ވާހަކަ

ރީތީ ހީނލީމާ

(ފަނަރަވަނަ ބައި)

"މަ އެބަ ޖެހޭ ބޭރަށް ޖެހިލަން. މީގައި ދެން ހިފާ." ކޮތަޅު ދިއްކޮށްލަމުން ސިރާޖު ބުނެލިއެވެ.

އަހަރެންގެ ހިތުގައި ވިކައިގަތީ އާތިފާގެ ޖުމުލަތަކެވެ. ބޭނުންވީ ސިރާޖުގެ ކަނާއަތުގެ ކުޑަވާ އިނގިއްޔާ ދިމާ ބަލައިލާށެވެ. ފުން ނަޒަރަކުން ކޮތަޅަށް ބަލައިލީމެވެ. ދެވަނަ ސިކުންތުގައި ސިރާޖުގެ އަތަށް ވެސް ބަލައިލެވުނެވެ. އޭނާ ކޮތަޅު ހިފައިގެން ހުރީ ކަނާއަތުންނެވެ. ލުއި ގޮތަކަށް ހިނިތުންވެލަމުން ކޮތަޅުގައި ހިފީމެވެ. އޭނާގެ ކަނާއަތު ކުޑަވާ އިނގިއްޔާ ދިމާއަށް ކަޅި ތަތްކޮށްލައިގެން ހުރެއެވެ. އާތިފާ ބުނެދިން ކަހަލަ އެއްވެސް ނިޝާނެއް އޭނާގެ އަތަކުން ފާހަގަ ކުރެވޭކަށް ނެތެވެ. އެކަން އަހަރެން ޔަގީންކުރީމެވެ.

"ސިރާ ދިޔައިރު ކޮޓަރި ހުރީ ތަޅުލައިފަތަ؟" ސިރާޖުގެ މޫނަށް ބަލައިގެން ހުރެ އަހަރެން ބުނެލީމެވެ. "ސިރާ އަތުގައި އެ ކޮޓަރީގެ އިތުރު ތަޅުދަނޑިއެއް އޮންނާނެތަ؟ ނޫނީ އެހެން މީހަކު އަތުގައި އިތުރު ތަޅުދަނޑިއެއް އޮންނާނެތަ؟"
"އަހަރެން އަތުގަ އޮންނަންވީ ކީއްވެ؟" ސިރާޖު ނުގޮތަކަށް ބަލައިލީ އަހަރެން މޫނަށެވެ. "އަހަރެން ތަޅުގައި ހިފައިލިން، ހުރީ ތަޅުލައިފަ. ދެ ފަހަރަކު ޓަކިޖަހައި ވެސް ލިން. ކުޑަކޮށް ސަމާލުވެ އަޑުއަހައިލަން އިރުކޮޅަކު ހުރިން. އަޑެއް އިވޭހެން ހީވެގެން. ބަޔަކު އުޅޭހެން ހީވާތީ. އެކަމަކު އަޑެއް ބަޑެއް ނީވުނީމަ ދެން ދިޔައީ."
"އެހެން މީހަކު ތަޅުދަނޑިއެއް ގެންގުޅެފާނެބާ؟" އަހަރެން އަނެއްކާ ވެސް އަހައިލީމެވެ.
"ކީއްވީ؟ އަނެއްކާ އަހަންނަށް ޝައްކުވަނީތަ؟ މި ބުނީ ފިނާއަށް އެހެން ހެދީ އަހަރެން ކަމަށް ވިސްނެނީހޭ؟ ނޫނީ އަހަރެން އެކަހަލަ ކަމެއް ކުރިކަމަށް ގަބޫލުކުރެވެނީހޭ؟" ސިރާޖު މޫނަށް ދެތިން ރޫ އަރުވާލަމުން ބުނެލިއެވެ.
"އުހުނ،" އަހަންނަށް ފާޑަކަށް ތެޅިގަނެވުނެވެ. "ސިރާ ދިޔަ ވާހަކަ ބުނީމަ."
"އާނ! އަހަންނަށް މިހާރު އެބަ ހީވޭ އެ ގަޑީ ކޮޓަރީގައި އިތުރު މީހަކު އުޅުނުހެން. މިބުނީ އަހަރެން ޓަކި ޖަހައިލުމުގެ ކުރިން ފިނާގެ އަޑު އަހަންނަށް އިވުނުހެން ހީވިއޭ. ފާޑަކަށް އޭނާ ހަޅެއްލަވާލިހެން ހީވިއޭ. މި ބުނީ އަންހެނެއްގެ އަޑު އިވުނު ހެން ހީވެއޭ. ދެން.." ސިރާޖު ހުއްޓައިލިއެވެ.
"ދެން... ކިހިނެއްވީ؟" އަހަންނަށް ބަލައިލެވުނީ އޭނާގެ މޫނަށެވެ.
"ތަންވަޅު ގޯސްކަމަށް ވިސްނުނީ." ސިރާޖު ހިނިތުންވެލިއެވެ. "އެކަމަކު މިހާރު ވިސްނެނީ އަހަންނަށް އެ ދެވުނީ ތިކަމެއް ހިނގި ވަގުތުއޭ."
ސިރާޖު ދިއްކޮށްލި ކޮތަޅުގައި ހިފައިލަމުން ސީދާ އޭނާގެ މޫނަށް ބަލައިލީމެވެ. އޭނާއާ މެދު ހިތަށް ގިނަވި ޝަކުވާތައް ހިނދެމުން ހިނދެމުން ދިޔައެވެ.
"މިރޭ ދަންކޮށްލައިފަ އަދި ޖައްސާލާނަން. ކަމެއްދަމެއް ގޯސްވަންޏާ އަންގައިލާތި. ފިނާގެ ބައްޕަ ވެސް ދެތިން ފަހަރަކު ގުޅައިފި." ސިރާޖު ބޭރަށް ނުކުންނަށް ހިނގައިގަތެވެ.

އަހަންނަށް އެ ހުރި ގޮތަށް ހުރެވުނީއެވެ. ސިރާޖަށް ބަލާށެވެ. އޭނާއަށް ޝައްކު ކުރެވުނީތީ އެކަމާ ފިކުރު ބޮޑުވެފައެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ގޮނޑީގައި ހަމަޖެހިލީމެވެ. ގަޑިއަށް ބަލައިލެވުނީ އެވަގުތެވެ. އޭރު އިރު އޮއްސި ހަތްގަޑި ބައިވަނީއެވެ. ބަނޑުހައިކަން އިހުސާސްވާން ފެށިއެވެ. ނަމަވެސް ކާނެ މޫޑެއް ނެތެވެ. ފިނާގެ ނުފެނި ގިނައިރުވާތީ އެކަމާ ފިކުރު ބޮޑުވެވުނެވެ.

އަނެއްކާ ވެސް ހިތުގައި އުދުހިގަތީ އާތިފާގެ ވާހަކަތަކެވެ. އޭނާ އެ ދައްކަނީ ކާކުގެ ވާހަކަތަކެއް ހެއްޔެވެ؟ އޭނާގެ ވާހަކަ ގަބޫލުކުރަންވީ ހެއްޔެވެ؟ ފިނާއަށް މިހެން ދިމާވާންވީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ރޭގައި އެ ދިމާވީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެއީ ކޮން ޝާހިދާއެއް ހެއްޔެވެ؟ މިއީ ކޮން އާތިފާއެއް ހެއްޔެވެ؟ ފިނާގެ ހާދިސާއާ މި ދެ މީހުންނާ ގުޅުމެއް ވޭހެއްޔެވެ؟ ނިޔާޒާ މި ކަމާ ގުޅުމެއް ވޭ ހެއްޔެވެ؟

