މޫސުން

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ

Aug 1, 2020

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ބޯކޮށް ވާރެވެހި، ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އެދިއްޖެ އެވެ.

މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން، މިއަދުގެ މެންދުރާ ހަމައަށް ވ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މެޓުން ވަނީ ވައިޓް އެލާޓްވެސް ނެރެފަ އެވެ.

އެ ސަރަހައްދަށް ހެނދުނު 9:30 އިން މެންދުރު 2:30 ގެ ނިޔަލަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުންޏެވެ.

އޭގެ އިތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު ހަ މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ކަމަށެވެ.

އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓުން ބުންޏެވެ. އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުނެ އެވެ.

ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް އެ އިދާރާއިން އިތުރަށް ބުންޏެވެ.