވާހަކަތަކާއި ގުޅިގެން އެކަން ކުރި މީހާއަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައެވެ.
ފާޑުކިޔުންތައް މާބޮޑަށް ހޫނު ވުމުން ސޫޒަން ވަނީ އޭނާގެ ޓުވިޓާ "ލޮކް" ކޮށްފަ އެވެ.