"ވަރަށް ހެއްވާ! މަ ވެސް އިނީ ޝަރީފު ގާތުގައި ޝަރީއާ އެކު، މަ ކަމެއް ކުރި ނަމަ ނޫނީ މަށާ ތިކަމާ ގުޅުމެއް ވާނަމަ އެކަން ޝަރީއަށް ވެސް އެނގޭނެ. މަށަށް ޝައްކު ތި ވާހަކަ ދެއްކި މީހެއްގެ ރޭވުމެއް ތީގަވާނީ." ނިޔާޒުއަށް ގުޅައިލާ ދެތިން ސުވާލެއް ކޮށްލުމުން އޭނާ ދިނީ ރުންކުރު ޖަވާބެކެވެ.

ނިޔާޒަށް ނުގުޅުނު ނަމައޭ ހިތަށް އެރިއެވެ. އާތިފާގެ ބަސް ގަބޫލުކުރަންވާނެ ހެއްޔެވެ؟ އެއީ ހަމަޖެހޭ މީހެއް ހެއްޔެވެ؟ އޭނާ ދައްކަނީ ބުއްދި ގަބޫލުކުރާ ވާހަކަ ހެއްޔެވެ؟ ވާހަކަ ކިޔައިދޭއިރު ހީވަނީ މަންޒަރު ސިފަވާހެންނެވެ. އޭނާ އެތަނުގައި ހުރެ މަންޒަރު ބަލައިފައި ކިޔައިދިން ހެންނެވެ. އޭނާއަށް އެހައި ސާފުކޮށް ކިޔައިދޭން އެ އެނގެނީ ކީއްވެ ހެއްޔެވެ؟ އޭނާއަކީ ކީއްކުރާ މީހެއް ހެއްޔެވެ؟

"ޝައްކު ކުރެވޭ މީހަކު ހަމަ ފާހަގަ ކުރެވިފައެއް ނެތް. އަޅުގަނޑު ވަރަށް މަސައްކަތްކޮށްފިން ހަނދާންކުރެވޭތޯ ވެސް ވަރަށް ބަލައިފިން. ކިރިޔާ ވެސް ވާހަކައެއް އިވުނީ އެންމެ މީހެއްގެ ފަރާތުން." ފުލުހުންގެ އޮފިސަރުގެ ސުވާލުތަކަށް އަހަންނަށް ދޭނެ ޖަވާބެއް ނުލިބުނެވެ.
"އެއީ؟" އޮފިސަރު ސުވާލުކޮށްލިއެވެ.

އަހަރެން ވެސް މޭޒު ކައިރީގައި ހަމަޖެހިލީމެވެ. ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ފުލުހުން ކުރަމުންދާ މަސައްކަތުގައި އަހަންނާ ވެސް ސުވާލުކުރަނީއެވެ. ޝައްކެއް ކުރެވޭ މީހަކު ހުރިތޯ ބަލަނީއެވ

