ދުންފަތުގެ އިސްތިއުމާލް

ޑިއުޓީ ބޮޑު ކުރުމުން ސިނގިރޭޓް ފޮއްޓެއް 100ރ. އަށް

Aug 1, 2020
3

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމާއެކު، ބައެއް ފިހާރަތަކުގައި ސިނގިރޭޓް ފޮއްޓެއްގެ އަގު 100ރ. އަށް މައްޗަަށް ޖައްސައިފި އެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުން ގެނައި އިސްލާހު ތަކަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާފައިވާއިރު، ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުން ކުރާ ބާވަތްތަކުގެ ޑިއުޓީ ވަނީ 200 ޕަސެންޓަށް ބޮޑުވެފަ އެވެ. މީގެ އިތުރުން ސިނގިރޭޓުގެ ޑިއުޓީގެ ގޮތުގައި އިތުރަށް 25 ޕަސެންޓް ނަގަން ވަނީ ނިންމާފަ އެވެ.

ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުމާއެކު ކުރިން 70ރ. ވަރަށް ވިއްކި ފޮއްޓެއްގެ އަގު ވަނީ ގާތްގަނޑަކަށް 30 ޕަސެންޓުގެ އުފުލުމަކާއެކު ފޮޓެއްގެ އަގު 100ރ. އަށް މަތިވެފަ އެވެ.

ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުމާއެކު ދައުލަތަށް ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.

ވޭތުވެދިޔަ ހަތް އަހަރުތެރޭގައި ތިން ފަހަރެއްގެ މަތިން ސުންފަތާއި އެއާ ގުޅޭ ބާވަތްތަކުގެ ޑިއުޓީއަށް ބަދަލު ގެނެސްފައިވެ އެވެ. ސިނގިރޭޓުގެ ޑިއުޓީ އެންމެ ފަހުން ބޮޑުކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ.