ދުނިޔެ

މިޔަންމާގެ ރައީސްގެ މައްޗަށް ރޮހިންޔާ މުސްލިމުން ނައްތާލަން އުޅުއްވުމުގެ ދައުވާ

Oct 6, 2015

ރޮހިންގްޔާ މުސްލިމުން ނައްތާލަން މަސައްކަތް ކުރިކަމުގެ ދައުވާ މިޔަންމާގެ ރައީސްގެ މައްޗަށް އުފުލައިފިއެވެ.

މުސްލިމް ގްރޫޕްތަކެއްގެ ކޯލިޝަނަކުން ނިއުޔޯކްގެ ކޯޓެއްގައި އުފުލި ދައުވާގައި ބުނެފައި ވަނީ މިޔަންމާގެ ރައީސް ތެއިން ސެއިން އާއި އޭނާގެ ސަރުކާރުން މީސްކޮޅު މަދު ރޮހިންގްޔާ މުސްލިމުންގެ ނަސްލު ނައްތާލުމަށް އަނިޔާވެރި އަމަލުތަކެއް ހިންގި ކަމަށެވެ.

މި މައްސަލަ ކޯޓަކަށް ހުށައަޅާފައި މިވަނީ ޔަންމާގައި ގައުމީ ފެންވަރުގެ މުހިންމު އިންތިހާބުތަކެއް ފެށެން މަހަކާ ކައިރި ވެފައި ވަނިކޮށެވެ.

މިޔަންމާ ރައީސް ގެ ފަރާތުން ވާހަކަ ދެޢއްކެވި އޮފިޝަލް ވިދާޅުވީ އެމެރިކާގެ ކޯޓެއްގައި ކުރިއަށްދާ މައްސަލައެއްގައި ޖަވާބުދާރީ ވުމަށް ރައީސް ވަޑައިގަންނަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

މި ދައުވާގައި ބުނެފައިވާ ގޮތުގައި މިޔަންމާގެ ރައީސްއާއި ބައެއް މިނިސްޓަރުން ހިންގި މި ޖަރީމާތަކަށް ހިތްވަރުދީފައި ވަނީ ހައްދު ފަހަނަ އަޅާފައިވާ ބުދިސްޓް ފާދިރީންނެވެ. ރޮހިންގްޔާ މީހުންގެ ހަމަ އެކަނި މައްސަލަ އަކީ މުސްލިމުންނަށް ވުން ކަމަށާއި 1962 ވަނަ އަހަރުން ފެށިގެން ސަރުކާރުން އެމީހުންނާ މެދު ކަން ކޮއްފައި ވަނީ ވަރަށް އިހާނެތިކޮށް ކަމަށް ވެސް މި ދައުވާގައި ބުނެފައި ވެއެވެ.

މިޔަންމާގައި ރައްކާތެރިކަމެއް ނެތުމުން ރޮހިންގްޔާ ދަރިކޮޅިގެ އެތައް ބަޔަކު އަވައްޓޭރި ގައުމުތަކަށް ހިޖުރަ ކުރަން ފެށިއެވެ. އަދި ރެފިއުޖީންގެ ބޮޑު މައްސަލަ ގަނޑެއްގެ ތެރެއަށް މުޅި ސަރަހައްދު ދިޔައެވެ.