"އެކަމަކު އެމީހާ ދައްކާ ވާހަކަތައް ގަބޫލުކުރަން ވެސް ބައެއް ފަހަރު ދަތިވޭ. އޭނާގެ ވާހަކަތަކުގައި ހަގީގަތްތަކެއް އެކުލެވޭ ކަމަށް ވެސް ގަބޫލުކުރެވޭ." ދެ ފިކުރެއްގައި އިނދެބުނެލީމެވެ.
"އެއީ؟" އޮފިސަރު އަހަރެންގެ މޫނަށް ބަލައިލިއެވެ. "ތަހުގީގުގެ މަރުހަލާގައި އާއިލާގެ ފަރާތުން އެއްބާރުލުން ވަރަށް މުހިއްމުވާނެ. ހަގީގަތް ދެނެގަނެވޭނީ ވަރަށް ގިނަ މައުލޫމާތު އެއްކުރެވިގެން. މި ކޭސް އަޅުގަނޑުމެން ބަލަމުން މިދަނީ ރޭޕް ކޭސްއެއްގެ ގޮތުގައި. ޑޮކުޓަރުން ބުނާގޮތުން ފިނާއަށް ވަރަށް އަނިޔާ ލިބި ގެއްލުން ވެފައި އެބަހުރި. ހަމައެކަނި ޖިންސީ އަނިޔާއެއް ނޫން. މިކަމުގެ ސަބަބުން އަރައި ނުގަނެވޭނެ ފަދަ ނަފުސާނީ ބަލިމަޑުކަމެއް ފެށުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޑޮކުޓަރުން ލަފާ ދެއްވަނީ."
"އަޅުގަނޑު މިއީ ފިނާގެ ފިރިމީހާ. މިކަމުގެ ހަގީގަތް ތިޔަ ބޭފުޅުންނަށް ވުރެ ބޮޑަށް ހޯދާ، ދެނެގަންނަން ބޭނުންވާނީ އަޅުގަނޑެއްނޫންތޯ؟ އަޅުގަނޑުމެންނަކީ މި ރަށަށް އަލަށް އެރި ބީރައްޓެހިން. ނުގޮތަށްކަށް ފަތުރުވެރިން. އަޅުގަނޑުމެންނާ އެނގިގެން މީހަކަށް ދެރަވާނެ އެއްވެސް ކަމެއް މިވީ މަދު ވަގުތުކޮޅުގެ ތެރޭގައި އަދި ނުކުރަން. ކޮށްފައެއް ވެސް ނޯންނާނެ. އެހެންވީމަ މިކަން ހިންގަން ޖެހުނު ސަބަބެއް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ. މިއީ ކިހިނެއް ހިނގައިދިޔަ ކަމެއްތޯ ބަލަން ވަރަށް ބޭނުންވޭ." އަސަރާއެކު ލަސްލަހުން ކިޔައިދިނީމެވެ.

