ބޭރު ކުޅިވަރު

ޔުނައިޓެޑްގެ ކޯޗަކަށް މޯޔޭސް ގެނައުން ގޯހެއްނޫން: ފާގަސަން

Oct 6, 2015

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަން 27 އަހަރު ކުރުމަށްފަހު މަގާމުން ވަކިވަމުން އެ މަގާމަށް އެވަޓަންގެ ކުރީގެ ކޯޗު ޑޭވިޑް މޯޔޭސް ހަމަޖެއްސުމަކީ ހެދުނު ގޯހެއްނޫން ކަމަށް އެލެކްސް ފާގަސަން ބުނެފި އެވެ.

ބީބީސީން ހަދަމުން އަންނަ ޑޮކިއުމަންޓްރީގައި ވާހަކަ ދައްކަމުން ފާގަސަން ބުނީ އޭނާ އަށް ފަހު މޯޔޭސް އަކީ އެވަގުތު ޔުނައިޓެޑަށް އެންމެ ރަނގަޅު ކޯޗު ކަމަށާއި ނަމަވެސް އެ ނިންމުމުގެ ކުރިން އެހެން ކޯޗުންނާމެދު ވިސްނައި ހެދި ކަމަށެވެ.

"ހޮސޭ މޮރީނިއޯ އެނބުރި ޗެލްސީއަށް ދިޔައީ. ކާލޯ އެންޗެލޯޓީ ރެއާލް މެޑްރިޑަށް ދިޔައީ. ޖާގަން ކްލޮޕް ބްރޫޝިޔާ ޑޯޓްމުންޑާއެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރީ. ލުއިސް ވެންހާލް ނެދަލޭންޑްސްގެ ގައުމީ ޓީމުގައި (2014ގެ) ވޯލްޑް ކަޕަށް މަޑުކުރީ. [އެހެންވީމާ އެވަގުތަށް] އަހަރުމެން ގެނައީ އެންމެ ރަނގަޅު މީހާ. އަހަންނަކަށް ހިޔެއްނުވޭ އެއީ އަހަރުމެންނަށް ހެދުނު ގޯހެއްހެން. އަހަރުމެން ނެގީ ރަނގަޅު ފުޓްބޯޅައި މީހެއް. ކަންދިމާކުރި ގޮތުން އޭނާއާއެކު ކަންތައްތައް ގޯސްކޮށްދިޔައީ،" ފާގަސަން ބުންޏެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ބަޔާން މިއުނިކާ ހަވާލުވުމުގެ ކުރިން  2012 ވަނަ އަހަރު އޭނާއާއެކު ކެއުމަކަށްދިޔަ ކަމަށާއި ދާނެ ކުލަބެއް ނިންމުމުގެ ކުރިން އިޝާރާތެއް ކޮށްލުމަށް އޭނާގާތުގައި އެދުނު ކަމަށް ވެސް ފާގަސަން ބުންޏެވެ.

"އަހަންނަށް ފޯނުކޮށްފައި ހަދާގޮތެއް އަންގައިދިނުމަށް އެދުނިން. އަހަރެން ވިސްނަމުންދިޔައީ އެއިރު ކަމަކާމެދު. އެކަމަކު އަހަންނަށް އޭނާ [ގާޑިއޯލާގެ] ޖަވާބެއް ނުލިބުނު. އޭނާ ދިޔައީ ބަޔަން މިއުނިކަށް އަށް. އާ ކޯޗަކު ހޯދުމަކީ ޕްރޮސެސްއެއް. އަހަރުމެން ވަރަށް ގިނަ ކޯޗުންނާ ވާހަކަ ދައްކަން ޖެހުނު،" ފާގަސަން ބުންޏެވެ.

އޭނާ އަދި ބުނީ މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ރަޔަން ގިގްސް އުމުރުން 35 އަހަރުގައި ކުޅުން ހުއްޓާލިނަމަ އޭނާ އަށް ފަހު މެންޗެސްޓާގެ ކޯޗަކަށްވާނީ ގިގްސް ކަމަށެވެ. ނަމަވެސް ގިގްސް ކުޅުން ހުއްޓާނުލި ކަމަށާއި އޭނާއަކީ އެއްވެސް ކުޅުންތެރިއެއްގެ ކައިރީގައި ކުޅުން ހުއްޓާލަން ބުނާނެ މީހެއްނޫން ކަމަށް ވެސް ފާގަސަން ބުންޏެވެ.

ފާގަސަން އަށް ފަހު މޯޔޭސް މަގާމާ ހަވާލުވުމަށްފަހު ގިގްސް ބެހެއްޓީ ކުޅުންތެރިއަކަށާއި ކޯޗަކަށެވެ. އަދި ގިގްސް މަގާމުން ވަކިކުރުމަށްފަހު ސީޒަނުގެ ފަހު ދެތިން މެޗެއްގައި ޓީމަށް އިރުޝާދުދިނީ ވެސް ގިގްސް އެވެ. މިހާރު އޭނާ އަކީ މެންޗެސްޓާގެ ކޯޗު ވެންހާލްގެ އެސިސްޓެންޓް ކޯޗެވެ.