ބަދަލުގައި ފުލުސް އޮފިސަރު ފުން ނަޒަރަކުން އަހަންނަށް ބަލައިލިއެވެ. އެ ބެލުމުގައި އެތައް ވާހަކަތަކެއް، އެތައް މާނައެއް އެކުލެވޭ ހެންނެވެ. އެންމެފަހުން އޮފިސަރު ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އަޅުގަނޑުމެން ހަމައެކަނި ވާހަކަދެއްކީ މި ރަށުގައި އެ އުޅޭ އާތިފާ ކިޔާ މީހާއާ. އެމީހާ ދައްކާ ބައެއް ވާހަކަ އަޅުގަނޑަށް ގަބޫލުކުރެވޭ. އޭނާ ބުނެދީފި އަޅުގަނޑު ތަހުގީގަށް ހަވާލުކުރި ބޮކުސާ އެއީ އެމީހަކު ފިނާގެ އަނގައަށް ކޮށްޕާލި އެއްޗެއް ކަމަށް ވެސް،" އަހަންނަށް އެނގުނު ވާހަކަތައް އޮޅުން ފިލުވައިދެވޭތޯ ބެލީމެވެ. "އޭނާ ބުނޭ އެމީހާގެ ކަނާއަތު ކުޑަވާ އިނގިލީގެ ހުދުހަމާއި ކަޅުހަން ބެދޭ ހިސާބުގައި ފިނާ ދަތް އެޅުމުން ކަނޑައިގެން ގޮސް ހުރި ތަނެއް ހުންނާނޭ. އަޅުގަނޑަށް ކުރިން ޝައްކުވީ ސިރާޖަށް، އެކަމަކު ސިރާޖުގެ އަތުގައި އެކަހަލަ ނިޝާނެއް ނެތް. ނަމަވެސް އޭނާގެ ކަރުދަށުން ވަކިތަކެއް ހުރިކަން ފާހަގަވި."
"އިތުރު އެހެން ކަމެއް އާތިފާ ހިއްސާކުރިތަ؟" އޮފިސަރުގެ ނިތަށް ދެތިން ރޫ އަރުވާލަމުން ބުނެލިއެވެ.
"ނޫން. އަޅުގަނޑު ވަރަށް ބޭނުން އޭނާއާ ބައްދަލުކުރަން. އޭނާ އުޅޭތަނެއް ހޯދައިގެން އޭނާ ދައްކާ ވާހަކަތައް އަޑުއަހަން ވެސް. އަޅުގަނޑަށް މާގިނައިން ސުވާލު ކުރެވެން ފެށުމުން ހިތްހަމަ ނުޖެހިގެން ވާހަކަ މެދު ކަނޑައިލައިފަ ދިޔައީ. އަޅުގަނޑަށް ވަރަށް ޔަގީންވޭ އޭނާއަށް މިކަމުގެ ހަގީގަތްތައް އެނގިދާނެކަމަށް." ފުން ނޭވާއެއް ދޫކޮށްލަމުން އޮފިސަރުގެ މޫނަށް ބަލައިލީމެވެ.
"އާތިފާ ދޯ." ފުލުސް އޮފިސަރު ފުން ނޭވާއެއް ދޫކޮށްލިއެވެ.
"އާދެ! އަޅުގަނޑަށް އެނގޭ އޭނާއަކީ ހަމަޖެހޭ މީހެއް ނޫންކަން ވެސް. އެކަމަކު އޭނާއާ ބައްދަލުވާނެ ގޮތެއް އަޅުގަނޑަށް ހައްދަވާދެއްވައިފި ނަމަ ވަރަށް ރަނގަޅު. އޭރުން އަޅުގަނޑު ސީދާ މިކަން ދެނެގަނެވޭތޯ ބަލާނަން." އާދޭސްކުރާ ރާގުގައި އަހަންނަށް ބުނެލެވުނެވެ.
"އެންމެ ރަނގަޅު އަޅުގަނޑުމެން އެބަ ބަލަން ތިކަން ހަމަޖެއްސައިލެވޭތޯ،" އޮފިސަރު ނިތްކުރީގައި ޝަހާދަތް އިނގިލި ޖައްސަލައިލިއެވެ. "މާދަމާގެ ފުލައިޓުން ދެއްތޯ ފުރުއް އޮތީ؟"
"އާދެ، މި ވަގުތު ފިނާ ނޯމަލް ކަމަށް ޑޮކުޓަރ ވިދާޅުވީ. އެކަމަކު އަދި ރެސްޓު ދެއްވާފައި އިހަށް އަރާމުކޮށްލައްވަން ބޭއްވީ ކަމަށް. ޑޮކުޓަރ ވިދާޅުވީ ފިނާ އެއްގޮތަކަށް ވެސް ވާހަކަނުދައްކާ ކަމަށް. ލިބުނު ޝޮކުގެ ސަބަބުން ވާހަކަދައްކަން އަދި ބޭނުން ނުވަނީ ކަމަށް. އެހެންވީމަ އޮބްޒަރވޭޝަންގަ ބާއްވާފައި އޮތީކަމަށް." އަހަރެން އިސް ޖަހައިގެން އިނދެ ބުނެދިނީމެވެ.
"ސީދާ ވިކްޓިމްގެ ފަރާތުން މައުލޫމާތެއް ނުލިބޭތީ މި ކޭސްގައި ކުރިއަށް ދިޔުމަށް ދަތިތަކެއް މި ހުރީ،" އޮފިސަރު ހަމަޖެހިލަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ. "މިހާރު ކުރިއަށް މިދަނީ ޑޮކުޓަރުން ދެއްވާ މައުލޫމާތާއި ރަށުތެރެއިން ލިބުނު ބައެއް މައުލޫމާތުގެ އަލީގައި. ދެން އާތިފާގެ ކަންތަކުގައި އަޅުގަނޑުމެންނަށް ވެސް ބޮޑަށް ރަނގަޅީ ސީދާ ޝަރީފު ބައްދަލުކޮށް އޭނާގެ ވާހަކަތައް އަޑުއެހުމަށްފަހު އަޅުގަނޑުމެންނަށް މައުލޫމާތު ހިއްސާކުރުން. އެހެންނޫނީ ފުލުހުން އޭނާއާ ބައްދަލުކޮށްފި ނަމަ އަޑުފަތުރާ މީހުންނަށް ފުރުސަތެއް ލިބިދާނެ."
"އާދެ. އަޅުގަނޑު ވެސް މި ދެންނެވީ ތިޔަ ގޮތަށް." ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލަމުން އަހަރެން ބުނެލީމެވެ.
"ވަރަށް ދެރަ މި ހާދިސާ ދިމާވުމުން. ހަގީގަތަކީ މިއީ ވަރަށް އަމާން ސުލްހަވެރި ރަށެއް. ނަމަވެސް، ބަދަލުވަމުން މިދާ ޒަމާނާއެކު ކުށުގެ ވެށި ފުޅާވެ، ކުށްކުރާ މީހުން އިތުރު ކުށަށް ހުށަހެޅޭ ޒުވާނުން އިތުރުވަމުންދާތީ މިގޮތަށް ދިމާ މިވަނީ،" ފުލުސް އޮފިސަރު ލަސްލަހުން ފަހަރަކު ޖުމުލައަކަށް ހުއްޓަމުން ހުއްޓަމުން ވާހަކަދެއްކިއެވެ. "މިފަދަ ކަންކަން ހައްލުކުރެވޭނީ ޒުވާނުން ޒިންމާދާރު ކުރެވިގެން. ކުށްކުރާ މިންވަރު މަދުކުރެވޭނީ ޒުވާނުން ބާރުވެރިކޮށް އެމީހުން މަގުމަތިވާން ދިމާވާ ސަބަބުތަކަށް ހައްލު ހޯދައިގެން. ރާއްޖޭގެ ހާލަތު އޮތް ގޮތުން މިއީ މިއަދު ފަސޭހައިން ހައްލު ހޯދޭނެ ކަންކަމެއް ވެސް ނޫން. މިކަންކަމުގެ ބިންގާ އޮތީ ގޭތެރެއިން، މައިންގެ އުނގުން. ސްކޫލުތަކުން. ކުލާސްތަކުން. މަންހަޖުން. އިޖުތިމާއީ ވެށިން. ސިޔާސީ މައިދާންތަކުން. ގާނޫނީ ފޮޅުވަތްތަކުން."

ބަދަލުގައި އަހަންނަށް ބަލައިލެވުނީ ސީދާ އޮފިސަރުގެ މޫނަށެވެ. މިކަމާ އެ ހުރިހާ ކަމަކާ ހުރީ ކޮން ގުޅުމެއްތޯ އަހައިލާފަދަ ބީދައަކުންނެވެ.

"އޭލެވެލް ނިންމާލުމަށްފަހު ސްކޫލުތަކުން ކުދިން ނުކުންނަ އިރަށް އެބަ ކައިވެނީގެ ބިންގާއަޅައިލެވޭ. އަށާރަ އަހަރު ފުރޭއިރަށް މިކަން ކުރެވޭއިރު، ކުދިންނަކަށް ނޭނގޭ ޒިންމާދާރުވާކަށް. އެކުދިންނަކަށް ނުވިސްނޭ މުޖުތަމައުގައި ޒުވާނާގެ ދައުރަކީ ކޮބައިކަމެއް. އެނގިފައެއް ނޯވޭ ތަރުބިއްޔަތު ކުރުމުގެ ހުނަރުތަކެއް. ދުނިޔޭގެ ބައެއް ގައުމުތަކުގައި ކައިވެނި ކުރުމުގެ ކުރިން ދިރިއުޅުމާ ގުޅޭ، ކައިވެންޏާގުޅޭ ޕޭރެންޓަލް ސްކިލްގެ ކުރު ވަރކްޝޮޕްތައް ހެދުން މަޖުބޫރުކޮށްފަ އޮވޭ. އެއީ މުޖުތަމައުގެ އަގުތަކާއި މައިންބަފައިންގެ ދައުރުތަކާއި ތަރުބިއްޔަތުގެ މުހިއްމުކަމާއި، ކައިވެނީގެ ބާރުވެރިކަން ކައިވެނި ކުރާ ދެމީހުންނަށް ދަސްކޮށްދޭން. މިކަން މިހާރު ރާއްޖޭގައި ވެސް ކުރަން ވެއްޖެ،" އޮފިސަރު ފުން ނަޒަރަކުން އަހަރެންގެ މޫނަށް ބަލައިލިއެވެ. "ކުރީ ޒަމާނުގައި ނަމަ އަންހެން ދަރިން ތަރުބިއްޔަތުވަނީ މަންމަގެ ގެވެހި ކަމުގެ ތެރެއިން. ފިރިހެން ކުއްޖެއްނަމަ ބައްޕަގެ ހިޔަނީގެ ތެރެއިން. ޒަމާން ފުރޮޅިގެން ދިޔަ ގޮތުން މަންމައާއި ބައްޕަ މާ ބިޒީ ވެއްޖެ. އެއަށްވުރެ ކިޔަވާ ކުއްޖާ ބިޒީކަން މާ ބޮޑު. އެއްކުލާހުން އަނެއް ކުލާހުން، އެ ހަރަކާތުން އަނެއް ހަރަކާތުގައި އުޅެއުޅެ ތިއްބާ ދުވަސްތަކާއި މަސްތަކާއި އަހަރުތައް ގޮސް ހުސްވެ ކުއްޖާއަށް އަށާރަ އަހަރު ފުރެނީ. ޒިންމާއެއް، ހުނަރެއް ދަސްނުވެ ތިއްބާ. މިޒަމާނުގެ ގިނަ ކުދިން ސިފަވާނީ ފޮތް ލޮރީއަކާ."

އަހަންނަށް ބަލަން އިނދެވުނީއެވެ. އޮފިސަރު ދައްކަމުންދާ ވާހަކަތަކާއި މުޖުތަމައުގެ ހާލަތާ ގުޅުވާލެވޭތީއެވެ.

"ދެން މަންމައަކަށް ބައްޕައަކަށް ކުއްޖާއާ ބައްދަލުވެ ހުނަރެއް، ކަމެއް ދަސްކޮށްދޭނެ ވަގުތެއް ނުލިބޭ. މިކަން އިސްލާހު ނުކޮށް އަހަންނަކަށް ހިޔެއް ނުވޭ ކުށުގެ ވެށި ސާފުކުރެވޭނެހެން." އޮފިސަރުގެ ބަލައިލި ގޮތުން އޭނާގެ ވާހަކައިގައި ބައިވެރިވުމަށް އެދުނުހެން ހީވިއެވެ.
"ރަނގަޅު ވާހަކަތަކެއް." އަހަރެން ބެލީ ވީހާ ވެސް ކުރުކޮށް ޖަވާބު ދެވޭތޯއެވެ.
"މިއީ ދެން ހަމަ އާއްމުކޮށް އަޅުގަނޑާ ބައްދަލުވާ ޒުވާން ކުދިންނާ ހިއްސާކޮށްލާ ވާހަކައެއް ވީމަ ހިއްސާކޮށްލި ވާހަކަތަކެއް. އަނެއްހެން މިކަމާ ގުޅުން ހުރި ވާހަކައެއްނޫން،" އޮފިސަރު ކޮޅަށް ތެދުވިއެވެ. "އާތިފާއާ ބައްދަލުވާނެ އިންތިޒާމުތައް ހަމަ ޖައްސާލައިފަ އެބަ އިޝާރާތްކޮށްލަން. ދެން މާ ބޮޑަށް ހާސްވެ ކަންބޮޑު ނުވޭ. އިންޝާﷲ ހުރިހާ ކަމެއް ހަމައަކަށް އެޅެމުންދާނެ." (ނުނިމޭ)